ހާޓްއެޓޭކް ޖެހޭ ސަބަބާ ޖެހުމުން ސަލާމަތްވެ ހުންނަން ކުރެވިދާނެ ކަންކަން-

ކިޔުމަށް ހޭދަވާނީ 2މ 12ސ
ހާޓްއެޓޭކް ޖެހޭ ސަބަބާ ޖެހުމުން ސަލާމަތްވެ ހުންނަން ކުރެވިދާނެ ކަންކަން-

ޢަލީ އިޙްޞާން ފިރާޤް

 

ހިތަކީ ޕަންޕެއް ގޮތަށް މަސައްތައް ކުރާ ގުނަވަނެކެވެ. އެހެންކަމުން ހިތް މަސައްކަތް ކުރުމަށްޓަކާ ހިތުގެ މަސްގަނޑަށް ތާޒާ ލޭ (އޮކްސިޖަނޭޓެޑް ބްލަޑް) އަބަދުވެސް ބޭނުންވެއެވެ. ހާރޓްއެޓޭކް ޖެހެނީ ހިތުގެ މަސްގަނޑަށް ލޭ ފޯރުކޮށްދިނުން މަދުވުން ނުވަތަ އެއްކޮށް ހުއްޓުމުގެ ސަބަބުންނެވެ. މިހާލަތަށް މެޑިކަލީ ގޮތުން ކިޔަނީ މަޔޯކާޑިއަލް އިންފަރކްޝަން އެވެ. 

މި ހާލަތު ދިމާވަނީ ހިތުގެ މަސްގަނޑަށް ލޭ ފޯރުކޮށްދޭ ލޭހޮޅި ކަމަށްވާ ކޮރޯނަރީ އާރޓަރީގައި ސަރުބީ އަދި ލޭގެ ތެރޭގައި ދައުރުކުރާ ބައެއް ކަހަލަ ސެލްތައް އެއްވެ ޕްލާކް އުފެދި ލޭ ހޮޅި ބެދުމުންނެވެ. ލޭ ހޮޅިތަކުގައި ޕްލާކް އުފެދުމުގެ މަރްހަލާއަށް ކިޔަނީ (Atherosclerosis) އެވެ. މިގޮތަށް ޕްލާކް އުފެދި އެއްކޮށް ބެދުނު ކަމުގައި ވިޔަސް ނުވަތަ އަދި އެއްކޮށް ނުބެދި ހުރި ކަމުގައި ވިޔަސް ހާރޓްއެޓޭކް ޖެހިދާނެއެވެ. 

ހާރޓްއެޓޭކް ޖެހުމަށް މެދުވެރިވާ އަނެއް ސަބަބަކީ ކޮންމެވެސް ސަބަބަކާހުރެ ކޮރޯނަރީ އާރޓަރީ ހިމަވުން ނުވަތަ ފިތޭގޮތް ދިމާވުމެއެވެ. މިއީވެސް ހިތުގެ މަސްގަނޑަށް ލޭ ފޯރުކޮށްދިނުމަށް ހުރަސް އަޅާ ކަމެކެވެ. މީގެ އިތުރުން ބައެއް ކަހަލަ އިންފެކްޝަން މިސާލަކަށް ކޮވިޑް 19، އާއި އެނޫންވެސް ބައެއް ކަހަލަ ވައިރަސްތަކުގެ ސަބަބުންވެސް ހިތުގެ މަސްގަނޑު ހަލާކުވެ މަރުވާ ގޮތް ދިމާވެއެވެ. 

ހިތުގެ މަސްގަނޑަށް ބޭނުވާ ތާޒާ ލޭ ފޯރުކޮށް ނުދެވިއްޖެނަމަ ހިތުގެ މަސްގަނޑު މަރުވެއެވެ. މިއީ ހިތުގެ މަސައްކަތަށް ހުރަސް އެޅޭ ދާއިމީ ގެއްލުމެކެވެ. ލޭހޮޅިތަކުގައި ސަރުބީ ހިފައި، ހާރްޓްއެޓޭކް ޖެހުމާ ދެމެދުގައި ދުވަސް ނަގާނެއެވެ. މިފަދަ ބަލިތަކަކީ ކުރީބައިގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން ރައްކާތެރި ވެވިދާނެ ބަލިތަކެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ އެކަން ހުއްޓާލުމަކީ މުހިންމު ކަމެކެވެ. އެއީ ދުންފަތުގައި ހުންނަ ބައެއް ކެމިކަލްތަކުގެ ސަބަބުން ލޭހޮޅިތަކުގައި ޕްލާކް އުފެދި ބެދުމަށް މަގުފަހިވާތީއެވެ. 

ހަކުރު ބަލީގެ މީހުންނާއި، ލޭމައްޗަށްދާމީހުން ޑޮކްޓަރުގެ އިރްޝާދުގެ ދަށުން ބަލި ކޮންޓްރޯލް ކުރަމުން ގެންދަން ޖެހެއެވެ. އާދަޔާ ޚިލާފަށް ބަރުހެލި ނުވަތަ ފަލަ މީހެއްނަމަ އެމީހެއްގެ އިސްކޮޅާއި ބަރުދަނާ އެކަށީގެންވާ ވަރަކަށް ބަރުދަން ލުއިކުރުމަކީ މުހިންމު ކަމެކެވެ. 

މީގެ އިތުރަށް ކެއިން ބުއިމުގައި ރަނގަޅު އާދަތައް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ސަރުބީއެކުލެވޭ ކާނާގެ ބާވަތްތަކާއި، ހަކުރާއި، ލޮނުގެ ބޭނުން ކުރުން މަދުކުރަން ޖެހެއެވެ. ގަވައިދުން ކަސްރަތު ކުރުމާއި، ހެލިފެލިވެ އުޅެން އާދަ ކުރަންޖެހެއެވެ. ހާސްވެކަންބޮޑުވުން ފަދަ ކަންތައްތަކުން ދުރުހެލިވެ ހުރުމަކީވެސް ހިތުގެ ބަލިތަކުން ދުރުހެލިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ހެޔޮ ބަދަލެކެވެ. 

މިއަދު އޮންލައިން