އެއީ ޒުވާން ޢުމުރުގެ ދުވަސްތަކެއްގައި ފާފަކުރެވުނު އަންހެނެކެވެ. ޙަޤީޤަތުގައި އެކަން އެގޮތަށް މެދުވެރިވީ އެކުގައި އުޅެވުނު ބައެއްގެ ސަބަބުންނެވެ. މިއުޅެވެނީ ރަނގަޅަށް ނޫންކަން ވިސްނި ތައުބާވެ ތަޤްވާވެރި ދިރިއުޅުމެއް އުޅެން ފެށިއެވެ. އެހިސާބުން ބައްދަލުވި ތަނަވަސް މީހަކު އޭނާދެކެ ލޯބިވެ ކައިވެނިވެސް ކުރިއެވެ.
ކައިވެންޏަށް 3 ވަނައަހަރު ފިރިމީހާ މެހްމާނެއްގެ ގޮތުގައި އޭނާގެ އެކުވެރިއަކު ގެއަށް ގެނައެވެ. ކަންދިމާވިގޮތުން މިމީހާވީ އަނބިމީހާއަށް ކުރިން ބައްދަލުވެ ގުޅުން ހިންގިފައިވާ މީހަކަށެވެ. ދެމީހުންނަށް އެކަނި ބައްދަލުވެވުމުން މާޒީގެ ވާހަކަ މެހްމާން ދައްކަންފެށިއެވެ. އަނބިމީހާ ބުނީ އޭނާއަސް އުޅެވުނު ގޮތް ވިސްނި ތައުބާވީކަމަށެވެ. ފިރިމީހާއާއި ބައްދަލުވީވެސް ތައުބާވިފަހުން ކަމަށެވެ. އަދި މިހާރު އެދެމަފިރިންނަކީ އެކުގައި ރޭއަޅުކަންކުރާ ދެމަފިރިން ކަމަށެވެ.
އެމީހާ ބޭނުންވީ ނާޖާއިޒު ފައިދާނަގާށެވެ. ބުނީ ފިރިމީހާގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައިނުދީފިނަމަ މާޒީ ކިޔައިދޭނެ ކަމަށެވެ. އަނބިމީހާ ބުނީ ވަރިވެ ގެއިންދާންޖެހުނަސް އެބާވަތުގެ ކަމެއް ނުކުރާނެ ކަމަށެވެ. ހުރިހާ ކަމެއް އޭނާ ވަކީލުކުރަނީ ﷲ އަށް ކަމަށެވެ. ފިރިމީހާއަށް ޚިޔާނާތަކަށްވެދާނެ ކިތަްނމެ ކުޑަކަމެއްވެސް ނުކުރާނެ ކަމަށެވެ. ކަންދިމާވިގޮތުން މިއަޑުތައް ފިރިމީހާއަށް އިވުނެވެ. އެކަން ދެމީހުންނަކަށް ނުއެނގެއެވެ.
އެކުވެރިޔާއަށް އެވަރުންވެސް ނުފުދިގެން ފރިމީހާއަށް އެވާހަކަތައް ކިޔައިދިނެވެ. ފިރިމީހާގެ ޖަވާބު އެނގޭ ހެއްޔެވެ؟ "އެކުވެރިޔާއެވެ! ފުރަތަމަ ބަލައިލަންވީ އަހުރެމެން ދެމީހުންނަށެވެ. އަހުރެމެން ދެމީހުންނަށް ކުރިން އުލެވުނު ގޮތަށެވެ. އަނބިމީހާއަށް އެކަން ނުއެނގުނުނަމަވެސް އަހުރެން ޢޭނާއާއި ކައިވެނިކުރީ އެހުރިހާ ކަމެއް އެނގިހުރެއެވެ. އަހުރެން އޭނާ ބަލައިގަތީ ހަމައެކަނި ސިފަ ރީތިވެގެނެއް ނޫނެވެ. ތައުބާވެ ހެޔޮ ޢަމަލުކުރަމުން އައި މިންވަރު އެނގޭތީއެވެ.
އެއިރުވެސް އަހުރެންނަށް އުޅެވުނީ އެހާރަނގަޅަކަށް ނޫނެވެ. ނަމަވެސް އަނބިމީހާގެ މަސައްކަތުން އަހުރެން މިއަދު މިވަނީ އޭނާފަދަ ތަޤްވާވެރިއަކަށް ހަދައިފައެވެ. މިއަދު އަހުރެމެން ދެމީހުން ރޭއަޅުކަންކުރަނީ އެކުގައެވެ. އޮފީހުގައި އިނަސް ނަމާދުވަޤުތު ޖެހުމުން ހަނދާންކޮށްދެއެވެ. ވީމާ އަހުރެންގެ އަނބިމީހާއަކީ އަހުރެންނަށް ލިބުނު އެންމެ އަގުހުރި މުދައުގަނޑެވެ.
މިއަދު ތިއަ ދެމީހުން ދެއްކި ވާހަކަ ކަންފަތުން އަޑުއެހީމެވެ. އަހުރެން ސޯފާގައި އޮތީ ނިދާފައެއް ނޫނެވެ. ކަލޭ ހުށަހެޅި ކަންތަކާ އަނބިމީހާ ކަލެއަށްދިން ޖަވާބުވެސް އަޑުއިވުނެވެ. ހުރިހާކަމެއް ﷲ އަށް ވަކީލުކޮށްގެން އޭނާ އެހުރީ ކިހާ ޘާބިތުކަމާއިއެކުގައި ހެއްޔެވެ؟ ކަލޭވެސް ތިއަ ނުބައި ސިފަތައް ދޫކޮށްލާފައި ޔައުބާވާށެވެ. ނޫންނަމަ ދެމީހުންގެ ގުޅުން މިހިސާބުން މިނިމުނީއެވެ."
ނިކަންވިސްނައިލަބަލާށެވެ! ފުރިހަމަ ގޮތުގައި ތައުބާވެ ހެޔޮޢަމަލުކުރުންމަތީގައި ހުރުމުން ލައްވަވާނެ ރަޙްމަތް މިޙާދިށާއިންވެސް އެއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. ވިސްނައި ޢަމަލުކުރި ކޮންމެ މީހަކަށްވެސް މިފަދަ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- މިއަދުނޫސް
- ޢިބްރަތްތެރި ވާހަކަ