ހަށިގަނޑުގަ ދަގަނޑުގެ މަދުވާ މައްސަލަ ރަނގަޅުކޮށްލަން އެހީތެރިވެދޭނެ ކާނާގެ ބާވަތްތައް- ވަރަށް ފަސޭހައިން ލިބެންވެސް އެބަހުރި!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 38ސ
ހަށިގަނޑުގަ ދަގަނޑުގެ މަދުވާ މައްސަލަ ރަނގަޅުކޮށްލަން އެހީތެރިވެދޭނެ ކާނާގެ ބާވަތްތައް- ވަރަށް ފަސޭހައިން ލިބެންވެސް އެބަހުރި!

މިވާހަކަ ފަށަން ބޭނުންވަނީ އަންހެނުންނަށް ކުރިމަތިވާ ޚާއްޞަ ޙާލަތަކާއި ގުޅިގެންނެވެ. އެއީ މައްސަރުކަންތައް ޖެހުމެވެ. މައްސަރުކަންތައް ޖެހި ގިނައިން ލޭފައިބާނަމަ ދަގަނޑުގެ ބައި ބޮޑުތަނުން މަދުވެގެންދެއެވެ. އަދި އަލުން ލޭއުފެދިގެން އަންނައިރު އިތުރުވެގެންވެސް ދެއެވެ. މައްސަލައަކަށްވަނީ މަދުވެގެންދާ ވަޤުތު އެކަމުގެ އަސަރު ހަށިގަނޑަށްކުރާކަމެވެ. މިޙާލަތުގައި ޑޮކްޓަރުންގެ ލަފާގެމަތިން މައްސަލަ ޙައްލުކޮށްދޭނެ ވިޓަމިނެއް، އަޔަން ކެޕްސޫލް ފަދަ ބޭހެއް ބޭނުންކުރެވިދާނެއެވެ. އަދި ކެއުމަށްވެސް ސަމާލުކަންދޭންވާނެއެވެ.  

ހަށިގަނޑުން ދަނގަނޑުގެ ބައި މަދުވާނަމަ ފެނިދާނެ ބައެއް އަލާމަތްތަކުގެ ތެރޭގައި ވަރުބަލިވުމާއި، ބޮލުގައި ރިހުމާއި ބޯއެބުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ޞިއްހީ އިތުރު މައްސަލައަކާ ނުލައި މިފަދަ ކަމެއް ކުރިމަތިވާނަމަ ޑޮކްޓަރަށް ދައްކާލާ ދަގަނޑުގެ ބައި ދަށްތޯ ޗެކް ކޮށްލަން ވާނެއެވެ. ހަށިގަނޑުން ދަގަނޑުގެ ބައި މަދުވާނަމަ ކެއުމުގައި ދަގަނޑު އެކުލެވޭ ކާނާ ހިމާނާލަށް ވާނެއެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ ދަގަނޑުގެ ބައި މަދުވާނަމަ، އަޅުގަނޑުމެން ދިވެހިންގެ ކެއުމުގައި ފަސޭހަކަމާއިއެކު ހިމަނާލެވިދާނެ ބައެއް ކާނާއަށެވެ. 

ކަނޑު މަސް: 

މަހުގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ދަގަނޑުގެ ބައި ހިމެނޭ ކާނާއެވެ. މަސް އެއީ އާންމުކޮށް އަޅުގަނޑުމެން ދިވެހިންގެ މައިގަނޑު ކެއުންތަކުގައި ހިމާނާލާ ބާވަތެކެވެ. އޭގެ ތެރެއިންވެސް ކަނޑުމަސް ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. ދަގަނޑުގެ ބައި ހަށިގަނޑުން މަދުވާނަމަ ކެއުމުގައި ފެސޭހަކަމާއިއެކު ކަނޑު މަސް އަދި އެހެން ބާވަތްތަކުގެ މަސް ހިމަނާލާށެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ގަވައިދުން މަސް ބޭނުން ކުރައްވާ ފަރާތްތަކުގެ ދަގަނޑުގެ ބައި ދަށް ވުމުގެ ފުރުސަތު ކުޑައެވެ. 

އޯޓްސް: 

ހޯލް ގްރެއިންގެ ބާވަތްތައް ކެއުމުގައި ހިމަނާލުމުން ދަގަނޑުގެ ބައި ރަނގަޅުކޮށްލުމަށް އެހީތެރިވެދޭނެއެވެ. މީގެ ތެރެއިންވެސް ހާއްސަކޮށް އޯޓްސް ފާހަގަކޮށްލެވެއެވެ. އޯޓްސްއަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް މަގުބޫލު އެއަޗެކެވެ. 100 ގްރާމް އޯޓްސްގައި 4.7 މިލިގްރާމްގެ ދަގަނޑުގެ ބައި އެކުލެވެއެވެ. އޯޓްސްއަކީ ގިނަ ގޮތްގޮތުން ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. ދަގަނޑުގެ ބައި މަދުވާނަމަ ހެދުނުގެ ނާސްތާގައި ރޮށި ބަދަލުގައި އޯޓްސް ބޭނުން ކުރެވިދާނެއެވެ. 

ބަރަބޯ އޮށް: 

ބަރަބޮލަކީ އަގުހެޔޮ ފަސޭހައިން ފިހާރަތަކުގައި ލިބެން ހުންނަ ބާވަތެކެވެ. ރަށްފުށުގެ ގޯތިތެރޭގައާއި ދަނޑުތަކުގައި ވަރަށް ގިނައިން ހައްދާފައި ހުންނަ ބާވަތެކެވެ. ބަރަބޯ އޮށަކީ ދަގަނޑުގެ ބައި ގިނަ އެއްޗެކެވެ. ބަރަބޮލުގައި ރިހަ އަދި މަސްހުނި ހަދާއިރު ބަރަބޯ އޮށްކޮޅު އުކާލުމުގެ ބަދަލުގައި ހަނާ ކޮށްލައިގެން ނުވަތަ ހިއްކައިލައިގެން ކެއުމުގައި ހިމަނާލެވިދާނެއެވެ. 

މުރަނގަ ފަތް:

މުރަނގަފަތަކީ ރަށްފުށުން ފަސޭހައިން ލިބެން ހުންނަ ފަތެކެވެ. މުރަނގަފަތުގައި ގިނަ އަދަދަކަށް ދަގަނޑުގެ ބައި އެކުލެވެއެވެ . މީގެ އިތުރުން މިފަތުން ގިނަ އަދަދަކަށް އެކި ބާވަތުގެ ވިޓަމިންސްތަކާއި މިނެރަލްސް ފޯރު ކޮށްދެއެވެ. މުރަނގަފަތުގެ އިތުރުން ފެހިކަން ގަދަ ފަތްތަކުންވެސް ދަގަނޑުގެ ބައި ފޯރުކޮށްދޭނެއެވެ. ދަގަނޑުގެ ބައި ދަށް ވާނަމަ ކާން އެންމެ ރަނގަޅު ފަތް ކަމަށް ޑޮކްޓަރުން ވިދާޅުވަނީ ސްޕިނިޗްއެވެ. އަޅުގަނޑު މުރަނގަފަތް ވަކިން ހާއްސަކޮށް މިފާހަގަކޮށްލީ ފަސޭހަކަމާއިއެކު ދިވެހިންނަށް ލިބެން ހުންނާނީ މުރަނގަފަތް ކަމަށް ވާތީއެވެ. 

ބަދަން: 

ދަގަނޑުގެ ބައި ހަށިގަނޑުން މަދުވާނަމަ ތަފާތު އެކި ބާވަތުގެ ބަދަން ކެއުމުގައި ހިމަނާލެވިދާނެއެވެ. އާމަންޑް، ކެޝޫނަޓް ފަދަ ބަދަށް ސްނެކްސް ގޮތުގައި ކެއުމުގައި ބޭނުންކޮށްލާށެވެ. 100 ގްރާމް ކެޝޫނަޓްގައި 6.7 މިލިގުރާމް އަދި އާމަންޑްގައި 5.4 މިލިގުރާމް ދަގަނޑުގެ ބައި ހިމެނެއެވެ. ހަށިގަނޑަށް ދަގަނޑުގެ ބައި ރަނގަޅަށް ނެގުމަށްޓަކައި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ކާނާ ކެއުމުގައި ހިމަނާލަންވާނެއެވެ.

ސަމާލުކަމަށް: މިލިޔުމުގައި އަޅުގަނޑު ހިމަނާފައިވާ މައުލޫމާތުތަކަކީ އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫން ކަމުގައި ދަންނަވަމެވެ. 

- އުންމު ނަވާރު 

މައުލޫމާތު ނެގީ

Garg , D.P. (2023) 10 Iron Rich Foods to add to your diet - pharmeasy, PharmEasy Blog. Available at: https://pharmeasy.in/blog/iron-rich-foods-to-add-to-your-diet/.

 

 

 

                                

މިއަދު އޮންލައިން