ފަށަމުންވެސް ބުނެލާނަމެވެ! ހުރިހާ އަންހެންކުދިންވެސް މިލިޔުމުގެ އެންމެ ތިރި ކިޔައިލަންވާނެއެވެ. އިސްތަށިގަނޑަށް ތިއަކުރާ ޚަރަދުނުކޮށް އެފައިށާއިން އެހެން ކަންކަން ކުރެވިދާނެތީއެވެ.
ކަރައަކީ ޢާންމުގޮތެއްގައި ފަސޭހައިން ލިބޭ އަދި އަގުވެސް ހެޔޮ އެއްޗަކަށްވުމުން ގިނަ ބައަކު ކަރާފަނިބޮއި އަދި ކަރާކައި ހަދައެވެ. ގިނަ ބައަކު އޮށްތައް އުކާލަނީއެވެ. ނަމަވެސް އެއީ އުކާލަން ހެޔޮވާނެ އެއްޗެއް ނޫނެވެ. ކަރާއޮށަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.
ކިޑްނީގައި ހިލައުފެދި ބޮޑެތި އޮޕަރޭޝަންތައް ކުރަންޖެހުން ގިނަވަމުން އަންނައިރު ކަރާއޮށުގެ ފެން މިގޮތަށް ތައްޔާރުކޮށްގެން ބުއިމުން ކިޑްނީން ހިލަ ވައްޓާލުމަށް އެހީތެރިވުމުގެ އިތުރުން ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ގިނަ ބޮޑެތި ފައިދާތަކެއްކުރެއެވެ.
އެއިގެ ތެރޭގައި:
ނާރުތަކުގައި ލޭހިނގުން ފަސޭހަކޮށްދޭ، ސިކުނޑީގެ ބައިތަކަށް ތާޒާކަން ގެނެސްދޭ، ކުޑަކަމުދިއުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ޙައްލުކޮށްދޭ، ކިޑްނީގަ ހުންނަ ހިލައާ ވެލިފަދަ ތަކެތި އަމިއްލައަށް ނައްޓައި ވެއްޓެން އެހީތެރިވެދޭ، ހިތަށް ދުޅަހެޔޮކަން ގެނެސްދީ ލޭގެ ޕްރެޝަރ ބެލެންސްކުރަން އެހީތެރިވެދޭކަން ވަނީ ދިރާސާތަކުން އެނގިފައެވެ.
ބޭނުންވާ ތަކެތި:
2 މޭޒުމަތީ ސަމުސާ ތާޒާ ކަރާއޮށް
1 ލިޓަރު ފެން
4 ލޮނުމިދު (ރަނގަޅު ސައިޒުގެ)
ތައްޔާރުކުރާނެ ގޮތް:
ކަރާއޮށްތައް ގްރައިންދަރަކުން މުގުރައިލާށެވެ. ލޮނުމިދު ޗިސްކޮށްލާށެވެ! ފުރަތަމަ ފެންފޮދު ކައްކައިލާށެވެ. ކެކުމުން ލޮނުމިދާއި ކަރާއޮށްކޮޅު އެއްކޮށްލުމަށްފަހު 5 މިނިޓްވަންދެން ކައްކާށެވެ!
ކެއްކުމަށްފަހު ބާލައި 40 މިނިޓްވަންދެން ބަހައްޓާށެވެ. ބުއިން އެހެރި ތައްޔާރުވެފައެވެ. ބާކީ ފްރިޖްގައި ބަހައްޓައިގެން މަދުވެގެން ދުވާލަކު 1 ފަހަރު ބޭނުންކުރާށެވެ. ނަމަނަމަ ހަކުރުފަދަ ތަކެތި އެއްނުކުރާށެވެ.
ޚާއްޞަކޮށް އަންހެން ކުދިންގާތު ބޮޑު ސިއްރެއް ބުނާނަމެވެ. އެއީ ކަރާއޮށް ހަނާކޮށްގެން ކެއުމުން އިސްތަށިގަނޑު ވަރުގަދަވެ އޮފްއަރާނެ ވާހަކައެވެ. އެއިރުން ލޯބިވެރިޔާ ވަރަށް ލައިކްވާނެދޯއެވެ!
- މަޢުލޫމާތު: ޞިއްޙީ ޚަބަރު