އަޅުގަނޑަކީ ލޭމައްޗަށްދާތީ ބޭސްކަމުން އައި މީހަކީމެވެ. ދުވަސްތަކެއްވަންދެން ބޭސްކެއިފަހުން މީހަކު ބުނީ ޕެޝަންފުރުޓު ވެލުގެ ފަތަކީ އެކަމަށް އޮތް ފަރުވާއެއް ކަމަށެވެ. އަދި އޭނާ ފަތްކައި އުޅޭގޮތްވެސް ކިޔައިދިނެވެ.
އެފަހަރަކު ކާންބޭނުންވާ ފަތްކޮޅު ކުދިކުދިކޮށް ކޮށައިލަނީއެވެ. ދެން އެއިގެ ތެރެއަށް ފިޔައާއި ލުބޯހުތް އަދި ކުޑަމިރުސްކޮށް އެއްކޮށް ސަޓަނިހަދަނީއެވެ. ބައެއްފަހަރު މުގުރި ހިކިމަސްކޮޅެއްވެސް އެއްކޮށްލައެވެ. އެއީ މީރުކޮށްލުމަށްޓަކައެވެ.
މަހެއްހައި ދުވަހު ކެއިއިރު ކޮންމެވެސް ބަދަލުތަކެއްވަނީ އައިސްފައެވެ. ހަމަ ހިތްވަރުކުރީއެވެ. 3 މަސްވީއިރު އެކަށީގެންވާ ބަދަލެއް ވަނީ އައިސްފައެވެ. އެހިސާބުން ބޭސް ދަށްކުރިއެވެ. ހަމަސްފަހުން ބުނީ ޕްރެޝަރު ވަރަށް ރަނގަޅުކަމަށާއި ނަމަވެސް ބޭސް ހުއްޓައި ނުލުމަށެވެ.
ބޭސްނުކައިވެސް މިހާރު ފުދޭނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެއެވެ. ނަމަވެސް ޑޮކްޓަރުގެ ބަސް ޤަބޫލުކުރުމުގެ ގޮތުން އަދިވެސް ބޭސްކަމެވެ. ނަމަވެސް ލިބެންހުރި އެންމެ މަދު މިލްގްރާމްގެ ބޭހެވެ.
އަޅުގަނޑު މިޙިއްޞާކުރީ އަޅުގަނޑުގެ ތަޖުރިބާއެވެ. ކޮންމެ މީހަކަށް ދިމާވާނީ އެއްގޮތަކަށް ކަމަށް ނުވެދާނެއެވެ. ތަޖުރިބާކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށްވެސް ދަންނަވާލަން އޮތީ ޑޮކްޓަރުންގެ ބަސް ޤަބޫލުކުރައްވާށެވެ. ޕްރެޝަރު މައްޗަށް ދިއުމުގެ މައްސަލައަކީ އަމިއްލައަށް ކަންކަން ނިންމަންވާވަރަށްވުރެ ސީރިއަސް މައްސަލައަކަށްވާތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް