އަހުރެންނާއި ލޯބިވެރިޔާއާއި ދެމީހުން ބައްދަލުވީ ދަރިވަރުންގެ ގޮތުގައި ސްކޫލްގައި ތިބެއެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނުކަން އަންހެނުންގެ މައިންބަފައިންނަށް އެނގުމުން އެކަން ހުއްޓުވަން ކުރެވެން އޮތްހައި މަސައްކަތެއް ކުރިއެވެ.
މައްސަލައަކަށްވީ އޭނާގެ ބައްޕައަކީ ރަނގަޅު ވަޒީފާއެއް އަދާކުރާ މީހަކަށްވެފައި އަހުރެންގެ ބައްޕައަކީ މީހުންނަށް އަމިއްލައަށް ކުދިކުދި މަސައްކަތްކޮށްދީގެން ދިރިއުޅޭ މީހަކަށްވުމެވެ. އެހެންވެ ދެމީހުންނަށް ބައްދަލުނުކުރެވިވެސް ތިބެންޖެހުނެވެ.
ކައިވެންޏާއިމެދު ވަރަށް އުންމީދުކުޑަވެފައިވަނިކޮށް އަންހެނުން އަހުރެންގެ ގެއަށް އައިސް ބުނީ 18 އަހަރު ފުރިއްޖެ ކަމަށާއި މިއައީ ކައިވެނިކުރަން ކަމަށެވެ. އެއިރު އަހުރެންގެ ޢުމުރަކީ 19 އަހަރެވެ. އެހެންވެ ދޭނެ ޖަވާބަކަށް ވިސްނަން ހުއްޓައި ބައްޕަ ބުނީ ކައިވެނިކުރުމަށެވެ. ކައިވެނިކޮށްގެން ތިބެ ދެކުދިންވެސް ކިޔަވާނީ ކަމަށެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކޮށްގެންވެސް ދެކުދިންނަށް ކިޔަވައިދޭނެ ކަމަށެވެ.
ބައްޕަގެ ބަސް ޤަބޫލުކޮށް ކައިވެނިކުރީއެވެ. ނަތީޖާއަކަށްވީ 10 އަހަރުވަންދެން އަނބިމީހާގެ ޢާއިލާއިން އަހުރެމެންނާއި އެއްވެސް ގުޅުމެއް ނުބޭއްވުމެވެ. ދުނިޔޭގައި ތިބިކަންވެސް ބަލައިނުލުމެވެ.
10 އަހަރުފަހުން އޭނާގެ މަންމައާއި ބައްޕަ އަހުރެމެންނާއި ބައްދަލުކުރަން އައުމުން މަރުޙަބާކީމެވެ. ގެއަށްވެއްދީމެވެ. އެއިރު ދެމަފިރިންނަށް ވަނީ 3 ކުދިން ލިބިފައެވެ. ދެމަފިރިން ދިރިއުޅެނީ އަމިއްލަ ވިޔަފާރިކޮށްގެންނެވެ. ފުރަތަމަ ދެމީހުން ވަޒީފާއަދާކޮށް ފައިސާކޮޅެއް އެއްކުރީއެވެ. ކުޑަކެޕިޓަލެއް ޖަމާކުރެވުމުން އަމިއްލައަށް މަސައްކަތެއް ފެށީއެވެ. އަހުރެމްން ދިރިއުޅޭގެއާއި ފެންވަރު ފެނުމުން ތިބީ އިސްދަށަށް ޖަހާލައިގެންނެވެ. އަހުރެމެން ކުރީގެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. މައްސަލއެއް ޖެހުނުކަމަކަށްވެސް ނުހަދަމެވެ.
އަހުރެމެންގެ ކައިވެންޏަށް މިހާރު 40 އަހަރުފުރިއްޖެއެވެ. ދިރިއުޅުމަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަދި އުފާވެރި ކައިވެންޏެކެވެ. އަހުރެމެންގެ އަތަކު ކައިވެނީގެ ފޮޓޯއެއް ނެތެވެ. އެއީ ފަޤީރުކަމުން ފޮޓޯ ނުނެގުނީމައެވެ. ފަޤީރުކަމުން ހަނީމޫނަކަށްވެސް ނުދަމެވެ.
އަހުރެމެން ދެމަފިރިން ބުނެލަން ބޭނުންވަނީ ހިތުގެ އަޑިން ލޯބިވެވިއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ. ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! އުފާވެރިކަން އަމިއްލައަށް އައިސް އެދެމަފިރިއެއްގެ ގައިގައި ތަތްލާނެއެވެ!
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މިވާހަކައިން އަޅުގަނޑަށް ލިބޭ ފިލާވަޅުތައް ގިނަކަމުންނެވެ. އުންމީދުކުރަނީ ކިޔުންތެރިންނަށްވެސް އަގުހުރި ފިލާވަޅަކަށްވާނެ ކަމަށެވެ.
- ޒުލޭޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް