ދެމަފިރިން އެކުގައި ދިރިއުޅެމުންދާއިރު ވިސްނަންޖެހޭނެ އެންމެ މުހިންމު އެއްކަމަކީ އަނެކާގެ ޙައްޤުތަކެއްވެސް އޮންނާނެކަމެވެ. އަދި ބާރުލިބި އިސްމީހާކަށް ވެވުމަކީ އަނބިމީހާ އަޅުވެތިކުރަން އޮތް ސަބަބެއް ނޫންކަމެވެ.
ހަމައެކަނި ދީނީ ޢިލްމްވެރިންނެއް ނޫނެވެ. ތަޖުރިބާކާރު ޢިލްމްވެރިންވެސް ޤަބޫލުކުރައްވާ ގޮތުގައި ފިރިމީހާއަށް ކުރިއަރައިދެވެނީ އަނބިމީހާގެވެސް ވަރަށް ބޮޑު ޙިއްޞާއެއް އޮވެގެންނެވެ. އަނބިމީހާގެ ކެތްތެރިކަމާ، އިޤްޠިޞޯދުކުރުމާ، ދުޢާގެ ފައިދާ ވަރަށް ބޮޑެވެ.
ވީމާ އަނބިމީހާއަށް ޚަރަދުމިކުރަނީ ތިމާގެ އަމިއްލަ ފައިސާކަމަށް ނުވިސްނާށެވެ! އެފައިސާ ތިބާގެ ޖީބަށް ވަދެފައި އެހުރީ އަނބިމީހާގެވެސް ޤުރްބާނީންނެވެ. އިސްވެ މިބުނި ސަބަބުތަކަށްޓަކައެވެ. އަދި ކީއްހެއްޔެވެ؟ އަނބިމީހާގެ ޤުރްބާނީއަށް ޙައްޤުމިންވަރަށްވެސް ޚަރަދުކުރަނީ މަދުފިރިއެކެވެ.
އެހެންކަމުން އަނބިމީހާއަށް ޚަރަދުކުރާތީ އަނބިމީހާއަށް އިންނަންޖެހޭނީ އަޅުވެތިކަމުގައިކަމަށް ނުދެކޭށެވެ. އެބާވަތުގެ ހަރުކަށި އުޞޫލުތައް ދޫކޮށްލާށެވެ! މިގޮތަށްވެސް ވިސްނާށެވެ. އަޅުން އަބަދުވެސް ތިބޭނީ ސަލާމަތްވެވޭނެ ގޮތަކަށް ބަލަބަލައެވެ. އަދި މިގޮތަށްވެސް ވިސްނާށެވެ! ތިމާއަށް ބޮޑަށް ކުރިއެރުން ލިބޭނީ އަޅުމީހާ ތިމާއަށް އިޚްލާޞްތެރިވިވަރަކުންނެވެ. މިބުނީ ވަރަށް ބޮޑު ވާހަކައެކެވެ.
އަހުރެން މިދެއްކީ ކިޔަމަންތެރިވުމުގެ ވާހަކައެއް ނޫނެވެ. ކިޔަމަންތެރިކަމުގެ މާނަ އޮޅުވައިނުލާށެވެ! ކިޔަމަންތެރިވާންއޮތީ ކޮންމެ އަމުރަކަށް ނޫނެވެ. ޢަދުލުވެރިކަމާއިއެކު އިންޞާފުންކުރާ އަމުރުތަކަށެވެ. ވީމާ ކިޔަމަންތެރިވުމާއި އަޅުވެތިވުމާއި މިއީ ވަރަށް ތަފާތު ދެކަމެކެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް