ދިފާޢީ ނިޒާމް ވަރުގަދަކުރަން ކެއުމުގަ ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކާ ލިބޭނެ ފައިދާ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 5ސ
ދިފާޢީ ނިޒާމް ވަރުގަދަކުރަން ކެއުމުގަ ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކާ ލިބޭނެ ފައިދާ!

ދިފާއީ ނިޒާމު ވަރުގަދަވުމަކީ އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ ކަމެކެވެ. ހަށިގަނޑަށް ފައިދާ ލިއްބައިދޭ ވިޓަމިންސްއާއި މިނެރަލްސް އެކުލެވޭ ތަފާތު އެކި ވައްތަރުގެ ކާނާ ގަވައިދުން ކެއުމުން ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެއެވެ. ދިފާއީ ނިޒާމު ވަރުގަދަވުމުން ބަލިތައް ޖެހުމުން ރައްކާތެރި ކޮށްދީ ދުރުހެލިކޮށްދޭނެއެވެ.  

މި ލިޔުމުގަ އަލިއަޅުވާލާނީ ދިފާއީ ނިޒާމު ދެރަ މީހުން ކެއުމުގައި ހިމަނާލެވިދާނެ ބައެއް ކާނާއަށެވެ.  

ހުތް މޭވާ:

ރޯގާ ޖެހުމުން ގިނަ މީހުން ވިޓަމިން ސީ ގެ ކެޕްސުލްއާއި ވިޓަމިން ސީ އެކުލެވޭ ކާނާ ކައި އުޅެއެވެ. އެއީ ވިޓަމިން ސީ އިން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭތީއެވެ. ވިޓަމިން ސީ އިން ހަށިގަނޑުގައި ވައިޓް ބްލަޑް ސެލް އުފައްދައިދޭ މިންވަރު އިތުރު ކޮށްދޭ ކަމަށް ބެލެވެއެވެ. ވައިޓް ބްލަޑް ސެލްއަކީ އިންފެކްޝަންއާއި ދެކޮޅަށް މަސައްކަތް ކުރުމަށް މުހިއްމު އެއްޗެކެވެ. ވަރަށް ގިނަ ހުތް މޭވާގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭނެއެވެ.

ވިޓަމިން ސީ ގިނައިން ލިއްބައިދޭ ހުތް މޭވާގެ ތެރޭގައި އޮރެންޖު، ލުނބޯ، އަދި ގްރޭޕްފުރުޓް ފާހަގަ ކޮށްލެވެއެވެ. އިންސާނާގެ ހަށިގަނޑުން ވިޓަމިން ސީ އުފައްދައި ނުދެއެވެ. އަދި ވިޓަމިން ސީ ހަށިގަނޑުގައި ރައްކާ ކޮށްފައި ބަހައްޓައިވެސްނުދެއެވެ. ވީމާ ކޮންމެ ދުވަހަކު ވިޓމިން ސީ އެކެލެވޭ ކާނާ ކެއުމުގައި ހިމަނާލަންވާނެއެވެ.

ޔޯގަޓް:

ޔޯގަޓް ގަންނައިރު ބަލަންވީ ޔޯގަޓް ތަށީގެ ބޭރު ލޭބަލްގައި ލައިވް އެންޑް އެކްޓިވް ކަލްޗަރ ޖަހާފަ އިންނަ ޔޯގަޓް ގަތުމަށެވެ. ޔޯގަޓްގައި މިއެކުލެވޭ ކަލްޗަރއިން ދިފާއީ ނިޒާމު ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދީފާނެއެވެ. ޔޯގަޓް ގަންނައިރު ހަކުރު ނާޅާ ހުންނަ ޕްލައިން ޔޯގަޓް ގަތުމަށް ސަމާލުކަށްދޭށެވެ. ރަހަ ރަނގަޅުކޮށްލަން ބޭނުންނަމަ މޭވާ ކޮޅެއް އަދި މާމުތްކޮޅެއް އަޅައިގެން ބޭނުންކުރެވިދާނެއެވެ. 

ލޮނުމެދު:  

ލޮނުމެދަކީ ރޯގާއަށާއި އެހެނިހެން ބަލިތަކަށް އާންމުކޮށް ވަރަށް ގިނަ މީހުން ބޭނުންކުރަމުންދާ ބާވަތެކެވެ.  

ކުރެވުނު އެއް ރިވިއުއެއްގައި އެލިސިން އެކުލެވޭ ލޮނުމެދު ސަޕްލިމެންޓް ކެއުމުން ރޯގާ ޖެހުމުގެ ފުރުސަތު ކުޑަވޭތޯ ބަލާފައިވެއެވެ. މީގެ ނަތީޖާ ދައްކާ ގޮތުގައި ލޮނުމެދު ސަޕްލިމެންޓް ބޭނުންކުރި މީހުންނަށް ވުރެން ޑަބަލް ގިނަކޮށް ލޮނުމެދު ސަޕްލިމެންޓް ބޭނުން ނުކުރާ މީހުންނަށް ރޯގާ ޖެހިފައިވެއެވެ. ނަމަވެސް ސައިންސްވެރިން ނިއްމީ ލޮނުމެދަކީ ރޯގާއިން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެއްތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭނެ ކަމަށެވެ.  

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޭނުންނަމަ ކެއުމުގައި ފަޅޯ، ކިވީ، ސްޕިނިޗް ފަތް، އަލަންމަންޑްސް ، ރީދޫ އަދި ބެލް ޕެޕަރ ހިމެނިދާނެއެވެ.

 ހަށިގަނޑު ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޭނުންވާ މީހަކު ސިގިރޭޓު ބުއިން ހުއްޓާލަން ޖެހެއެވެ. ގަވައިދުން ކަސްރަތުކޮށް ދުޅަހެހޮ ބަރުމިނެއްގައި ހަށިގަނޑުގެ ބަރު މިން ހިފަހައްޓައްޖެހެއެވެ. އަދި ރަނގަޅަށް ނިދާ، މީހާގެ ސްޓްރެސް ކުޑަކުރުން މުހިއްމުއެވެ.

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ. 

-- އުންމު ނަވާރު  

މަސްދަރު

Burgess , L. (2018) 15 foods to boost the immune system, Medical News Today. Available at: https://www.medicalnewstoday.com/articles/322412#other-ways-to-boost-the-immune-system (Accessed: 29 January 2024).

Schend, J.  What to eat and drink to boost your immune system, Healthline. Available at: https://www.healthline.com/health/food-nutrition/foods-that-boost-the-immune-system#shellfish (Accessed: 29 January 2024).

މިއަދު އޮންލައިން