އެއީ ތަނަވަސް ފިރިއެކެވެ. ނިކަމެތިންނަށް އެހީތެރިވާން ބޭނުންވާވަރު ބޮޑުކަމުން ކައިވެނިކޮށްގެން އުޅުނީ ގޭގޭގައި މަސައްކަތްކޮށްދީގެން އުޅުނު ނިކަމެތި އަންހެނަކާއިއެވެ. ކައިވެނިކުރެވުމުން އަނބިމީހާއަށް އޭނާގެ ސައިޒުއޮޅުނެވެ. ކުރިން އުޅުނު ދަތިޙާލު ހަނދާން ނެތުނެވެ. އެހެންވެ އަޚްލާޤަށް ދިއައީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ފިރިމީހާއަށް އެކަން ފާހަގަކުރެވެއެވެ. ނަމަވެސް ބަހެއް ނުބުނެ ކަންކަން ބަލަންހުރީ މައްޗަށް އެރޭ ހިސާބެއް ބަލަންވެގެންނެވެ.
ދެމަފިރިން އަގުބޮޑު ރެސްޓޯރަންޓަކަށް ދިއަރެއެކެވެ. ތަން އޮތީ ފުރިފައެވެ. އެހެންކަމުން އޯޑަރު ގެނެވުނީ ތަނަކޮޅެއް ލަހުންނެވެ. އަނބިމީހާ އައިރުޅީގައި ވެއިޓަރަށް ނުބައިބަސްތައް ބުނެ އެއްޗެތި ގޮވަންފެށިއެވެ. ނިކަމެތިންނަށް ތަނަވަސް މީހުންގެ ވަޤުތުގެ އަގު ނުއެނގޭނެ ކަމަށްވެސް ބުންޏެވެ.
ފިރިމީހާ އެދުނީ ބިލްގެނެސްދިނުމަށެވެ. ބިލްބެގެންސްދިނުމުން ފިރިމީހާ މެސެޖެއްކޮށްލިއިރަށް ތަނުގެ ވެރިމީހާ އައުމުން ފިރިމީހާ ބުންޏެވެ. "އަހަރެން ބިލް އަދާކޮށްފީމެވެ. އެކުވެރިޔާއަށް ހަދިޔާއަކާއިވެސް އެކުގައެވެ. އެއްވެސް ނުބައި ބޭނުމަކު ނޫނެވެ. ފާޙިޝް ޢަމަލެއް ކުރާކަށްވެސް ނޫނެވެ. އަހުރެންނާއިއެކު މިވެއިޓަރު ގެއަށް ފޮނުވައިދީބަލާށެވެ."
ވެރިމީހާ އެކަމަށް ރުހުމުން ނުވެސް ކައި ފިރިމީހާ ވެއިޓަރުގެ ކިބައިން އެދުނީ އޭނާއާއިއެކު އައުމަށެވެ. އަނބިމީހާ ޙައިރާންވެފައި އިންދާ ދެމީހުން ހިނގައިގަތުމުން ކެއުން ހުއްޓާލާފައި ފަހަތުން ހިނގައިގަތެވެ.
އަނބިމީހާ އަނގައިންވެސް ބުނަންނުކެރިހުރެފައި ކާރުގެ ކުރީ ސީޓަށް އަރަން އުލެންފެށުމުން ބުނީ ފަހަތުސީޓަށް އެރުމަށެވެ. ވެއިޓަރު ގާތުގައި ބުނީ ކުރީ ސީޓަށް އެރުމަށެވެ. ގެއަށް ދިއުމަށްފަހު ފިރިމީހާ ބުންޏެވެ. "މިގެނައީ ކަމަކުއެވެ. ރެސްޓޯރަންޓުން ލިބުނު މުސާރައަށްވުރެ ރަނގަޅު މުސާރައެއް ދޭނަމެވެ. މިގޭގައި ހުންނާށެވެ. ވަޒީފާއަކީ އަހުރެންނަށް ކާންހެދުމެވެ. އެހެން އެއްވެސް ކަމެއްކުރާނެ ކަމެއް ނެތެވެ."
ވެއިޓަރު ވިސްނައިލިއެވެ. މިއުޅެނީ ބޮޑު ކަންތައްގަނޑެއް ކުރިމަތިވާށެވެ. އަނބިމީހާގެ ޙަސަދަވެރިކަން ވަރަށް ބޮޑުވާނެއެވެ. އެކަމަކުވެސް މިއީ ދޫކޮށްލާވަރުގެ ފުރުޞަތެއް ނޫނެވެ. ފަހަތުގައި ކޮންމެވެސް ރަނގަޅު ގޮތެއް އޮންނާނެއެވެ. ހުރިހާ ކަމަކަށް ވިސްނައިލުމަށްފަހު ވަޒިފާ ޤަބޫލުކުރިއެވެ.
ދުވަސްކޮޅެއްވާއިރަށް އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ފޮނުވާލަން ބޭނުންވެގެން ޝަކުވާކުރަން ފަށައިފިއެވެ. އެކަމަކު ވެއިޓަރާދިމާއަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރެއެވެ. ހުރިހާ ޝަކުވާއެއް ކުރަނީ ފިރިމީހާއަށެވެ. ފިރިމިހާ އެއްވެސް ޖަވާބެއް ނުދެއެވެ.
އަނބިމީހާ ވެއިޓަރުގެ ކުށެއް ހޯދަން ވަރަށް މަސައްކަތްކުރިއެވެ. އެކަމަކު އެންމެ ކުޑަމިނުން ކާމޭޒުކައިރީގައި ނޫނީ ފިރިމީހާއާއި ދެމީހުން އަނގައިންބުނާތަނެއްވެސް ނުފެނުނެވެ. އެވަރުންވެސް ކެތްނުކުރެވިގެން ޝަކުވާކުރަމުން ގޮސް އޭނާ ގޭގައި ގެންގޫޅޭނަމަ ގޭގައި އުޅެން ބޭނުން ނޫންކަމަށް ބުނެފައި ނުކުމެގެންދިއައީއެވެ. ހީކުރީ ފިރިމީހާ އޭނާ ހުއްޓުވާނެ ކަމަށެވެ. ނަމަވެސް ގެއިން ނުކުތްވަޤުތު ފިރިމީހާ ބުނިހާވެސް ބަހަކީ "ތަނަވަސްކަން ލިބުމުން ސައިޒުއޮޅި ނިކަމެތިންނަށް ނިކަމެތިބަސްބުނާ މީހަކާއެކު ދިރިއުޅެން މަސައްކަތްކުރާ މީހަކަށްވެސް އެކަމުގެ ސުންޕާކަން ނުޖެހިނުދާނެއެވެ. އަމިއްލައަށް ދާންނިންމިކަން އެއީ ވަރަށް ރަނގަޅަށް ކުރި ކަމެކެވެ. އަވަހަށްދާށެވެ!"
އެއިގެ ފަހުން މަހެއްހައިދުވަސްވެސް ނުވަނީސް ވެއިޓަރާއި ކައިވެނިކޮށްފިއެވެ. ހަމަ އެންމެ ބޭނުމަކުއެވެ. ނިކަމެއްޗަކަށް އެހީތެރިވެދިނުމެވެ. އެދެމީހުންގެ ކައިވެންޏަށް މިހާރު 8 އަހަރުވެއްޖެއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެނީ ވަރަށް ލޯބިންނެވެ.
ބާޒާރަށް ގޮސްއުޅޭއިރުވެސް ނިކަމެތިންނާއި ބައްދަލުވުމުން އަނބިމީހާ ހިނިތުންވެ ޞަދަޤާތްކުރާތަން ފެންނާތީ ފިރިމީހާ ހުންނަނީ ވަރަށް އުފަލުންނެވެ. އެކަންވަނީ ދެމަފިރިންގެ މެދުގައި ލޯބިއިތުރުވާ ކަމަކަށެވެ.
މިއީ ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. ތަނަވަސްމީހާއަކީ އަޅުގަނޑުގެ އެކުވެރިއެކެވެ. ދެއަނބިންނަކީވެސް އެކުވެރިންނެވެ. ވީމާ މިހާދިސާ މިކިޔައިދިނީ ލޮލަށްފެނި އަތުން ހިފިފައިވާ ކަމަކަށްވާތީއެވެ.
- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް