ޚުޠުބާ: އަޢުރަ ނިވާނުވާގޮތަށް ބުރުގާ އެޅުމަކުން ކުރާނެ ފައިދާއެއް ނެތް! ކުޅިވަރުކުޅެން ނަމަވެސް ކުރު ސޯޓުކޮޅު ލުމަކީ މުސްލިމުންނަށް ހުއްދަކަންކަމެއް ނޫން!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 21ސ
ޚުޠުބާ: އަޢުރަ ނިވާނުވާގޮތަށް ބުރުގާ އެޅުމަކުން ކުރާނެ ފައިދާއެއް ނެތް! ކުޅިވަރުކުޅެން ނަމަވެސް ކުރު ސޯޓުކޮޅު ލުމަކީ މުސްލިމުންނަށް ހުއްދަކަންކަމެއް ނޫން!

މުސްލިމް އަޚުންނޭވެ! މިއަދުގެ މުޖުތަމަޢުން ފެންނަ ހިތާމަވެރި ބައެއް މަންޒަރުތަކަށް ބަލައިލާ އިރު، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް، ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވެއެވެ. ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުމެވެ. ޢިއްފަތްތެރިވެ އަބުރުވެރި ވުމެވެ. ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެކެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެކެވެ. 

ހަމައެފަދައިން ފިރިހެނުންނަށް ވެސް ހަނދާންކޮށްދެމެވެ! ކުޅިވަރުގެ މައިދާނުގައި ވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ތިބާގެ ޢައުރަ ހާމަނުކުރާށެވެ! ޢައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫނެވެ. ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެކެވެ.   

މުސްލިމް އަޚުންނޭވެ! ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެކެވެ. މިގޮތުން ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަމެވެ. މާތް ނަބިއްޔާ z ޙަދީޘް ކުރައްވައިފައި ވެއެވެ. (لَعَنَ اللهُ الْوَاشِـمَاتِ وَالْمُسْتَوْشِـمَاتِ، وَالنَّامِصَاتِ وَالْمُتَنَمِّصَاتِ، وَالْمُتَفَلِّجَاتِ لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللهِ)[6]  މާނައީ: "ޓެޓޫ ޖަހައިދޭ އަންހެނުންނާއި ޓެޓޫ ޖަހައިދެވޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދެވޭ އަންހެނުންނާއި އަދި ރީތިކަން ދެއްކުމަށް ޓަކައި މެދު ދެ ދަތް ދުރުކުރާ އަންހެނުންނާއި، ﷲގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް މާތް ﷲ ލަޢުނަތްލެއްވިއެވެ." ދަންނާށެވެ! މިކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެއްވެސް ތަފާތެއް ނުވެއެވެ. އަދި މީގެ އިތުރަށް، ވުޟޫކުރާ އިރު ފެން ނުޖެހޭ ފަދަ އެއްޗެހި ބޭނުންކުރުމުން ވުޟޫ ޞައްޙައެއް ނުވާނެއެވެ. ރީތިވާން ކުރާ ކަމަކުން، ދީނުގެ ތަނބު ކަމުގައިވާ ނަމާދު ޞައްޙަނުވާ ޙާލަތެއްގައި ހުރުމަކީ ކޮންފަދަ ނުރައްކައުތެރި ނުބައިކަމެއްހެއްޔެވެ؟

މުސްލިމް އަޚުންނޭވެ! އަނބިދަރީން މިފަދަ ކަންކަމަށް އަރައިގަންނަނީ ފަހަރުގައި އެ ކަމުގެ ޙުކުމް ނޭނގިގެން ނުވަތަ ފަރުވާކުޑަވެގެން ކަމަށް ވެދާނެއެވެ. އެހެންކަމުން، ހަރުކަށިކަމާއި ރުޅިވެރިކަން ދޫކޮށް، ލޯތްބާއި ކުލުނާއި ހިކުމަތްތެރިކަމާ އެކު އަނބިދަރީންނަށް ނަސޭހަތްދޭށެވެ! އަތުގައި ހިފައިގެން ސުވަރުގެއަށް ގެންދާށެވެ! 

މުސްލިމް އަޚުންނޭވެ! ދަންނާށެވެ! ޒީނަތްތެރިކަން ދެއްކުން އެންމެ އައުލާވެގެންވަނީ ދެމަފިރީން އެކަކު އަނެކަކަށެވެ. اِبْنُ عَبَّاس رَضِيَ الله عَنْهُمَا ވިދާޅުވެފައި ވެއެވެ. (إِنِّيْ أُحِبُّ أَنْ أَتَزَيَّنَ لِلْمَرْأَةِ، كَمَا أُحِبُّ أَنْ تَتَزَيَّنَ لِـيَ الْمَرْأَةُ)[7] މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ތިމަންކަލޭގެފާނަށްޓަކައި ޒީނަތްތެރިވުމަށް ތިމަންކަލޭގެފާނު ލޯބިފުޅުކުރައްވާ ފަދައިން، ތިމަންކަލޭގެފާނު ވެސް އެކަނބަލުންނަށް ޓަކައި ޒީނަތްތެރިވުމަށް ލޯބިފުޅުކުރައްވަމެވެ." މިއީ ކޮންފަދަ ރިވެތި ނަމޫނާއެއްހެއްޔެވެ؟ ދެމަފިރީން އެކަކު އަނެކަކަށް ޒީނަތްތެރިވުމަކީ ލޯބި އިތުރުވެ، ހިލޭ މީހުންނަށް ބެލުމުން ލޯތައް ރައްކާތެރިކޮށްދީ ޢިއްފަތްތެރިކޮށްދޭނޭ ކަމެކެވެ. އެންމެ ރީތި ހެދުން ލާންވީ ހަފުލާތަކަށް ދާކަށެއް ނޫނެވެ. އެންމެ މީރުވަސްދުވާ ސެންޓާއި އަތަރު ބޭނުންކުރާންވީ ގެއިން ބޭރަށް ނުކުންނާކަށެއް ނޫނެވެ. އެ ކަން ކުރާންވީ ތިބާގެ އަމިއްލަ ގޭގައެވެ. ޙަލާލު ބައިވެރިޔާގެ ކުރިމަތީގައެވެ.

މިއަދު އޮންލައިން