ނަމާދަށް ހުންނައިރު އާފުރުމުގެ މައްސަލަ ކުރިމަތިވާނަމަ ނިކަން މިކަންކަން ކޮށްބަލަ! ސަލާމަތްވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ނަމާދަށް ހުންނައިރު އާފުރުމުގެ މައްސަލަ
ކުރިމަތިވާނަމަ ނިކަން މިކަންކަން ކޮށްބަލަ! ސަލާމަތްވެވޭނެ! އިން ޝާ ﷲ

 

އަޅުގަނޑަކީ ނަމާދުކުރާ ހިތުން ނަމާދުކުރާމީހަކީމެވެ. ކުރަންހުރި މަސައްކަތަށް ނުބަލައި ވަޤުތުޖެހުމުން ނަމާދުކުރާ މީހަކީމެވެ. ވުޟޫކޮށްގެން ގޮސް ނަމާދުކުރަން ފަށާތަނުންވެސް އާފުރޭ ގޮތް ވެއެވެ. ނަމާދުކުރަމުންދާއިރުވެސް އެކަން މެދުވެރިވާތީ ކަންބޮޑުވެވެއެވެ. އެކަމުގެ ހައްލަކީ ކޮބައިތޯ؟  

މިފަދަ ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ގިނަފަހަރަށް މައްސަލަ ކުރިމަތިވަނީ ފޫހިކަމާއެކު ނަމާދުކުރަން އުޅެވޭތީއެވެ. ނަމަވެސް ތިބާގެ މައްސަލަ ތަފާތެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.  

އެންމެ ފުރަތަމަ ކަމަކީ ނިދިހަމަކުރުމެވެ. ނިދިހަމަކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ރަސޫލް (ﷺ) ޙަދީޘްފުޅުކުރައްވަވާފައިވާ ފަދައިން އަވަހަށް ނިދައި ނިދި ހަމަކުރުމެވެ. ނިދި ހަމަކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ސިކުނޑި ތާޒާކުރުމެވެ. ސިކުނޑި ތާޒާނަމަ އާފުރުން މަދުވާނެއެވެ.

ޢާންމުގޮތެއްގައި ފަތިސް ނަމާދުގައި އާފުރުން ގިނަވާނެއެވެ. އެއީ ނިދި ހަމަނުވާތީއެވެ. ނަމަވެސް ސަމާލުކަމާއިއެކު އިހު ސުންނަތުގެ 2 ރަޚްޢަތްކޮށްފިނަމަ ނަމާދުގައި އެފަދަ މައްސަލަތައް މަދުވާނެއެވެ.  

ދެވަނަ ކަމަކީ ނަމާދަށް ދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށް ވެގެން ނަމާދަށް ދިއުމެވެ. އެއިގެ ތެރޭގައި ރަނގަޅަށް ފާޚާނާކުރުންވެސް ހިމެނެއެވެ.

ތިންވަނަ ކަމަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމެވެ. ނަމާދުގައި ކިޔާ ޛިކްރްތަކާއި އެތަކެތީގެ މާނަ ހިތްމައްޗަށް ގެންނަމުން ނަމާދުކުރާނަމަ އާފުރުމުން ދުރުހެލިވާނެއެވެ. ބައެއް މީހުން އެންމެ ގިނައިން އާފުރޭތަން ފެންނަނީ އިމާމް މީހާ އަލްޙަމްދަށް ފަހު ސޫރަތް ކިޔަވާ ވަގުތުއެވެ. އެވާގޮތަކީ ސޫރަތުގައި ކިޔަވާ އެއްޗެއްގެ މާނަ ނުއެނގުމުން ޝައިޠާނާ އަވަސް އަވަހަށް އެމީހަކާއި ނަމާދާއި ދެމެދަށް ވަދެގަންނަނީއެވެ. ވީމާ މާނަ ނުއެނގުނަސް އިމާމްމީހާ ކިޔަވާ އަޑަށް ސަމާލުކަންދޭށެވެ! އެކިޔެވުން ހިތަށް ވައްދުވަން މަސައްކަތްކުރާށެވެ.

ތިމާ އެކަނި ހުރެ ނަމާދުކުރާއިރު ސޫރަތް ކިޔެވި ނަމަވެސް ޙާލަތާއި ގުޅުވައިގެން ސޫރަތް ދިގުކުރާށެވެ. ވަރުބަލިވެ ނިދި ގާތްވެފައި ހުންނަ ޙާލަތުގައި ދިގު ސޫރަތް ނުކިޔަވާށެވެ. ކުރު ސޫރަތް ކިޔަވާށެވެ. ވަރުބަލިވެފައި ހުރެގެން ނަމާދު ދިގުކލުރަން މަސައްކަތްކުރި ނަމަވެސް އެކަން އޮންނާނީ ކުރަންވާ ގޮތަށް ނުކުރެވިފައެވެ.

ވީމާ ވީހައި ގިނަ ސޫރަތްތަކުގެ މާނަ ހިތު ދަސްކުރާށެވެ! މާނަ ނުއެނގޭ ބައިތަކެއް އިމާމާ ކިޔަވާނަމަ އެ ކިޔަވާ ކިޔެވުމަށް ސަމާލުކަން ދޭށެވެ. އެ ކިޔަވާ އެއްޗަކާއި ނަމާދާއިމެދު ވިސްނުން ބަހައްޓާށެވެ.

އާފުރުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. މީހާއަށް ވަރުބަލިކަން ލިބޭ ވަގުތު ދެމެދަށް ވަދެގަންނަން ޝައިޠާނާއަށް ކުރެވުނުހައި މަސައްކަތެއް ޝައިޠާނާ ކުރާނެއެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަމުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމެވެ. ނަމާދު ނަމާދަކަށް ހެދޭނީ ޝައިޠާނާގެ ކިބައިން ސަލާމްތްވެ ހުރެ ނަމާދުކޮށްގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން