ޙަސަދަވެރިވިޔަސް މިއީ ބޮޑުވަރު!: ވަރިކޮށް ދަރިފުޅަށް އަޅާނުލައި ހުރެފައި ބޮޑުވުމުން އަނބިމީހާގެ ހިތްދަތިކުރުވުމުގެ ބޭނުމުގަ ދަރިފުޅު މަގުފުރެއްދި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 58ސ
ޙަސަދަވެރިވިޔަސް މިއީ ބޮޑުވަރު!: ވަރިކޮށް ދަރިފުޅަށް އަޅާނުލައި ހުރެފައި ބޮޑުވުމުން އަނބިމީހާގެ ހިތްދަތިކުރުވުމުގެ ބޭނުމުގަ ދަރިފުޅު މަގުފުރެއްދި ޙާދިސާއެއްގެ ވާހަކަ-

ވަރިކުރުމަށްފަހު އަނބިމީހާއަށް ޙަސަދަލާން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި ފިރިމީހާ ކުރިން ކައިވެންޏެއް ކޮށްފައިވުމަކީ ފަހުން ކައިވެނިކުރާ އަންހެނަކު އޭނާގެ ކުރީގެ އަނބިމީހާއަށް ޙަސަދަލާންޖެހެންވީ ސަބަބެއްވެސް ނޫނެވެ. ނަމަވެސް ހިތާމައަކީ ބައެއް މީހުންނަށް އެކަން ނުވިސްނޭކަމެވެ. ނުވިސްނެނީ ވިސްނަން ބޭނުންވެސް ނުވާތީއެވެ!  

މައިމީހާ ނުހަނު ބުރަމަސައްކަތުން ދަރިފުޅު ގެންގުޅެނިކޮށް އެދަރިފުޅު މަގުފުރައްދަން މަސައްކަތްކުރާކަން އެއީ ކުރާ އެންމެ ދެރަ ކަންތަކެވެ. އެއިރުން އެއްވެސް ކުށެއް ނެތް މަޢްޞޫމް ކުއްޖަކު ޙަސަދައިގެ ސަބަބުން މަގުގެއްލި ހަލާކުވެގެންދާތީއެވެ. މިފަދަ ކަންކަމަކީ ހަމައެކަކުވެސް ކުރަން ހެޔޮވާނެ ކަންކަމެއް ނޫނެވެ.  

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ރަނގަޅު ޢިބްރަތަކަށްވާނެއެވެ. އިން ޝާ ﷲ  

އޭނާގެ އުމުރުން އެންމެ 2 އަހަރުވެސް ނުވަނީސް އޭނާގެ ބައްޕަ އޭނާ ދޫކޮށްލާފައި ހިނގައްޖެއެވެ. މައިމީހާ ވަރިކޮށްލާފައި ނުކުމެގެންދިއައީއެވެ. އެއިރުންސުރެ މަންމަ އެކަނިމާއެކަނި ދަރިފުޅު ގެންގުޅެ ބޮޑުކުރީ ވަރަށް ދަތިޙާލުގައެވެ.

ކާބޯތަކެތި ހޯދައި ގޭގެ ބިލްތައް ދައްކަނީ އަވަށްޓެރިންނަށާއި ގާތްމީހުންނަށް ނޯކިރީކޮށްދީގެންނެވެ. އެފަދަ ދަތިޙާލުގައި އުޅުނުއިރުވެސް އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ނުއެދެއެވެ. ޢިއްފަތްތެރިކަން ގެއްލިދާނެ ފަދަ ކަމެއްވެސް ނުކުރެއެވެ. އަބަދުވެސް މަސައްކަތްކުރަމުން އައީ ދަރިފުޅަށްޓަކައި ނަމޫނާ މަންމައަކަށްވުމަށެވެ.  

ކަންދިމާވިގޮތުން ދަރިފުޅު ބޮޑުވަމުން އައިވަރަކަށް މަންމަގެ ބަސް ޤަބޫލުނުކުރުންވީ އިތުރެވެ. ކުރަންބޭނުންވާ އެއްވެސް ކަމެއް ނުކުރަން ބުނެފިނަމަ ދުލުން ނުބައި ބަސްތައް ބުނެއެވެ. އުމުރުން 14 އަހަރުގައި ރޭގަނޑު ބޭރަށްދާން އުޅެނިކޮށް ރޭގަނޑު ބޭރަށް ނުދާން ބުނި ނަމަވެސް ބުނާނީ ހުރިހާ އެކުވެރިންދާއިރު އޭނާވެސް ނުދާންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.  

މިފަދަ ކަމެއް ޒުވާބަކަށްވީ ރެއަކު ދަރިފުޅު ބުންޏެވެ. "ކަލޭ ނެތްނަމަ މާރަނގަޅުވީހެވެ. އަހަރެން ބޭނުން ގޮތަކަށް ދުނިޔޭގައި އުޅެވުނީހެވެ. ކަލެއާއިހުރެ މިޖެހެނީ ކަލޭގެ އަޅަކަށްވެގެން އުޅޭށެވެ. އެއްވެސް ކަމަކުން މިނިވަންކަމެއް ނެތެވެ."  

ދަރިފުޅުގެ މިބަސްތަކުން މަންމަގެ ހިތްފަޅައިގެންދިއަފަދައެވެ. ލިބުނު ޝޮކްގައި މޫނުމައްޗަށް އަނދިރިވެގެން ވެއްޓިއްޖެއެވެ. އަވަށްޓެރިންނަށް ގޮވުމުން އައިސް ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ހޭނާރައެވެ. ޑޮކްޓަރުން ކުރިމަސައްކަތުންވެސް ހޭނޭރުމުން އައިސީޔޫގައި ބޭއްވީއެވެ.  

އަނެއް ދުވަހު ހަވީރު ޒިޔާރަތްކުރި އަވަށްޓެރިއަކު ސިޓީއުރައެއް ދީފައި ބުނީ އެއީ މީގެ 3 ދުވަސްކުރިން މަންމަ ޙަވާލުކުރިއެއްޗެއް ކަމަށެވެ. މަންމައަށް ދެރަ ގޮތެއް މެދުވެރިވެއްޖެނަމަ ދަރިފުޅާއި ޙަވާލުކުރަން ވަނީ ވަޞިއްޔަތްކޮށްފައެވެ. އެހެން ބުނުމުން ސިޓީއިރައިގައިވާ ލިޔުން ނަގައި ކިޔައިލިއެވެ.  

ލޯބިވާ ދަރިފުޅާއެވެ! އެކަނިމާއެކަނި ދަރިފުޅު ގެންގުޅެ ބޮޑުކުރަން މަންމަ ކުރި މަސައްކަތުގް ވާހަކަ ދައްކާކަށް ނެތީމެވެ. ހުރިހާ ކަމެއް ﷲ ދެކެދެނެވޮޑިގެންވާނެއެވެ. މަންމަ ދަރިފުޅުގެ ކިބައިން ދުވަހަކުވެސް މަންމަގެ އެއްވެސް ކަމަކަށް ނުއެދުމެވެ. އަބަދުވެސް އެދުނީ ދަރިފުޅުގެ އަޚްލާޤް ރަނގަޅުކުރުމަށެވެ. ހުރިހާ ނަޞޭޙަތެއް ދިނީވެސް، ބުނިހާ ބަހެއް ބުނީވެސް ﷲ ގެ މަގުގައެވެ. ދަރިފުޅަކީ އަޚްލާޤް ރަނގަޅު، ﷲ އަށް ބިރުވެތިވާ ކުއްޖަކަށް ހެދުމަށެވެ.  

ދަރިފުޅަށް މަންމަގެ ބަސް ޤަބޫލުނުކުރެވުނު ސަބަބު މަންމައަށް މާކުރިންސުރެވެސް އެނގުނެވެ. ނަމަވެސް އެވާހަކަ ދައްކަން ބޭނުން ނުވީއެވެ. ދަރިފުޅުގެ ކެއިންބުއިމަށާއި އުނުއަންނައުނަށާއި ކިޔަވަން މިހައި ތަނަށް ބައްޕަ އެންމެ ލާރިއެއް ޚަރަދުނުކުރި ނަމަވެސް ދަރިފުޅު ބޮޑުވުމުން ސިއްރުން ގެންގޮސް މެޓައާއި ޗޮކްލެޓާއި އައިސްކްރީމްދީ ހަދާކަން އެނގުނެވެ. ދަރިފުޅު ގޭގައި މަޑުނުވެ ބޭރުގައި އުޅެން ދޮންމަންމަ ބުނާކަންވެސް އެނގުނެވެ. މިޒަމާނުގެ ހޭލުންތެރި ކުއްޖަކަށްވެވޭނީ ބޯއިފްރެންޑުންނާއިއެކުގައި އުޅެގެންކަމަށް ބުނާކަންވެސް އެނގުނެވެ.  

ލޯބިވާ ދަރިފުޅާއެވެ! މަންމަ ނެތް ދުވަހުގައިވެސް ﷲ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެވޭތޯ މަސައްކަތްކުރާށެވެ. ދުވާލަކު 2،3 ގޭގައި މަސައްކަތްކުރާއިރުވެސް ނަމާދެއް ނާޅާކަމާއި ދަމުނަމާދުކުރާކަންވެސް އެނގޭނެއެވެ. ހިލޭ ފިރިހެނަކާ ވާހަކަ ނުދައްކާކަންވެސް އެނގޭނެއެވެ. ނެތް ދުވަހު ނުކައިހުންނަކަންވެސް އެނގޭނެއެވެ. އެޙާލުގައިވެސް ދަރިފުޅަށް ދަތިވީ އެއްވެސް ކަމެއް ނެތްކަންވެސް އެނގޭނެއެވެ.  

ދަރިފުޅުގެ ބައްޕަ އާއި ދޮންމަންމަ ބޭނުންވީ ދަރިފުޅު މަގުފުރައްދައިގެން މަންމަގެ ހިތްދަތިކުރުވާށެވެ. އެކަން އެމީހުންނަށް ކިތަންމެ ރަނގަޅަކަށްވެސް ޙާޞިލުކުރެވިއްޖެއެވެ. ނަމަވެސް މަންމަގެ އެއްވެސް ޝަކުވާއެއް ނެތެވެ. މިދުނިޔޭގައި މަންމަގެ ހިތުގައިވެސް ހަށިގަނޑުގައިވެސް އެޅި ކޮންމެ ވޭނަކީ ޤިޔާމަތް ދުވަހު މަންމައަށް އޮތް ބޮޑު ރަޙްމަތެކެވެ. މަންމައަކީ މިދުނިޔެއިން އުފާތައް ބޭނުންވާ މީހެއް ނޫނެވެ. އުފާވެރިކަން މަންމަ ބޭނުމީ ޤިޔާމަތްދުވަހުންނެވެ.  

މަންމަގެ މިވާހަކަތަކުން މިއަދު ދަރިފުޅަށް މާބޮޑު އަސަރެއް ނުކޮށްފާނެއެވެ. މަންމަ އެދެނީ މިލިޔުން ދަރިފުޅުގެ އަތުގައި ބާއްވައިދިނުމަށެވެ. އަހަރަކު އެއްފަހަރު ނަމަވެސް ކިޔައިލާށެވެ. ކޮންމެވެސް ދުވަހަކުން ފައިދާ ކުރާނެއެވެ. އިން ޝާ ﷲ  

ލޯބިވާ މަންމަ"  

މަންމަގެ ވަޞިއްޔަތް ކިޔައި ނިމުނުއިރު ދަރިފުޅަށް ހުރީ ރޮވިފައެވެ. އެންމެ ބޮޑަށް ޙައިރާންވީ ހުރިހާ ކަންކަން މަންމައަށް އެނގޭއިރުވެސް އެއިން އެއްވެސް ވާހަކައެއް ނުދައްކައިހުރުމުންނެވެ. ނަޞޭޙަތްދިނުން ނޫންކަމެއް ނުކުރާތީއެވެ. ރުޅި އައިސްގެން ބަހެއް ނުބުނާތީއެވެ.

ދަރިފުޅުގެ ހިތަށް އެރިއެވެ. "އިރާދަކުރެއްވިއްޔާ މަންމަ ގަދަވާނެއެވެ. ގަދަވީމާ މިއީ ފިސާރި މަންމަގެ ބަސް ޤަބޫލުކުރާ، މަންމަ އެދޭގޮތަށް ދުނިޔޭގައި އުޅޭ ދަރިއެއްކަން ދައްކައިލާނަމެވެ."  

ދަރިފުޅުގެ އުޅުން ބަދަލުކޮށްލިއެވެ. ހޮސްޕިޓަލުގައި އިނދެގެންވެސް ނަމާދުކުރަން ފެށިއެވެ. ސަޖިދައިގައި ރޮއި ކަރުނައަޅަމުން މަންމައަށްޓަކާ ދުޢާކުރަން ފެށިއެވެ.  

ﷲ ގެ ހެޔޮ ރަޙްމަތްފުޅުން 7 ވަނަ ދުވަހު މަންމަ ހޭއަރައިފިއެވެ. ހޭއެރުމާއިއެކު ވޯޑަށް ބަދަލުކޮށްފިއެވެ. މަންމައަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދަރިފުޅަށް ލިބިއްޖެއެވެ. އެކަމުގައި ދަރިފުޅު ދައްކައިދިނީ ލާމަސީލުކަމުގެ ނަމޫނާއެކެވެ. އެންމެ ހިނދުކޮޅަކަށްވެސް މަންމަގެ ގާތަކުން ދުރަކަށް ނުދެއެވެ. ހުރިހާ ވަގުތެއް ހޭދަކުރީ މަންމަ ގާތުގައެވެ. ފެންވެރީ ހޮސްޕިޓަލުގެ ފާޚާނާއިންނެވެ. ނިދީ ގޮނޑީގައި އިނދެގެންނެވެ. ކާނެ އެއްޗެތި ގެނެސްދިނީ އަވަށްޓެރިންނެވެ.  

10 ވަނަ ދުވަހު ގެއަށް ދެވިއްޖެއެވެ. ގެއަށް ދެވުމުން ސްކޫލަށް ނޫންތަނަކަށް ނުދެއެވެ. އަބަދުހުރީ މަންމަ ފެންނަފަށުގައެވެ. މަންމަ ގަދަވެ އާންމު ގޮތަކަށް އުޅެވެން ފެށުމުންވެސް ދަރިފުޅުގެ ޢަމަލުތައް ބެހެއްޓީ ހަމަ އެގޮތަށެވެ.

މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ އެދަރިފުޅު ކިޔަވައި ބޮޑުވެ އަމިއްލަ ފަރާތަކުން ދިން ސްކޯލާޝިޕެއްގައި ޑޮކްޓަރަކަށްވެ މިއަދު އޭނާއަކީ ރާއްޖޭގައި ޚިދުމަތްކުރާ އެންމެ ހީވާގި އެންމެ ހިތްހެޔޮ އެއް ޑޮކްޓަރުކަމެވެ. މައިމީހާ ދަރިފުޅަށްޓަކައި ކުރަމުން އައި ދުޢާ އާއި ދަރިފުޅުގެ ޢަމަލުތައް އިޞްލާޙްވެ ދެމައިން އެކުގައި ކުރި ދުޢާގެ ނަތީޖާ މިއަދު މިފެންނަނީ ވަރަށް އުފާވެރިކޮށެވެ.  

މފަދަ ބައްޕައިންނާއި ދޮންމަންމައިންނަށް ބުނެލަން ބޭނުމީ ކަލޭމެންގެ ހިތުގައި އުފެދިފައިވާ ޒާތީ ޙަސަދައިގެ އަލިފާނުގައި ކުޑަކުދިން ނުއަންދާށެވެ. އެކުދިންގެ ދިރިއުޅުން ހަލާކުކޮށް ނަރަކައަށް ފޮނުވާބައަކަށް ނުވާށެވެ! ތިމާމެންގެ އަމިއްލަ ދަރިންނަށް މަނާކުރާނެ ކަންކަން އެހެންމީހުންގެ ދަރިންލައްވައި ނުކުރުވާށެވެ!  

މިސާލަކަށް އެކުއްޖާގެ މަންމަ ހޭނާރައި މަރުވިނަމަ، އެކުއްޖާ އިޞްލާޙް ނުވެ، އެކުއްޖާއަކީ ވިޔާނުދާކުއްޖެއްގެ ގޮތުގައި ބޮޑުވިނަމަ އޭނާ މަގުފުރެއްދި މީހުންނަށް ޤިޔާމަތްދުވަހު ޖެހޭނީ ކޮން ޙާލެއް ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަންކަން ކަމަށް ދެކެމެވެ.

 

- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން