ޢަލީ އިހްޞާން ފިރާޤް
ހަށިގަނޑުގެ ސެލްތަކަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަސްދަރަކީ ގުލުކޯޒްއެވެ. ކާބޯތަކެތި ހަޖަމުވެގެން ލޭގެ ތެރެއަށް، ހަށިގަނޑަށް ބޭނުންވާ ބައިތައް ނަގައިދޭ އިރު ގުލުކޯޒުގެ ބައިވެސް ނަގައިދެއެވެ. ލޭގެ ތެރޭގައި ހުންނަ ގުލުކޯޒުގެ ބައި ސެލްތަކުގެ ތެރެއަށް ފޯރުކޮށްދީ އަދި އެ ހަކަތައިގެ ގޮތުގައި ބޭނުން ކުރުމަށް އިސްދައުރެއް އަދާ ކުރަނީ އިންސިއުލިން އެވެ. އިންސިއުލިން އަކީ ޕެންކްރިއާސް އިން އުފައްދާ ހޯމޯންއެކެވެ. ގުލުކޯޒު، ހަށިގަނޑުގެ ސެލްތަކުގައި ރައްކާތެރި ކުރެވެނީ ގުލައިކޯޖަން ގެ ގޮތުގައެވެ. ގުލުކޯޒް، ގުލައިކޯޖަން އަށް ބަދަލުކުރެވެނީވެސް އިންސިއުލިންގެ އެހީގައެވެ.
އެހެންކަމުން އިންސިއުލިން އުފައްދައިދޭ މިންވަރު މަދުވުމުން ނުވަތަ އުފައްދާ އިންސިއުލިންގެ ބާރުދެރަވުމުގެ ސަބަބުން ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުވެގެންދެއެވެ. ހަކުރު ބައްޔަކީ ލޭގައި ހަކުރު ނުވަތަ ގުލުކޯޒްގެ މިންވަރު ހުންނަންވީ ވަރަށްވުރެ މައްޗަށްގޮސްފައި ހުރުމެވެ. މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ.
ހަކުރު ބަލީގެ މައިގަނޑު ދެ ވައްތަރެއް ފާހަގަ ކުރެވިފައިވެއެވެ. އެއީ ޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް އެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު ވެސް ބައެއް އަންހެނުންނަށް ހަކުރު މައްޗަށް ދިޔުމުގެ މައްސަލަ ދިމާވެއެވެ.
ޓައިޕް 1 ޑައިބެޓީސް: ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންގެ މެދުގައި އެންމެ އާންމު ހަކުރު ބަލީގެ ވައްތަރަކީ މިއީއެވެ. އިނގިރޭސި ބަހުން މި ވައްތަރަށް [އިންސިއުލިން ޑިޕެންޑެންޓް] ނުވަތަ އިންސިއުލިންއަށް ބަރޯސާވާން ޖެހޭ ވައްތަރުގެ ހަކުރު ބައްޔޭވެސް ކިޔައެވެ. މިފަދަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދެނީ ވަރަށް މަދު މިންވަރަކަށެވެ. ބައެއް މީހުންގެ އެއްގޮތަކަށްވެސް އުފައްދައެއް ނުދެއެވެ. މި ވައްތަރުގެ މީހުންގެ ހަކުރު ކޮންޓްރޯލް ކުރުމަށްޓަކައި އާންމުގޮތެއްގައި އިންސިއުލިން އިންޖެކްޝަން ފަށަން ޖެހެއެވެ.
ޓައިޕް 2 ޑައިބެޓީސް: މި ވައްތަރުގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދައި ދިން ނަމަވެސް ކޮންމެސް ސަބަބަކާ ހުރެ ސެލްތަކުން އިންސިއުލިންގެ ބޭނުމެއް ނުކުރެވެއެވެ. ހަށިގަނޑުގެ ސެލްތައް އިންސިއުލިންއަށް ރެސިސްޓް ވާގޮތްވަނީއެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދައެއް ނުދެއެވެ. މި ވައްތަރު އާންމުކޮށް ފެންނަނީ ތަންކޮޅެއް އުމުރުން ދޮށީ މީހުންގެ ފަރާތުންނެވެ. މި ވައްތަރުގެ މީހުންނަށް ބޭސް ދީގެންނާއި ކެއުން ބުއިމަށް ބަދަލުގެނެސްގެން ހަކުރު ކޮންޓްރޯލް ކުރެވެއެވެ. އަދި ބައެއް ހާލަތްތަކުގައި އިންސިއުލިން އިންޖެކްޝަން ޖަހަން ވެސް ޖެހިދާނެއެވެ.
ލޭ މައްޗަށް ދާ ބައްޔެކޭ އެއްގޮތަށް ހަކުރު ބައްޔަކީވެސް މުޅިން ރަގަޅުކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް ކޮންޓްރޯލް ކުރެވޭނެ ބައްޔެކެވެ. އެހެންކަމުން ހަކުރު ބަލި ހުރެއްޖެނަމަ ގަވައިދުން ބަރާބަރަށް ޑޮކްޓަރަށް ދައްކާ ޑޮކްޓަރުގެ އިރްޝާދު ހޯދައިގެން ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދިޔުން ވަރަށް މުހިންމެވެ.
ހަމައެހެންމެ ކެއިން ބުއިމަށް ހެޔޮ ބަދަލުތައް ގެންނަން ޖެހެއެވެ. އެ ގޮތުން ކެއުމުގެ ތެރޭގައި ހިމެނޭ ހަކުރު ހުންނަ ބައިތައް ކަމަށްވާ ކާބޯހައިޑްރޭޓްސް މަދުކޮށް، ޕްރޮޓީންސް އާއި ވިޓަމިންސް އިތުރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ ތެޔޮ ގިނަ ކާނާގެ ބާވަތްތަކާއި ސަރުބީ އެކުލެވޭ ބާވަތްތަކާވެސް ދުރުހެލިވުން ވަރަށް މުހިންމެވެ. އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރާ ވާހަކަ ދައްކައިގެން ކެއިން ބުއިމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތެއް ރާވައިލުމެވެ.
މީގެ އިތުރަށް ގަވައިދުން ބަރާބަރަށް ކަސްރަތު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.