ޢިބްރަތްތެރި ވާހަކަ: ވަފާތެރި ކަމުގަ އިންދާ ނިކަމެތިކޮށްލެވުނު އަންތބަކު އުފާވެރިކަމާ ތަނަވަސްކަން އަމިއްލައަށް ހޯދިގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޢިބްރަތްތެރި ވާހަކަ: ވަފާތެރި ކަމުގަ އިންދާ ނިކަމެތިކޮށްލެވުނު އަންތބަކު އުފާވެރިކަމާ ތަނަވަސްކަން އަމިއްލައަށް ހޯދިގޮތުގެ ވާހަކަ-

އަހުރެން ދެކެ ލޯބިވާކަމަށް ބުނަމުން އައި މީހަކާއި ކައިވެނިކުރީމެވެ. އޭނާއަކީ މެދުމިނުގެ ތަނަވަސްކަންހުރި މީހެކެވެ. ކައިވެންޏަށް ފަހުގައިވެސް އަހުރެން ބޭނުންވީ ހެދިކާ ހެދުމުގެ މަސައްކަތްކުރާށެވެ. އެއީ އަހުރެން ވަރަށް ރަނގަޅަށް ދަސްކޮށްގެންހުރި މަސައްކަތަކަށްވާތީއެވެ. ނަމަވެސް އެފުރުޞަތު އޭނާ އަހުރެންނަކަށް ނުދިނެވެ. މަޖުބޫރުކުރީ މަސައްކަތެއް ނުކޮށް ގޭގައި އިނުމަށެވެ. 

ކައިވެންޏަށް 2 ވަނަ އަހަރެވެ. އަތްމަތިދަތިވާކަމަށްބުނެ ގެއަށް ކުރަމުން އައި ކަރަދު ބޮޑުތަނުން މަދުކުރީމާވެސް އަމިއްލައަށް މަސައްކަތްކުރަން ފަށަން ބޭނުންވިއެވެ. ނަމަވެސް ހުއްދަނުދިނީމާ ކެތްތެރިވީއެވެ. 

އެހެން އިންދައި ކަންކަން އެނގެމުން އައިސް ދެވަނަ ލޯބިވެރިއަކު ގެންގުޅޭކަމާއި އޭނާއަށް ވަރަށް ބޮޑެތި ޚަރަދުތައްކުރާކަން އެނގުނެވެ. އެކަމުގެ ހެކިހޯދަން މަސައްކަތްކުރަނިކޮށް އެއްދުވަހަކު ފިރިމީހާގެ ޖީބުން 2 ލިޔުމެއް ފެނުނެވެ. އެއް ލިޔުމަކީ އަތުގައި ފައިސާ ނެތިގެން ކާޑުޑެބިޓްކޮށްފައި އެއަންހެންމީހާއަށް ގަނެދީފައިހުރި ތަކެތީގެ ތަފްސީލް ރަސީދެވެ. ދެވަނަ ލިޔުމަކީ ބޭންކުން ދީފައިވާ އެންމެފަހުގެ އިންޒާރެވެ. 

އެދުވަހު ވަރަށް އާދޭސްކޮށްފައި ބުނީމެވެ. "އަހުރެންނާއިމެދު ވަރަށް ގިނަދުވަހު ފަރުވާކުޑަކޮށްފީމުއެވެ. އަހުރެންނަށް ދިރިއުޅެން ދަތިކޮށްފައި ހިލޭ އަންހެނަކަށް ބޮޑެތި ޚަރަދުތައް ތިއަ ގެންދަނީ ކުރަމުންނެވެ. އެހެންވީމާ ދެބަސްވެ ޒުވާބުކުރަން ނުހަދައި ރީތިގޮތުގައި އަހުރެން ދޫކޮށްލާފައި މިގެއިންދާށެވެ." އެހެން ބުނާއިރަށް "ތިއަގޮތަށް ކަންތައް ކުރަންވީތާ ކިތަންމެ ދުވަހެއް" ކަމަށްބުނެފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ.

އެހިސާބުން އަނެއްކާވެސް ހެދިކާހަދަން ފެށީމެވެ. ލިބޭ ފައިށާކޮޅުން ބާކީކުރަމުން އައިސް ގޭގައި ހުރި ތަނެއް ކެފޭއަކަށް ބަދަލުކޮށް ހުޅުވީމެވެ. އިސާހިތަކު ކަސްޓަމަރުން ލިބެން ފަށައިފިއެވެ. އަހުރެންގެ ރަހަތައް މީހުންނަށް ކަމުދާތީއެވެ. 

އެތަނަށް މަސްދުވަސްފުރުނު ދުވަހު ކުރީގެ ފިރިމީހާ އައިސް މާފަށް އެދުނެވެ. ލޯނު ނުދެއްކިގެން ވިޔަފާރިހުއްޓާލަންޖެހުނު ވާހަކައާއި އަތްމަތި ހުސްވުމުން ލޯބިވެރިޔާ ފިލިވާހަކައާއި މިބާވަތުގެ ވާހަކަތަކެއް ދައްކާފައި މާފަށް އެދުނީމާ ބުނީމެވެ. "ތިއަ ދެއްކި އެއްވެސް ވާހަކައަކީ އަހުރެންނާއި އެއްވެސް ގުޅުމެއް ހުރި ވާހަކަތަކެއް ނޫނެވެ. ދެން އަހުރެން މިހުރީ މާފުކޮށްގެންނެވެ. ތިބާވީ ބޭވަފާތެރިކަމަކަށް ނޫނެވެ. ތިބާގެ މަކަރުވެރިކަމުގެ މަޅީގައި ޖެހި ޢުމުރުން ދުވަސްތަކެއް ނަގައިލެވުނީތީ އަމިއްލަ ނަފުސަށެވެ. ދެން ރަނގަޅުވާނީ ތިއަ ބާވަތުގެ ވާހަކަ ނުދެއްކުމެވެ. އައީ ޚިދުމަްތ ހޯދަންނަމަ ކަސްޓަމަރެއްގެ ގޮތުގައި ޚިދުމަތް ހޯދީމާ ލިބޭނެއެވެ." 

އަނގައިންވެސް ނުބުނެ އިރުކޮޅަކު ހުރިތަނާ ކަސްޓަމަރުން ގިނަވީމާ ނުކުމެގެން ދިއައީއެވެ. އެއިގެ ފަހަކުން ބައްދަލެއް ނުވެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މަކަރުވެރިންގެ މަޅީގައި ޖެހިގެން ދުވަސްތައް ބޭކާރުނުކުރާށެވެ. ހިތްވަރުކުރާށެވެ! ސަލާމަތްވެވޭނެ ގޮތަކާއި އުފާވެރިކަން ދެއްވަވާނެއެވެ. އިން ޝާ ﷲ

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން