ގެފުޅުގެ ތާރީޚް 6: ޙައްޖާޖު ބިން ޔޫސުފް ގެފުޅު ބިނާކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ގެފުޅުގެ ތާރީޚް 6: ޙައްޖާޖު ބިން ޔޫސުފް ގެފުޅު ބިނާކުރުން

ޙައްޖާޖު، ގެފުޅު ބިނާކުރެއްވުން 

ޢަބްދުލްމަލިކު ބިން މަރްވާނަކީ ހިޖްރައިން 65 ވަނަ އަހަރުން ފެށިގެން ހިޖްރައިން 86 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި އުމަވީ ޚަލީފާއެކެވެ. ޢަބްދުލްމަލިކު ބިން މަރްވާނުގެ ޚިލާފަތުގައި، ބޮޑު ލަޝްކަރެއްގެ މައްޗަށް ޙައްޖާޖު ބިން ޔޫސުފްވެރިކުރައްވައި އިބްނުޒުބައިރުއާ ހަނގުރާމަ ކުރުމަށް ފޮނުއްވިއެވެ. އޭނާ މައްކާއަށް ގޮސް ވަރުގަދައަށް ހަނގުރާމަކޮށް އިބްނުޒުބައިރުގެފާނު ޤަތުލުކުރިއެވެ. މިކަމެއް ހިނގީ ހިޖްރައިން 73 ވަނަ އަހަރުގެ ތެރޭގައެވެ. އިބްނު ޒުބައިރު ޤަތުލުކުރުމަށްފަހު އޭނާގެ ޚިލާފަތުގައި ގެފުޅު ތަޅާލައިފައި ބިނާކުރެއްވިއެވެ. މިފަހަރު އެކަން ކުރީ ސިޔާސީ ކަމެއްގެ ގޮތުގައެވެ. އެކަން މިދަންނަވާ މަޞްދަރުތަކުން ރަނގަޅަށް އެނގެން އެބައޮތެވެ.

އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އިބްނު ޒުބައިރު ޤަތުލުކުރުމަށްފަހު ޙައްޖާޖު ބިން ޔޫސުފު، ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާނަށް ސިޓީއެއް ފޮނުވިއެވެ. އެ ސީޓިގައި ގެފުޅުގެ ވާހަކަ އާއި އިބްނު ޒުބައިރު ގެފުޅު ބިނާކުރެއްވިއިރު ގެންނަވައިފައިވާ ބަދަލުގެ ވާހަކަ ގެނެސްފައިއެވެ. އެގޮތުން އެކަލޭގެފާނު ގެފުޅު ބިނާ ކުރެއްވިއިރު ޙިޖްރު ނުވަތަ ޙަތީމް ގެފުޅުގެ ތެރޭގައި ހިމަނައިފައިވާ ވާހަކަ ލިޔެފައިވެއެވެ. ޢަބްދުލްމަލިކު ބިން މަރްވާން ސިޓީގެ ޖަވާބުގައި ލިޔުއްވިއެވެ. [އިބްނު ޒުބައިރު ކަންތައް ކޮށްފައި ހުރިގޮތް ތިމަން ޤަބޫލެއް ނުކުރަމެވެ. ކަޢުބާގެ އުސްމިން ހުރި ވަރަށް ބަހައްޓާށެވެ. ޙިޖްރުން ފެށިގެން ކަޢުބާއަށް އިތުރުކޮށްފައިވާ ބައި ތަޅާލާށެވެ. ޤުރައިޝުން ގެފުޅު ބިނާކުރި އިރު ހެދިގޮތަށް ގެފުޅު ހަދާށެވެ. ފަހަތު ދޮރު ބަންދުކޮށްލާށެވެ.] މި ސިޓީ ލިބުމުން ޙައްޖާޖު ގެފުޅު ބިނާކުރީ ރަސޫލު ޒަމާނުގައި ޤުރައިޝުން ގެފުޅު ބިނާކުރި ގޮތަށެވެ. އިބްރާހީމްގެފާނުގެ ބިންގާ މައްޗަކަށް ނޫނެވެ.

ސުންނަތުން ސާބިތުވާ ގޮތަކީ އިބްނު ޒުބައިރު ގެފުޅު ބިނާކުރެއްވި ގޮތެވެ. ޢަބްދުލްމަލިކު ބިން މަރްވާނު އަމަރު ކުރައްވައިގެން ޙައްޖާޖު ގެފުޅު ބިނާ ކުރެއްވި ގޮތެއް ނޫނެވެ. އެހެނީ އިބްނު ޒުބައިރުގެފާނު ގެފުޅު ބިނާކުރެއްވީ ރަސޫލާގެ ޞައްޙަ ޙަދީޘް ބަސްފުޅެއްގެ މައްޗަށް ބުރަވެވަޑައިގެންނެވެ. ޢަޠާއުގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ، އޭރު ޢަބްދުލްމަލިކު ބިން މަރްވާނަށް ކުރިން ލިޔެވިދިޔަ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ޙަދީޡް ބަސްފުޅު އެނގިވަޑައިގެންފައި ނުވާކަމުގައެވެ. ނުވަތަ އެ ބަސްފުޅު އެނގިވަޑައިގެންފައިވީ ނަމަވެސް، އެ ބަސްފުޅަކީ ޞައްޙަ ޙަދީޘް ބަސްފުޅެއްކަން ކަށަވަރު ކުރެވިފައެއްނެތެވެ. އެ ޙަދީޘް ބަސްފުޅުގެ ޞައްޙަކަން ކަށަވަރުކުރެވުނީ އަދި މާ ފަހުންނެވެ. އެހިނދު ޢަބްދުލްމަލިކު ވިދާޅުވިއެވެ. [ގެފުޅު ތަޅާލައި އަލުން އިމާރާތް ކުރުމުގެ ކުރީން ތިމަންނާއަށް މި ޙަދީޘް ބަސްފުޅު އެނގުނުނަމަ، އިބްނު ޒުބައިރު ގެފުޅު ބިނާކުރެއްވި ފަދައިން އެއްވެސް އުނިއިތުރެއް ނުގެނެސް ބެހެއްޓީމުހެވެ.]  (އިބްނު ކަޘީރު، 2003، ވޮލިޔުމް 1، ޞޞ 396-395). މިފަހަރު ގެފުޅު ބިނާކުރެވުނީ ހިޖްރައިން 74 ވަނަ އަހަރުއެވެ.

ފަހުން އައި ބައެއް ރަސްރަސްކަލުން ރަސޫލާ އެދިވަޑައިގެންނެވި ގޮތަށް އިބްރާހީމްގެފާނުގެ ބިންގަލުގެ މައްޗަށް ގެފުޅު ބިނާ ކުރައްވަން ޤަޞްދުކުރެއްވިކަން ތާރީޚުން އެނގެއެވެ. ޤުރްތުބީ ލިޔުއްވައިފައިވެއެވެ. ޚަލީފާ ހާރޫނު ރަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައި، އެމަނިކުފާނު މާލިކު ބިން އަނަސްއަށް ދެންނެވިއެވެ.  [ތިމަންމަނިކުފާނު، ޙައްޖާޖު ބިނާކުރި ގެފުޅު ތަޅާލައި އަލުން އިބްނު ޒުބައިރު، ގެފުޅު ބިނާކުރި ގޮތަށް ގެފުޅު ބިނާކުރަން ބޭނުމެވެ.] އެހިނދު މާލިކު ބިން އަނަސް ވިދާޅުވިއެވެ. [އޭ އަމީރުލް މުއުމިނީންއެވެ. ރަސްރަސްކަލުން ކުޅޭ ކުރިވަރަކެއްކަމުގައި ތިޔަކަންތައް ނަހައްދަވާށެވެ. އެހެން އެކަން ކުރަން ފަށައިފިނަމަ ކޮންމެ ރަސްކަލަކު ރަސްކަމަށް އައިސް ގެފުޅުތަޅާލައި އިމާރާތް ކުރަން ފަށާނެވެ. އޭގެ ސަބަބުން މީސްތަކުންގެ ހިތްތަކުން ގެފުޅަށް ކުރަން ޖެހޭ ޙައްޤު ގަދަރާއި، އިޙްތިރާމު ގެއްލިގެންދާނެއެވެ.](ޤުރްތުބީ، 2019، ވޮލިޔުމް 1، ޞ 424).

މިއަދު އޮންލައިން