ކާފަ ގޮވައިގެން ރެސްޓޯރަންޓަށްދާތީ ތަނަވަސް މުސްކުޅިއަކާ އިނދެގެން އުޅެނީ ކަމަށް ހީކޮށް ފުރައްސާރަ ކުރެވޭ އަންހެން ކުއްޖެއްގެ ޙަޤީޤަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
ކާފަ ގޮވައިގެން ރެސްޓޯރަންޓަށްދާތީ ތަނަވަސް މުސްކުޅިއަކާ އިނދެގެން އުޅެނީ ކަމަށް ހީކޮށް ފުރައްސާރަ ކުރެވޭ އަންހެން ކުއްޖެއްގެ ޙަޤީޤަތް-

އަޅުގަނޑުގެ ކާފަގެ ޢުމުރަކީ 75 އަހަރެވެ. ކޮންމެ މަހަކުވެސް މުސާރަނަގައިގެން ކާފަ ގޮވައިގެން ރެސްޓޯރަންޓަކަށް ދަމެވެ. ގެންދަނީވެސް އަޅުގަނޑުގެ ސައިކަލުގައެވެ. އެތަން ފެންނަ ބައެއް މީހުން އަޅުގަނޑަށް ފުރައްސާރަ ކުރެއެވެ. ހީކުރަނީ ކާފައަކީ ވަރަށް ތަނަވަސް މީހެއް ކަމަށާއި އަޅުގަނޑަކީ ކާފަގެ ތަނަވަސްކަމަށް ދަހިވެތިވެގެން ކައިވެނިކޮށްގެން އުޅޭ އަންހެނެއް ކަމަށެވެ.  

އެކަމަކު އަޅުގަނޑަކީވެސް ކާފައަކީވެސް ތަނަވަސް ބައެއްވެސް ނޫނެވެ. އަޅުގަނޑު އެކަން ކުރަނީ ކާފަދެކެވާ ލޯބިންނެވެ. އަޅުގަނޑު ކުޑައިރު ގޮވައިގެން ތަންތަނަށް ގޮސް ހެޔޮކޮށް ހިތައި އުފާކޮށްދިނީތީއެވެ. މާމަ ވަނީ މަރުވެފައެވެ. ކާފައަށް ހެޔޮކޮށް ހިތުމަކީ ޘަވާބު ދެއްވަވާނެ ކަމަކަށްވެސް ވާތީއެވެ. 

މިއީ ކިޔުންތެރިއަކު ބުނެފައިވާ ބަސްކޮޅެކެވެ. ކިޔުންތެރިޔާއަށް ބުނެލަން ބޭނުންވަނީ ތިއަ ކުރެވެނީ ވަރަށް ހެޔޮ ޢަމަލެކެވެ. މީހުން ކުރާ ފުރައްސާރައަށް ކަންބޮޑުނުވާށެވެ! ފުރައްސާރަކުރާ މީހުންގެ ފަރާތުން ތިބާއަށް ބަދަލު ދެއްވަވާ ދުވަހު ލިބޭނެ އުފާވެރިކަން މާބޮޑުވާނެކަން ޔަޤީންކުރާށެވެ! 

ތިރީގައިވާ ޙާދިސާގައި އެކުއްޖާ މުސްކުޅި ބައްޕައަށް އެކުރާ ޚިދުމަތުން ހިތްވަރުލިބިގަންނާށެވެ!  

ޢިބްރަތްތެރި ވާހަކަ: ޙަޤީޤަތް ނުބަލާ މީހުންނަށް ނުބައިބަސް ބުނާނަމަ މިގޮތަށް ލަދުގަންނަން ޖެހޭފަހަރުވެސް މަދެއް ނުވާނެ! 

މީހަކު ފެންނައިރަށް އޭނާގެ ޙަޤީޤަތް ނުބަލައި އޭނާއަށް ބުރަބަސްބުނެ ފުރައްސާރަކުރުން ގިނަވަމުންދާތީ އެފަދަ ކަންކަން ނުކުރަން ހިތްވަރު ދިނުމުގެ ގޮތުން މިގެނެސްދެނީ ޢިބްރަތްތެރިވާހަކައެކެވެ. ކިޔާފައި ޢިބްރަތް ޙާޞިލުކުރެވުނުކަމަށްވާނީ ޢަމަލުކުރެވުނު ނަމައެވެ.  

މީސްމީހުންގެ ޙަޤީޤަތް އޮޅުން ނުފިލުވައި ނުބައި ވިސްނުން ވިސްނޭތީ މިއަދުނޫހުގެ ކިޔުންތެރިއަކު ލިޔެފައިވާ ލިޔުމަށް ތާއީދުކުރަމުން އަޅުގަނޑުވެސް މިކިޔައިދެނީ ހަމައަޅުގަނޑަށް ކުރިމަތިވެ ތަޖުރިބާކުރަން ޖެހުނު ކަމެއްގެ ވާހަކައެވެ.  

އެއީ ބޮޑު ޢީދެކެވެ. އަޅުގަނޑާއި ފިރިމީހާ އާއިދެދަރިން ވެސް ތިބީ ރިޒޯޓެއްގައެވެ. އެއިރު އެ ރިޒޯޓުގައި 90 ވަރަކަށް އަހަރުގެ މުސްކުޅި ފިރިހެނަކާއިއެކު 20 ވަރަކަށް އަހަރުގެ އަންހެންކުއްޖަކު އުޅެއެވެ. ބައެއް ފަހަރު އަތުގައި ހިފައިގެން ވަރަށް މަޑުމަޑުން ހިނގާތަންވެސް ފެނެއެވެ.  

އެދެމީހުން ފެނުމުން ފަތުރުވެރިންގެ ބައެއް މީހުންވެސް އަދި ދިވެހިންވެސް ކަޅިއަޅައެވެ. ނަފްރަތުގެ ބަސްތައް ބުނެއެވެ. ފައިސާގެ ބޭނުމުގައި މިޒަމާނުގެ އަންހެންކުދިން ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ބުނެއެވެ.  

އެކަން (އެފަދަ ވާހަކަދައްކާކަން) އެމީހުންނަށްވެސް އެނގެއެވެ. ނަމަވެސް އަޅައިވެސް ނުލައެވެ. އެއުޅޭ ގޮތަކަށް އުޅެއެވެ. އެ ދެމީހުންނަށް ބަލައި ފާޑުކީ އެންމެން ސިހިގެންދިއައީ އެއްރޭގެ ރޭގަނޑު ކެއުމުގެ ގަޑީގައި ރެސްޓޯރަންޓްގައެވެ. ފިރިހެން މީހާއަށް ނޭވާލާން ކުޑަކޮށް އުނދަގޫވީއެވެ. އެވަގުތު އޭނާގެ މޭގައި އަތްކާއްތަމުން އަންހެންކުއްޖާ ވަރަށް ބާރަށް ބުންޏެވެ.  

"އަޅެމިތާ އެއްވެސް ޑޮކްޓަރަކު އެބައިންތަ؟ ބައްޕައަކީ ހާޓްޕޭޝަންޓެއް!" 

އެއަޑާއިއެކު 2 ޑޮކްޓަރުން އެމުސްކުޅިމީހާއަށް އެހީތެރިވާން ފެށިއެވެ. އަދި ބައެއް ގޮތްގޮތް ހަދައިލުމުން ހަމައަކަށްވެސް އެޅިއްޖެއެވެ.  

އަނެއް ދުވަހު އެއަންހެން ކުއްޖާ އާއި ބައްދަލުވުމުން ކުޑަކޮށް ވާހަކަދައްކައިލީމެވެ. ބައްޕަގެ ޙާލު ކިހިނެއްތޯ އަހާލައި ކުޑަކޮށް "ކޮނެލީ"މެވެ. "އަހަރެންގެ ހުރީ ބައްޕަ އެކަންޏެވެ. މަންމަ މަރުވެއްޖެއެވެ. 2 ބޭބެ ކައިވެނިކޮށްގެން ގޮސް އުޅޭތަނެއްވެސް ނޭނގެއެވެ. އެކަމަކު 2 ބޭބެ ވަރަށް ސްމާޓްވާނެއެވެ. ބައްޕަ ހިތްހަމަޖެހޭހައި ކަންކަމަށް ޚަރަދުކުރާނެ ފައިސާ ފޮނުވާނެއެވެ. ރާއްޖެ އައިސްގެންވެސް މިއުޅެނީ ހަމަ ބައްޕަ ބޭނުންވެގެންނެވެ. 

އެއިގެ އަނެއް ދުވަހު ރިޒޯޓުގައި ތިބި ހުރިހާ ގެސްޓުންހައި ގިނަ އަދަދެއްގެ ގިނަ މީހުން ބައިވެރިވި ހަވީރުގެ ބާބަކިޔުއެއް އޮތެވެ. އެއިގެ މަޖާ އެންމެ ގަދަވީ ވަގުތު މައިކް އަތުލާފައި ބުނީމެވެ.  

"އަހަރެންގެ ދީންވެސް މައިން ބަފައިންވެސް ދަސްކޮށްދިނީ މީހަކާއިމެދު ނުބައި ޝައްކެއް ކުރެވިއްޖެނަމަ މަޢާފަށް އެދުމަށާއި ހެޔޮކޮށް ހިތުމަށާއި ހެޔޮ ދުޢާކުރުމަށެވެ! މާގްރެޓަށް އަހަރެންނަށް ވަނީ ވަރަށް ގިނައިން ބޮޑު ކުށެއް ކުރެވިފައެވެ. މިއޮތީ ކުޑަކުޑަ ހަދިޔާއެކެވެ. މާގްރެޓް ބަލައި އަންނާށެވެ! ބޭނުންވަނީ ވަރަށް ޝަރަފުވެރި އެއްޗެއްގެ ގޮތުގައި ޙަވާލުކުރަން ކަމުގައިވާތީއެވެ. އަހަރެން ތިބާއަށްޓަކައި ހެޔޮ ދުޢާކުރަމެވެ. އަބަދުވެސް ކުރާނަމެވެ!" 

އެކުއްޖާ ވަރަށް ހެމުން އެހެނަސް ލަދުންވެސް ހުރެމެ ސްޓޭޖަށް އެރުމުން ކުޑަ ހަދިޔާއެއް ދިނީމެވެ. ހަދިޔާއަކަށް ދިނީ ރާއްޖޭގެ ވަޑިއަކު ހަދާފައި އޮތް ކުޑަ ދޯންޏެކެވެ. އެހިސާބުން އެކަންވީ ވަރަށް މަޖާ ކަމަކަށެވެ. ހަމަ އެންމެންހެން ވަނީ އަހަރެންނަށްވެސް ކުރެވުނު ކުށްކޮށްފައެވެ. ގެސްޓުންގެ އިތުރުން މުވައްޒިފުންވެސްމެއެވެ. އެހެންވެ ވަރަށް ގިނަ ބައަކު އޭނާއަށް ހަދިޔާދީ މާފަށް އެދުނެވެ.  

އެންމެންނަށްވެސް ކުރެވުނު ކުށަކީ އަންހެންކުއްޖާއަކީ ފައިސާގެ ދަހިވެތިކަމުގައި މުސްކުޅިޔާގެ ފަހަތުގަ އެލިގަނެގެން އުޅޭ އަންހެންކުއްޖެ ކަމަށްބުނުމުވެ . އަދި ވަހުޝީ މީހެއް ކަމަށް ބުނެ މުސްކުލިޔާއަށް އެއްޗެތި ގޮވުމެވެ. ނަމަވެސް ޙަޤީޤަތް އެނގިގެންދިއައިރު މިވީ އެއްޗެތި ގޮވުމުގެ ބަދަލުގައި އެންމެން ތަޢްރީފްކުރަންޖެހޭނެ ފަދަ ދެމީހުންނަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ހަމަ އެއް ވާހަކައެކެވެ. ކަމެއް ފެންނައިރަށް ޙަޤީޤަތް ނުބަލައި ނަފްރަތުނުކުރާށެވެ! އެއްޗެތި ނުގޮވާށެވެ! އާޚިރަތް ދުވަހު ޖެހިދާނެ ނިކަމެތި ޙާލަތު ހިތަށް ގެންނާށެވެ!

 

- ޖައު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން