ރުޅިގަދަ ބައިވެރިޔާއަށާ އެންމެންނަށް މިވާހަކަކޮޅު ޙިއްޞާކޮށްލުމަކީ އެމީހުންނަށް ވެވޭ ވަރަށް ބޮޑު އެހީތެރިކަމެއް! ތިބާއަށް ޘަވާބު ދެއްވަވާނެ ކަމެއް!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 8ސ
ރުޅިގަދަ ބައިވެރިޔާއަށާ އެންމެންނަށް މިވާހަކަކޮޅު ޙިއްޞާކޮށްލުމަކީ އެމީހުންނަށް ވެވޭ ވަރަށް ބޮޑު އެހީތެރިކަމެއް! ތިބާއަށް ޘަވާބު ދެއްވަވާނެ ކަމެއް!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ޢާއިޝަތު ރަފާޙް ޢަލީ

 

ރުޅިވެރިކަމަކީ ހިތުގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ރުޅި އަންނަ ސަބަބުތައް ދެނެގަތުމަކީ އެކަމުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ. 

ގިނަ ފަހަރު ރުޅިވެރިކަމުގެ ޒިންމާ ޝައިތާނާގެ ބޮލުގައި އަޅުވައި، އަމިއްލަ ނަފްސުން އެކަމުގެ ބުރަ ދުރުކުރަން މަސައްކަތްކުރެއެވެ. ނަމަވެސް، މިފަދަ ވިސްނުމަކީ އަމިއްލަ ނަފްސު އިސްލާހުކުރުމަށް ހުރަސް އަޅާނެ ކަމެކެވެ. ރުޅީގެ އަސްލު އުފެދެނީ ކިބުރުވެރިކަމުންނެވެ. އަމިއްލަ ބޭނުންތައް ނުފުދޭ ކަމަށް ނުވަތަ އެހެން މީހުން އަމިއްލަ ހިޔާލުތަކަށް ސަމާލުކަން ނުދޭ ކަމަށް ހީވާ ހިނދު، ރުޅިވެރިކަން އުފެދެއެވެ. ދުނިޔަވީ ކަންކަމުގައި، ޚާއްޞަކޮށް ސަރުކާރާ ދޭތެރޭ ރުޅި އަންނަން ވަގުތު ހޭދަކުރުމަކީ އެދެވޭ ކަމެއް ނޫންކަން މިތާނގައި ފާހަގަކުރެވެއެވެ. މުހިންމުކަމަކީ އަމިއްލަ ނަފްސުގައިވާ ކިބުރުވެރިކަން ނައްތާލުމެވެ. 

ކިބުރުވެރިކަމަކީ މަޚްލޫޤާތްތަކުގެ ތެރޭގައި ކުރެވުނު ފުރަތަމަ ކުށެވެ. ޝައިތާނާ، މާތް ﷲއަށް ސަޖިދަ ކުރުމަށް ދެކޮޅު ހެދީވެސް މި ކިބުރުވެރިކަމުގެ ސަބަބުންނެވެ. ވީމާ، އަބަދުވެސް އަމިއްލަ ނަފްސަށް އަންގަން ޖެހެއެވެ: "އަހަރެންނަކީ މާތް ﷲގެ އަޅަކީމެވެ. އަހަރެން ހަދާފައިވަނީ ފަސްގަނޑުންނެވެ. އަދި އަހަރެން އަނބުރާ ފަސްގަނޑަށް ދާނަމެވެ." އަދި އަބަދުވެސް އަމިއްލަ ނަފްސަށް އަންގާށެވެ: "ޤަބުރުގައިވާ އިރު، ތިބާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ކޮންމެ ކަމަކީވެސް އެއްވެސް މާނައެއް ނެތް ކަމަކަށް ވެ، އެކަމުން އަހަރެންނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ." 

ގިނަ ފަހަރު އަޅުގަނޑުމެން ރުޅިގަދަވަނީ މާތް ﷲ ހަނދުމަ ނުކުރާތީއެވެ. މިއީ އަޅުގަނޑުގެ ބަހެއް ނޫނެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ‎﴿٢٨﴾‏ (މާނައީ: ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)" 

މިސާލަކަށް، އަޅުގަނޑު ޑަބްލިންގައި ހުއްޓައި، ބޮޑު ކަމެއް ދިމާވިއެވެ. އެކަން އިންތިޒާމުކުރި ފަރާތްތަކެއް ނޫނެވެ، ﷲ އެބައިމީހުންނަށް ހެޔޮ ޖަޒާ ދެއްވާށި. އެންމެ ފަހު ވަގުތުގައި ކަމެއް ދިމާވެ، އަޅުގަނޑުމެން އެކަން ނުކުރެވުނެވެ. އެކަން ހާސިލުކުރުމަށް ހުރިހާ މަސައްކަތެއް ކުރީމެވެ. އެންމެ ފަހު ވަގުތުގައި އެމީހުން އަޅުގަނޑަށް ގުޅާފައި ބުންޏެވެ: "އެކަން ނުވެދާނެއެވެ." އަޅުގަނޑުމެންނަށް އެހީތެރިވި ވަރަށް އިޚްލާސްތެރި ކަނބަލަކު ގުޅާފައި ހިތާމައިން ރޮމުން ދިޔައެވެ. އަދި އޭނާއަކީ އަޅުގަނޑުމެންގެ ޖަންނާ އިންސްޓިޓިއުޓްގެ ދަރިވަރެކެވެ. އަޅުގަނޑު ތަކުރާރުކޮށް ބުނީމެވެ: "قَدَّرَ اللَّهُ مَا شَاءَ فَفَعَلَ" (ﷲ އިރާދަކުރެއްވި ކަމެއް ކުރެއްވިއެވެ.) އަޅުގަނޑުމެން ކޮންޓްރޯލްގައެއް ނޫނެވެ. އަޅުގަނޑުމެން ހުރިހާ މަސައްކަތެއް ކުރީމެވެ. ނަމަވެސް މާތް ﷲ އެކަން ނުކުރެއްވިއެވެ. އެވާހަކަ ނިމުނީއެވެ.

ތިބާ އަބަދުވެސް 'ޤަލްބުއް ސަލީމް' (ސަލާމަތްތެރި ހިތް) އަށް ރުޖޫއަވާނަމަ، ތިބާ ހުރިހާ ކަމެއް މާތް ﷲއާ ގުޅުވާލާއިރު، ތިބާގެ ކޮންޓްރޯލުން ބޭރުވެފައިވާ ކަންކަމުގައި ރުޅި ގަދައެއްނުވާނެއެވެ. ސައްޔިދުނާ ޢުމަރު ރަޟިޔަﷲ ޢަންހު އަބަދުވެސް ވިދާޅުވާ ބީދައިން، "كُلُّ النَّاسَ أَفْقَهُ مِنْكَ يَا عُمَرُ" (މާނައީ: އޭ ޢުމަރާއެވެ، ހުރިހާ މީސްތަކުންވެސް ތިބާއަށް ވުރެ ޢިލްމުވެރިއެވެ.) ކޮންމެ މީހަކީވެސް އަޅުގަނޑަށް ވުރެ ރަނގަޅު މީހެއްކަމަށް ހީވާނަމަ، މީހަކު އަޅުގަނޑަށް ނާހައިފިނަމަ އަޅުގަނޑު ހިތްހަމަނުޖެހިފައެއް ނުހުންނާނަމެވެ. އަޅުގަނޑުގެ ދަރިން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތުގައި ނޫންކަން ފެނިއްޖެނަމަ އަޅުގަނޑު ދެރަވާނަމެވެ. ސަބަބަކީ އަޅުގަނޑަކީ އިންސާނަކީމެވެ. އަދި އަޅުގަނޑު ބޭނުންވަނީ އެބައިމީހުން ސުވަރުގޭގައި ދެކޭށެވެ. އަޅުގަނޑު ރުޅިގަދަވާނީ މީހަކު ﷲއަށް އުރެދެނިކޮށް ފެނިއްޖެނަމައެވެ، ސަބަބަކީ ރަސޫލުﷲ صلى الله عليه وسلم ކޯފާއިސްވީ އެފަދަ ހާލަތްތަކުގައެވެ.  

ޢަމަލީ ގޮތުން ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި ގިނަގިނައިން ރޯދަ ހިފާށެވެ. ރޯދަ ހިފައި ތިބާގެ ނަފްސު ކޮންޓްރޯލް ކުރާށެވެ. ރުޅި އަންނަނީ ނަފްސުންނެވެ. ޝައިތާނާ އެ ދޮރުން ނަފްސު މެދުވެރިކޮށް ޢަމަލު ކުރެއެވެ. ގިނަގިނައިން ރޯދަ ހިފާށެވެ. އަދި ތިބާގެ ނަފްސަށް އެއްފަހަރާ ހުރިހާ އެއްޗެއް ނުދޭށެވެ. އަދި ގިނަގިނައިން ޛިކުރު ކުރާށެވެ. ޚާއްޞަކޮށް ސަލަވާތާއި އިސްތިޣްފާރެވެ. ހިތްހަމަނުޖެހިފައި ހުއްޓައި އެކަން ކުރާނީއެއް ނޫނެވެ. އެއީ ތިބާގެ ދުވަހު އާދައަކަށް ހަދާށެވެ. ގިނަގިނައިން ޛިކުރު ކުރާށެވެ. އަދި ތިބާ ހަމަޖެހޭނެއެވެ. އެތެރެއިން ހަމަޖެހޭނެއެވެ. ބޭރުފުށުން ހަމަޖެހުމުގެ އިތުރުންނެވެ.

 

- ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން        

މިއަދު އޮންލައިން