ގިނަ ބައަކަށް އެންމެ ގަދަ ވޭނަކަށްވަނީ ދަތުގަ އަޅާވޭން! މިބުނެދެނީ ގޭގަ ލިބިގަނެވޭނެ ބައެއް ފަރުވާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 8ސ
ގިނަ ބައަކަށް އެންމެ ގަދަ ވޭނަކަށްވަނީ ދަތުގަ އަޅާވޭން! މިބުނެދެނީ ގޭގަ ލިބިގަނެވޭނެ ބައެއް ފަރުވާ!

ދަތުގަ ރިއްސުމަކީ އެންމެންނަށްވެސް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެންމެ ބޮޑު ސަބަބަކަށްވަނީ ދަތުގެ ޑޮކްޓަރަކުންގެ ޚިދުމަތަކީ 24 ގަޑިއިރު ލިބޭ ޚިދުމަތަކަށްނުވާކަމެވެ. ރޭގަނޑު ކްލިނިކްތައް ބަންދުކުރާ ފަހުން ކަމެއް ދިމާވިޔަސް ދަތުގެ ޑޮކްޓަރަކާއި ބައްދަލުކުރެވޭނެ ގޮތެއް ނުއޮންނަކަމެވެ. އެހެންވެ މިގެނެސްދެނީ ދަތުގައި ރިއްސާނަމަ ގޭގައި ކުރެއްވިދާނެ ބައެއް ފަރުވާތައް އެނގިލައްވާނެ ލިޔުމެކެވެ. ސޭވްކޮސްލައްވާށެވެ! އެކުވެރިންނަށް ޝެއާވެސް ކޮށްލައްވާށެވެ!  

ދަތުގައި ރިއްސުމަކީ ވަރަށް ވޭން އަޅާކަމެކެވެ. ބައެއް ފަހަރު މޫނު ދުޅަވާގޮތްވެއެވެ. އަދި ނިދަންވެސް އުނދަގޫވެއެވެ. ކަންތައްތަކަން ސަމާލުކަން ނުދެވޭގޮތްވެ ދުވަހުގެ މަސައްކަތްތަކަށް ބުރު އަރާ ގޮތްވެއެވެ. މާލޭގައި ހޮސްޕިޓަލްއަކުން ދަތުގެ ހާއްސަ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މީގެ 2 އަހަރަކާ ބަލާފައި މިކަމަށްވެސް ވަނީ ލުއިތަކެއް ލިބިފައެވެ. ދަތުގެ ހާއްސަ ކްލިނިކަކަށް ދައްކަން ބަލާލާއިރު އަގުތައް ހުންނަނީ އާންމު މީހަކު އަތްފޯރާވަރަށްވުރެން މަތީގައެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ ދަތަށް ތަދުވާނަމަ ގޭގައި ވަގުތީ ގޮތުން ދަތުގެ ރިހުމަށް ލުޔެއް ހޯދުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.  

ލޮނު ފެނުން އަނގަދޮވުން:  

ދަތުގައި ރިއްސާނަމަ ލޮނުފެނުން އަނގަދޮވުމުން ވަރަށް ގިނަ ފަހަރު ލުއި ލިބޭނެއެވެ. ލޮނުފެނަކީ ގުދުރަތީގޮތުން ޑިސްއިންފެކްޓް ކޮށްދޭ އެއްޗެކެވެ. ލޮނުފެނުން އަނގަދޮވުމުން ދަތުގެ ތެރޭގައި ހަރުލާފައި ހުންނަ ކާއެއްޗެހިކޮޅުތައް ބޭރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. އަދި ލޮނުފެނަކީ ދުޅަ ތިރިކޮށްދޭ އެއްޗެކެވެ.

ލޮނުފެން ތައްޔާރުކުރުމަށްޓަކައި ބައި ސައި ސަމުސާ ލޮނު ތާފަނާ ފެން ތައްޓެއްގެ ތެރެއަށް އަޅާލުމަށްފަހު އެއްކޮށްލާށެވެ. މިފެނުން ދުވާލު 3 ފަހަރު އަނގަދޮވެލެވިދާނެއެވެ. 

އައިސް ޕެކް އެޅުން:  

ދަތުގައި ތަދުވާ ދިމާލުގައި އައިސް ޕެކް އަޅާލުމުން ރިހުން ކުޑަކޮށްދޭނެއެވެ. އައިސް ޕެކް އެޅުމުން ތަދު ކުޑަކޮށްދެނީ ތަދުވާ ދިމާލުގައި ހުންނަ ލޭހޮޅިތައް ކޮންސްޓިރިކްޓް ( ހަނި ) ކޮށްދޭތީ ކަމަށް ވެދާނެއެވެ.  

ކުޑަ ރުމާލެއް ނުވަތަ ތުވާޔެއް ކަހަލަ އެއްޗެއްގެ ތެރެއަށް އައިސް ކިއުބް އެޅުމަށްފަހު، ތަދުވާ ދިމާލުގައި ޖައްސާލާފަ ހިފަހައްޓާލައިގެން 20 ވަރަކަށް މިނެޓްވަންދެން މަޑުކޮށްލާށެވެ. މިގޮތަށް ކޮންމެ ގަޑިއިރަކު އެއްފަހަރު އައިސް ޕެކް ޖައްސާލެވިދާނެއެވެ.    

ކަރަންފޫ ތެޔޮ: 

ދަތުގައި ރިއްސާތީ ކަރަންފޫ ތެޔޮ ބޭނުންކުރި ވަރަށް ގިނަ މީހުން ކަރަންފޫ ތެލުން ރިހުން ކުޑަ ކޮށްދޭކަމަށް ބުނެއެވެ. ތަދުވާ ދިމާލުގައި ކަރަންފޫ ތެޔޮކޮޅެއް ހާކާލާށެވެ. ނުވަތަ ކަފަ ކޮޅަކަށް ކަރަންފޫ ތެޔޮ އެޅުމަށްފަހު ފޯކޮށްލާފައި ރިއްސާ ދިމާލުގައި ބާއްވާލާށެވެ.  

ލޮނުމެދު: 

ލޮނުމެދަކީ އޭގައި އެންޓިބެކްޓީރިއަލް އަސަރު ހުންނަ އެއްޗެކެވެ. ލޮނުމެދަކީ ދަތުގައި ކޮބަޑި ޖެހުމަށް މަގުފަހި ކުރުވާ ނުރައްކާތެރި ބެކްޓީރިއާތަށް މަރާލަދޭ އެއްޗެކެވެ. މީގެ އިތުރުން ލޮނުމެދުން ރިހުން ކުޑަ ކޮށްދިނުމަށް އެހީތެރިވެދެއެވެ. 

ތާޒާ ލޮނުމެދެއް މަޑު މަޑުން ހަފަމުން ގެންދާށެވެ. މިގޮތަށް ލޮނުމެދު ކާން އުނދަގޫނަމަ، ލޮނުމެދެއް ޗަސް ކޮށްލުމަށްފަހު ރިއްސާ ދަތުގައި އުނގުޅާލާފައި ބަހައްޓާލާށެވެ.  

ޕެޕަރމިންޓް ( ފެފުރުމެންޓް) ސައިފަތް ޕެކެޓް: 

ދިރާސާއަކުން ދައްކާ ގޮތުގައި ޕެޕަރމިންޓްއަކީ ރިހުން ފިލުވައި ދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ބޭނުންކޮށްފައިވާ ޕެޕަރމިންޓްގެ ސައިފަތް ޕެކެޓެއް ކުޑަކޮށް ހޫނުކަށް ފިލަންދެން ބާއްވާލާށެވެ. ކުޑަކޮށް ތާފަނާކޮށް ހުއްޓާ ސައިފަތް ޕެކްޓް ރިއްސާ ދަތުގައި ޖައްސާލާށެވެ.  

ޕެޕަރމިންޓް ސައިފަތް ޕެކެޓް ތާފަނާކޮށް ޖެއްސުމުގެ ބަދަލުގައި އައިސް އަލަމާރިއަށްލާފައި ކުޑަކޮށް ފިނިކޮށްލުމަށްފަހު ރިއްސާ ދަތުގައި ޖައްސާލެވިދާނެއެވެ. 

މަތީގައި ބަޔާން ކޮށްލެވުނީ ދަތުގައި ރިއްސާނަމަ، ފަސޭހަކަމާއިއެކު ކޮންމެ މީހަކަށްވެސް ގޭގައި ކޮށްލެވިދާނެ ކަންތައްތަކެއްގެ ވާހަކައެވެ. ދަތުގައި މާ ބޮޑަށް ރިއްސާނަމަ ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާ އަވަހަށް ހޯދާލަންވާނެއެވެ. ޑޮކްޓަރާއި ހިސާބަށް ދެވެންދެން، ދަތުގެ ރިހުމަށް ލުޔެއް ހޯދުމަށްޓަކައި ގޭގައި މަތީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކޮށްލެވިދާނެއެވެ.  

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.

 

- -އުންމު ނަވާރު

 

މައޫލޫމާތު ނެގީ:

Cronkleton, E. 11 home and natural remedies for Toothache Pain, Healthline. Available at: https://www.healthline.com/health/dental-and-oral-health/home-remedies-for-toothache#call-your-dentist.

Ponsford, S.  9 home remedies for a Toothache, Medical News Today. Available at: https://www.medicalnewstoday.com/articles/320315#thyme.

Toothache home remedies: What works and what hurts. WebMD. Available at: https://www.webmd.com/oral-health/home-remedies-toothache.

 

 

 

 

މިއަދު އޮންލައިން