ލޯފަން ދަރިފުޅު ބަލަން އަބަދު ގޭގަ ހުންނަންޖެހުމުން ދާންބޭނުންވާ ތަންތަނަށް ނުދެވޭތީ ދަރިފުޅު ދޫކޮށްލި މަންމައަކަށް ޖެހުނު ނިކަމެތިޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ލޯފަން ދަރިފުޅު ބަލަން އަބަދު ގޭގަ ހުންނަންޖެހުމުން ދާންބޭނުންވާ ތަންތަނަށް ނުދެވޭތީ ދަރިފުޅު ދޫކޮށްލި މަންމައަކަށް ޖެހުނު ނިކަމެތިޙާލުގެ ވާހަކަ-

ނުކުޅެދުންތެރިކަން ހުންނަ ދަރިން ދޫކޮށްލާފައި ދިއުމަކީ ވަރަށް މަދު މަންމައަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން މިވާހަކަ މިގެނެސްދެނީ އެފަދަ ދަރިން ބެލުމުގެ ބުރައުފުލަމުންދާ މައިންނަށް ޙައްޤު އިޙްތިރާމް އަދާކުރަމުންނެވެ. އެފަދަ މައިންގެ އަގު ވަޒަންކުރަމުންނެވެ.  

އެދެމަފިރިންނަށް ލިބިފައިވަނީ އެންމެ ކުއްޖެކެވެ. އެއީ އަންހެން ކުއްޖެކެވެ. ލޯފަން ކުއްޖެކެވެ. ކުއްޖާގެ އުމުރުން 6 އަހަރުގައި މަންމަ ވަރިވެ ކުއްޖާ ދޫކޮށްލާފައި ނުކުމެގެންދިއައެވެ. ސަބަބެއް ކަމަށް ބުނީ އަބަދު ކުއްޖާ ބަލަން ގޭގައި އޭނާގެ ގާތުގައި ހުންނަން ޖެހޭތީ އޭނާއަށް އޭނާ ބޭނުންވާ އުފާ ހޯދަން އެއްވެސް ތަނަކަށް ނުދެވޭތީ ޢުމުރު އެކުގައި އެގޮތަށް ހޭދަކުރަން ބޭނުން ނުވާތީ ދަނީ ކަމަށެވެ. އަދި ދަރިން ބެލުމަކީ މައިންގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ބައްޕައިންގެ ޒިންމާއެއް ކަމަށެވެ. އެކަމަށް ފިރިމީހާ އެއްވެސް ޖަވާބެއް ނުދެއެވެ.  

ފިރިމީހާ އޭނާގެ ޒިންމާ އުފުލިއެވެ. ދަރިފުޅަށް މަންމައާއި ބައްޕަގެ ލޯބި އެކުގައި ދެވޭތޯ މަސައްކަތްކުރިއެވެ. އަދި މުސާރަދީފައި ދަރިފުޅު ބަލަން އަންހެނަކު ގެއަށް ގެނައެވެ. އެއީ ދަރިފުޅަކީ އަންހެންކުއްޖަކަށްވުމުން ފެންވަރުވައިދިނުން ފަދަ ކަންކަމުގައި ބައްޕައަކަށް ހުރަސްތަކެއް ހުރުމުންނެވެ.  

ކުއްޖާ ކޮންމެ ދުވަހަކުހެން މަންމަ ގެއަށް އަންނާނެ ދުވަހަކާއިމެދު ސުވާލުކުރެއެވެ. ބައްޕަ ބުނަނީ ވަޒީފާއަށް އެހެން ޤައުމަކަށްގޮސްފައިވާކަމަށާއި ފަހުން އަންނާނެ ކަމަށެވެ. މަންމަ ދަރިފުޅު ނުބަލަންވެގެން ދޫކޮށްލާފައި ދިއަވާހަކައެއް ނުބުނެއެވެ.  

ދަރިފުޅު ބަލަން ގެއެއަށް ގެނެވުނު އަންހެން މީހާވީ ކުއްޖާދެކެ ވަރަށް ލޯބިވާ އަންހެނަކަށެވެ. ފުރަތަމަ ހީކުރެވުނީ އެއީ ފަޤީރުވީމާ ފައިސާގެ ބޭނުމުގައި އުޅޭގޮތެއް ކަމަށެވެ. ނަމަވެސް ގިނަ ދުވަސްވުމުން އެއީ ހަމައެކަނި ފައިސާގެ ބޭނުމުގައި ބޭރުފުށުން ދައްކާ ގޮތް ނޫންކަން ޔަޤީންކުރެވުމުން ދެމީހުން މަޝްވަރާކުރުމަށްފަހު ކައިވެނިކުރީއެވެ.  

ގެއިން ދިއަތާ އަހަރަކަށްވުރެވެސް ގިނަދުވަސްކޮށްފައި މަންމަ އެނބުރި ގެއަށް އައިސް އޭނާގެ ވާހަކަތައް ކިޔައިދިނެވެ. 

"އަހަރެންނަށް ކަންކަން މެދުވެރިވީ ވަރަށް ދެރަގޮތަކަށެވެ. މިގެއިން ގޮސް ވަޒީފާއެއް ހޯދީމެވެ. އެކަމަކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަޒީފާ ގެއްލިއްޖެއެވެ. ވަޒީފާއެއް ހޯދަން އުޅުއުޅެހުއްޓައި އެކްސިޑެންޓެއްވެފައި ފައި ބިނދިއްޖެއެވެ. ހޮސްޕިޓަލުން ދޫކޮށްލީމާ އައިސް ގޭގައި ނުހިނގި އެތައް ދުވަހަކު އޮންނަން ޖެހުނެވެ. ހިނގައިގަނެވުމުން ވަޒީފާއެއް ހޯދަން އުޅެއުޅެ ވަޒީފާއެއް ނުލިބުނެވެ. މިހާރު އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ކެވޭނެ ގޮތެއްވެސް ނެތެވެ. މިހެން މިގޮތަށް ކަންކަން މެދުވެރިމިވީ އަހަރެންނަށް ކުރެވުނު ކުށުގެ ސަބަބުން ކަމަށް ޤަބޫލުކުރަމެވެ. އަހަރެންނަށް މާފުކޮށްފައި އަލުން މިގޭގައި ބައިންދައިދޭށެވެ. ދަރިފުޅުވެސް އަހަރެންގެ ލޯތްބަށް ބޭނުންވާނެއެވެ. އަހަރެން ދަރިފުޅަށް ލޯބިދޭނަމެވެ."  

ޖަވާބުގައި ފިރިމީހާ ބުނީ ކަލޭ ދަރިފުޅުދެކެ ދުވަހަކުވެސް ލޯބިނުވާނެ ކަމަށެވެ. މިގޭގައި އަރާމުގައި އިންނަން ލޯބިވެދާނެ ކަމަށެވެ. ދަރިން ބެލުމުގެ ޒިންމާއަކީ ބައްޕަގެ ޒިންމާއަކަށްވުމުން އެޒިންމާ އަހރެން މިދަނީ އުފުލަމުންނެވެ. އަހަރެންނަށް ދަރިފުޅަށް ކޮށްނުދެވޭ ކަންކަން ނުހަނު ލޯބިން ކޮށްދޭނެ އަނތބަކު އަހަރެން ހޯދައިފީމެވެ. ވީމާ ކަލޭ މިގޭގައި ބެއިންދުމަކީ މިހާރު ކުރެވެން އޮތް ކަމެއް ނޫނެވެ. އަހަރެން ކަލެއަށް އިންތިޒާރުކުރީމެވެ. ނަމަވެސް ދެން ކަލޭ މިގެއަށް ވައްދާކަށް ބޭނުމެއް ނޫނެވެ. ދޮންމަންމައަކު ހުރިނަމަވެސް ދަރިފުޅު ބެލުމުގެ ޒިންމާ މިއުފުލަނީ އަހަހަރެންނެވެ. އަހަރެން ދުނިޔޭގައި ނެތް ދުވަހަކުން އަންނާށެވެ." އެހެން ބުނެފައި އޭނާ ގެއަށްވެސް ނުވައްދައި ފޮނުވައިލީއެވެ.  

އެއިގެ ދެއަހަރު ފަހެވެ. ﷲ ގެ ރަޙްމަތްފުޅުން ޓެކްނޮލޮޖީގެ ކުރިއެރުމާއިއެކު އޮޕަރޭޝަންކޮށްގެން ދަރިފުޅުގެ ލޮލަށް ފެނުނެވެ. ދަރިފުޅު ގޮވައިގެން ގޮސް ޕާކެއްގައި އުޅުނު ދުވަހަކު ގޮނޑިއެއްގައި އިންދާ މަންމައަށް ދަރިފުޅު ފެނުނެވެ. ދުވެފައި އައިސް ދަރިފުޅާއި ވާހަކަދައްކަން އުޅުމުން އަނގައިންވެސް ނުބުންޏެވެ.  

ގެއަށް އައިސް މަންމަ އާއި އަނގައިން ނުބުނީ ކީއްވެގެންތޯ ދޮންމަންމަ ސުވާލުކުރުމުން ބުނީ ދޮންމަންމަ ދެރަވެދާނެތީ ކަމަށެވެ. އަދި މަންމައަކީ އޭނާއަށް މުހިންމު މީހެއް ނޫން ކަމަށެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައިގައި ގޯސްހެދީ މަންމަ ނަމަވެސް ހަމަ މިގޮތަށް ކަންކަންކުރާ ބައްޕައިންވެސް މަދެއް ނޫނެވެ. ވީމާ ބޭނުމީ މަންމަ ނުވަތަ ބައްޕަ ކުށްވެރިކުރާކަށް ނޫނެވެ. ބޭނުމީ މިފަދައިން ދަރިންނާއިމެދު ޢަމަލުކުރާ މައިންބަފައިންނަށް އެގޮތަށް ކަންކަން ނުކުރަން ބުނާށެވެ. ދަރިން އެއްލައިލައިގެން ކުރާނެ ޙަޤީޤީ ފައިދާއެއް ނުއޮންނާނެއެވެ. ލިބޭނެ ޙަޤީޤީ އުފަލެއްވެސް ނުއޮންނާނެއެވެ. ޚާއްޞަކޮށް ނުކުޅެދުންތެރިކަންހުރި ކުއްޖަކު ލިބުމުން ނިކަމެތިކޮށްލަން ހެޔޮނުވާނެއެވެ. އެކަން އެމީހަކާއި އަރައި ހަމަކުރާނެއެވެ. ނޭނގޭނީ ކޮންވަގުތަކު ކޮން ސިފައެއްގައި ކަމެވެ.

މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން