ޢިބްރަތްތެރި ވާހަކަ: ބަލިޙާލެއް ޖެހުމުން ފިރިމީހާ އޭނާ އެއްލާލާފަ ދިއަކަން ބޮޑު ރަޙުމަތަކަށްވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 31ސ
ޢިބްރަތްތެރި ވާހަކަ: ބަލިޙާލެއް ޖެހުމުން ފިރިމީހާ އޭނާ އެއްލާލާފަ ދިއަކަން ބޮޑު ރަޙުމަތަކަށްވި އަންހެނެއްގެ ވާހަކަ-

ކައިވެނިކުރަނީ ޢުމުރަށް އެކުގައި އުޅުމަށެވެ. ނަމަވެސް އެޢަޒުމުގައި ދިރިއުޅެން މަސައްކަތްކުރެވެނީ ވަރަށް މަދު ބައަކަށެވެ. ބައިވެރިޔާ ގަދަވެ ހުރިނަމަ ބޭވަފާތެރިވެވެއެވެ. ބަލިވެއްޖެނަމަ ބުރައަކަށްވެ ދޫކޮށްލެވެއެވެ.

އަދި މިގޮތަށް އަނިޔާވެރިވާ ބައިވެރިންގެ ތެރެއިން ގިނަ ބައަކު ބުނަނީ 95 އިންސައްތަ ފިރިން ކަރުނައަޅަމުން އެނބުރި އަންނަ ކަމަށެވެ. ތިރީގައި އެވަނީވެސް އެނބުރި އައިސް ކަރުނައެޅި ފިރިއެއްގެ ވާހަކައެވެ. އަނބިމީހާ ބަލިޙާލުގައި އޮއްވައި ވަރިކޮށްލީ ގަދަވާނެ ކަމުގެ އުންމީދެއްވެސް ނެތް މީހަކާއިއެކު ދިރިއުޅެން ބޭނުންނުވާތީއެވެ. އެނބުރި އައިސް ހަމައެފިރިމީހާ އަޑުންއަޑުނަގައި ރޮއި ކަރުނައެޅުމުން ކަންކަން މެދުވެރިވި ގޮތުގެ ވާހަކަ ވިދާޅުވެލައްވާށެވެ.  

އަޅުގަނޑުމެން ދެމަފިރިންނަށް ލިބުނީ އެންމެ ދަރިއެކެވެ. އެއީ އަންހެންކުއްޖެކެވެ. ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން ދަނިކޮށް ދަރިފުޅުގެ އުމުރުން 12 އަހަރުގައި ދަރިފުޅުގެ ބައްޕަ، އަޅުގަނޑުގެ ފިރިމީހާ ނިޔާވުމުން ކިތަންމެހައިވެސް ދެރަވިއެވެ. ނަމަވެސް ބައްޕަ ނިޔާވިކަން ދަރިފުޅަށް އިޙްޞާޞްވިއަކަނުދެމެވެ. ދަރިފުޅު ގެންގުޅުނީ މަންމައާއި ބައްޕަގެ ލޯބިވެސް ދީގެންނެވެ. މާނައަކީ ގެންގުޅެވުނު އެންމެ ރަނގަޅަކަށެވެ. އެއްވެސް ކަމަކަށް ދަތިވިއަކަ ނުދެމެވެ. 

އަޅުގަނޑުމެންގެ ގެއަކީ ކުޑަކުޑަ ގެއެކެވެ. ނަމަވެސް ފިރިމީހާ ނިޔާވުމުން މަޖުބޫރުވެގެން 2 ކޮޓަރި ކުއްޔަށްދިނީމެވެ. ދަރިފުޅަށް ކިޔަވައިދީ ގޭގެ ޚަރަދުތައް ކުރީ އެކަމުން ލިބުނު ފައިސާކޮޅުންނެވެ. ކިތަންމެހައިވެސް ދަތިވިއެވެ. ނަމަވެސް އެކަން ދަރިފުޅަކަށް ނުއަންގަމެވެ. އިޙްޞާޞްކުރެވޭނެ ފަދަ ކަމެއްވެސް ނުކުރަމެވެ.  

ކޮންމެއަކަސް ކިޔަވައިނިމި ދަރިފުޅު ވަޒީފާއަދާކުރަން ފަށައިފިއެވެ. ދުވަސްކޮޅެއްފަހުން ކައިވެނިވެސްކޮށްފިއެވެ. ދުވަސްކޮޅެއްފަހުން ބަލިވެއިނދެ ލޯބިލޯބި ފިރިހެންކުއްޖަކު ވިހައިފިއެވެ. ކުއްޖާގެ އުމުރުން 4 އަހަރުގައި އަޅުގަނޑުގެ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. ޑޮކްޓަރުން އުންމީދުވެސް ކަނޑައިލިއެވެ. ނަމަވެސް އަޅުގަނޑު އުންމީދު ކަނޑައެއް ނުލަމެވެ.  

ދުވަސްކޮޅެއްވީތަނާ ދަރިފުޅުގެ ފިރިމީހާ ގެއިން ނުކުމެގެން ހިނގައްޖެއެވެ. ދަމުން ބުނީ ގަދަވާނެ ކަމުގެ އުންމީދު ނެތް އަންތބަކަށްޓަކައި ދުވަސްތައް ބޭކާރުކޮށްލެވެން ނެތީމާ ވަރިކޮށްފައި ދަނީ ކަމަށެވެ. އެހެން ބުނުމުން ވަރަށް ދެރަވިއެވެ. ނަމަވެސް ކުރިމަތީގައި އެންމެ ބަހެއްވެސް ނުބުނަމެވެ. އެއީ ބުނިނަމަވެސް ކުރާނެ ފައިދާއެއް ނެތުމުންނެވެ.  

ދަރިފުޅު އޮތް ޙާލުގެ ސަބަބުން އެވާހަކަ ދަރިފުޅު ގާތަކުވެސް ނުބުނަމެވެ. ދަރިފުޅު ސުވާލެއްވެސް ނުކުރެއެވެ. އެއީ ފަހަކަށް އައިސް ފިރިމީހާ އޭނާ ދެކެލަން ގޮސްލަނީވެސް ވަރަށް މަދުންކަމަށްވުމުން އޭނާއަށް ކަންކަން ވިސްނޭތީއެވެ.  

ދަރިފުޅު ހޮސްޕިޓަލުގައި އޮންނަތާ 5 މަސްދުވަހާއި ގާތްވެފައިވަނިކޮށް އުފާވެރި ޚަބަރު ލިބިއްޖެއެވެ. ދަރިފުޅުގެ ލޭގައި ހުރި ގޮތް ނުއެނގުނު ނުރައްކައުތެރި ސެލްތައް ފިލައި ޝިފާ ލިބުނީއެވެ. އެކަމުން ފުއްޕާމެއަށް ލިބުނު ގެއްލުމަށްވެސް ޝިފާލިބުނީއެވެ.  

ދަރިފުޅު ގޮވައިގެން ގޮސް ގެއަށް ވަންތަނުން އޭނާގެ ދަރިފުޅު ގޮސް ބައްދާލާފައި މަންމައަށް މަރުޙަބާކިޔެވެ. ބައްޕަ ގެއިން ދިއަވާހަކަވެސް ބުނެފިއެވެ. އެވަގުތު އަޅުގަނޑު ބުނީމެވެ. "ދަރިފުޅާއެވެ. އެކަމާ ނުވިސްނާށެވެ! ޝިފާ ލިބުނު ނަމަވެސް އަދި ހަށިގަނޑު ވަރަށް ބަލިކަށިވާނެއެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބެން އަހަރެއްހައި ދުވަސްވެސް ނަގައިފާނެ ކަމަށް ޑޮކްޓަރު ބުނި ނޫންހެއްޔެވެ؟ މިހާލަތުގައި ގެއްލޭނީ އެކުގައި އުޅުމުން ފަހުން މާބޮޑަށް ގެއްލުން ލިބި ހިތާމަކުރަންޖެހޭނެ ފިރިއެއް ވީމައެވެ. ވީމާ އޭނާ އަމިއްލައަށް ދިއަކަން އެއީ ދަރިފުޅުގެ ނަޞީބުކަމުގައި ޤަބޫލުކުރާށެވެ."  

މަހެއްހައިދުވަސްފަހެވެ. ދަރިފުޅު އޮފީހަށްދާން ފަށައިފިއެވެ. ހަމަ ކުރިންވެސް ދިއަ އޮފީހަށެވެ. އެއީ ވަރަށް ރަނގަޅު ބައަކަށްވާތީ އެހައިދުވަސްވީއިރުވެސް ދަރިފުޅު ވަޒީފާއަކުންވެސް ވަތްކެއް ނުކުރެއެވެ. މުސާރަވެސް ދިނެވެ. ޙާލުބަލައި އެހީތެރިވެސްވިއެވެ. އެގޮތަށް ކަންތައްކޮށްދިނީ ދަރިފުޅުވެސް އޭނާގެ ޒިންމާ ރަނގަޅު ގޮތުގައި އުފުލައިގެން ވަޒީފާއަދާކުރީތީއެވެ. ދަރިފުޅުގެ ކިބައިން އެމީހުންނަށްވެސް ފައިދާކުރީތީއެވެ.  

އަހަރެއްހައި ދުވަސްފަހުން ދަރިފުޅު ދެވަނަ ކައިވެނިކޮށްފިއެވެ. ކައިވެނިކޮށްގެން ވަރަށް އުފަލުގައި އުޅެމުން ދަނިކޮށް އެއްރެއަކު ކުރީގެ ފިރިމީހާ ގެއަށް އަތުވެއްޖެއެވެ. ދެވަނަ ކައިވެނިކުރިކަން ނުއެނގި އޮތުމުން ކަމަށްވެސް ވެދާނެއެވެ.  

ބެލްޖެހުމުން ދޮރުހުޅުވުނީ އަޅުގަނޑަށެވެ. އޭނާ ހިކިފައިހުރިވަރުން ނުވެސް އެނގުނެވެ. ކާކުކަން އެނގުނީވެސް "މަންމާ" އޭ ގޮވައިލުމުންނެވެ. ގެއަށް ވައްދައި ކާންވެސްދިނީމެވެ. ކާން އިނދެގެން ވަރަށް ދެރަވެފައި ބުންޏެވެ. "ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން ޤަބޫލުކުރަމެވެ. މާފުކުރަން އުނދަގޫވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުގައިވެސް މާފުކޮށްދޭށެވެ. މަންމަ ބުނީމާ އޭނާ މާފުކުރާނެއެވެ. އަންހެނެއްގެ އަވާގައި ޖެހި ގޯސްތަކެއް ހެދުނީއެވެ. އެކަން ވިސްނުނުއިރު ޖެހިފައިހުރި ޙާލުހަށިގަނޑުން މިފެންނަނީއެވެ. ދެން ދުވަހަކުވެސް މިގެއަކުން ނުދާނަމެވެ."  

އަޅުގަނޑު ބުނީމެވެ. "މާފުކުރިޔަސް ނުކުރިޔަސް އެކަމުން ދަރިފުޅަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިގެއިން އަވަހަށްދާށެވެ. އެނބުރި ދުވަހަކުވެސް މިގެއަށް ނުއަންނާށެވެ! ދަރިފުޅު ދެވަނަ ކައިވެނިކޮށްފިއެވެ. ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ. ތިއަ ދަރި އޭނާ ވަރިކުރިކަން ވީ އޭނާއަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތަކަށެވެ. ވީމާ މިގެއަށް ދެން ވެއްދޭކަށް ނެތެވެ."  

އެހިސާބަށް ބުނަންވާއިރަށް ބާރަށް ރޯންފަށައިފިއެވެ. އެއަޑަށް އަޅުގަނޑުގެ ދަރިފުޅާއި ފިރިމީހާ އާއި ކުޑަދަރިފުޅުވެސް އެތަނަށް އަތުވެއްޖެއެވެ. ނަމަވެސް އެއީ އޭނާކަން އެނގުނިމާ އަނބުރާލާފައި ދިއައީއެވެ. އޭނާ ރޮމުން، އޭނާގެ ދަރިފުޅަށް ގޮވިއެވެ. ނަމަވެސް ބަލައިވެސް ނުލައި ދިއައީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. އެދުވަހު އޭނާ ދަރިފުޅު ވަރިކޮށްލާފައި ދިއައީ ގަދަވާނެކަމުގެ އުންމީދު ނެތް އަންތބަކާއެކު ދުވަސްތައް ބޭކާރުނުކުރާށެވެ! ކުޑަ ދުވަސްކޮޅެއްފަހުން އެނބުރި އެއައީ ދެން ދުވަހަކުވެސް ގެއިން ނުނުކުންނަ ގޮތަށެވެ. ނަމަވެސް ކަންތައް ދިމާވީ ދުވަހަކުވެސް އޭނާ ގެއަށް ވެއްދެންވެސް ނެތް ގޮތަށެވެ. ވީމާ އެބާވަތުގެ ރަހުމެއް ކުލުނެއް ނެތް މީހުންނަށް މިވާހަކައިން ކޮންމެވެސް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަމެވެ.

 

- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން