ބަނޑު ހިކި ބޮޑުކަމުދާން އުނދަގޫވާ މައްސަލައަށް ޙައްލުހޯދަން ފުރަތަމަ އަމިއްލައަށް ކުރެވިދާނެ ކަންކަން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 58ސ
ބަނޑު ހިކި ބޮޑުކަމުދާން އުނދަގޫވާ މައްސަލައަށް ޙައްލުހޯދަން ފުރަތަމަ އަމިއްލައަށް ކުރެވިދާނެ ކަންކަން!

ޤަވާއިދުން ބޮޑުކަމު ނުދެވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމާއި ގުޅިފައިވާ ކަންކަން ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ބަނޑަށް އުނދަގޫވުން، ބަނޑުގައި ރިއްސުން، ވައިގެ މައްސަލަތައް، ފުރަގަސްފަރާތް ފޭބުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.   

ބޮޑުކަމުދާން އުނދަގޫވުމަކީ ވަރަށް ގިނަ ބައަކަށް ކުރިމަތިވާ ކަމެކެވެ. ގިނަ ފަހަރު އެކަން ދިމާވަނީ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތުންނެވެ.  

މި ލިޔުމުގައި ގެނެސްދޭނީ ބޮޑުކަމުދާން އުނދަގޫވާނަމަ ކެއުމުގައި ހިމާނަލެވިދާނެ ބައެއް އެއްޗެއްސާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބައެއް ބަދަލުތަކާއި ބެހޭ ގޮތުންނެވެ.  

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބައެއް ބަދަލުތައް: 

ގިނައިން ފެން ބުއިމަށް އާދަކުރުން: 

ގިނައިން ފެން ބުއިމަކީ އޭގައި ވަރަށް ގިނަ ޞިއްހީ ފައިދާތައް އެކުލެވޭ ކަމެކެވެ. ހަށިގަނޑުގެ އެކި ބައިތަކަށް އޭގެ ސަބަބުން ފައިދާ ކުރެއެވެ. އޭގެ ތެރޭގައި ހަޖަމުގެ ނިޒާމުވެސް ހިމެނެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ، ބޮޑުކަމުދާ ތަކެތި ހަރުވެ ބޮޑުކަމުދާން އުނދަގޫވެގެންދެއެވެ. 

ދިރާސާއަކުން ދައްކާ ގޮތުގައި ކްރޮނިކް ކޮންސްޓިޕޭޝަން ( ބޮޑުކަމުދާން ވަރަށް އުނދަގޫވުން) ހުންނަ ބަޔަކު ދުވާލެއްގެ މައްޗައް 2 ލީޓަރަށް ފެން ބުއި މިންވަރު އިތުރު ކުރުމުން، ސްޓޫލް ފްރިކުއެންސީ އިތުރުވިއެވެ. އަދި މިމީހުން ބޮޑުކަމުދާން އުނދަގޫވާ ބޭފުޅުން ނަގާ ބޭހެއް ކަމަށްވާ ލެކްސެޓިވްސް، ފެން މަދުން ބުއި މީހުންނާއި އަޅާ ބަލާއިރު ނަގާ މިންވަރު މަދެވެ. ގިނައިން ފެން ބޯން އުނދަގޫވާ ބޭފުޅުން، ކެއުމުގައި ފެން ގިނައިން އެކުލެވޭ މޭވާ ހިމަނާލުން އެދެވިގެންވެއެވެ. ދުވާލަކު މަދުވެގެން 8 ތަށި ފެން ބޯން އާދަކުރާށެވެ.  

އެކްޓިވްކޮށް ހުރުމަށް މަސައްކަތް ކުރުން: 

އެކްޓިވްކޮށް (ޙަރަކާތްތެރިވެ) އުޅުމަކީ ކަންނެއްކަމުން ދުރުކޮށްދީ އެކަމުން ގިނަ ފައިދާތަކެއް ފޯރުކޮށްދޭ ކަމެކެވެ. އެކްޓިވްކޮށް އުޅުމުން ހަށިގަނޑުގެ ހަޖަމުގެ ނިޒާމަށްވެސް އޭގެ އަސަރު ކުރެއެވެ. ކުޑަކޮށް ކަސްރަތު ކޮށްލާ، މޫދަށް ގޮސް ފަތާލާ އަދި ކޮންމެ ދުވަހަކު 20 މިނެޓް ނަމަވެސް ހިނގާލުން މުހިއްމެވެ. ބޮޑުކަމުދާން އުނދަގޫވާ ބޭފުޅުން ހިނގާލާ ހެދުމުން ބޮޑުކަމުދާން ފަސޭހަވާ ކަމަށް ބުނެއެވެ.  

ބޮޑުކަމުދާން ބޭނުންވުމުން ލަސްނުކޮށް ދިއުން: 

ބޮޑުކަމުދާން ބޭނުންވުމުން ބައެއް ބޭފުޅުން ފާހާނާއަށް ނުގޮސް އެބަހުރެއެވެ. މިއީ ވަރަށް ގެއްލުންވެދާނެ ކަމެކެވެ. މިހެން ކަންތައް ކުރުމުގެ ސަބަބުން ބަނޑު ހަރުވެ، ބޮޑުކަމުދާން އުނދަގޫ ވެދާނެއެވެ. ބޮޑުކަމުދާން ބޭނުންވުމުން ކުރަން ހުރި ކަންތައް މަޑު ޖައްސާލާފައި ފާހާނާއަށް ދިއުމަށް ސަމާލުކަށް ދޭށެވެ.  

ކެއުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންތައްތައް: 

ކެއުމުގައި ފަތް ހިމެނުން: 

ބޮޑުކަމުދާން އުނދަގޫވާ ބޭފުޅުން ކެއުމުގައި ދާއިމީކޮށް އެކި ބާވަތުގެ ފަތް ހިމަނާލުން މުހިންމެވެ. ފެހި ކުލަ ގަދަ ފަތް މީގެ ތެރެއިންވެސް ފާހަގަކޮށްލެވެއެވެ. ރަށްފުށުން ފަސޭހަކަމާއި އެކު އެކި ބާވަތުގެ ފަތް ލިބޭނެއެވެ. އަމިއްލަ ގޭގައި ހައްދައިގެން ފަތް ކެއުމަށް ސަމާލުކަށް ދޭށެވެ. ބައެއް ބޭފުޅުން ފަތް އެއްޗެހި ހައްދާއިރު ޖަހާ ބައެއް ކަހަލަ ބޭސްތަކުން ހަށިގަނޑަށް ގެއްލުން ލިބުމަށް މަގުފަހިވެއެވެ. 

ބޮޑުކަމުދާން އުނދަގޫވާނަމަ ގިނަ މީހުންނަށް ކެއުމުގައި ކޮޕީ ފަތް އަދި މުރަނގަފަތް ހިމެނުމުން ބޮޑުކަމުދާން ފަސޭހަވެގެން ދެއެވެ. އެކި މީހުންނަށް ބޮނޑުކަމުދާން ފަސޭހަވާނީ އެކި ކަހަލަ ފަތް ކެއުމުން ކަމަށްވާތީ، ކޮންމެ ބޭފުޅަކުވެސް އެބޭފުޅަށް ކެއުން ރަނގަޅު ފަތް ދެނެގަތުން މުހިއްމެވެ. 

ފައިބަރ ގިނައިން އެކުލެވޭ ކާނާ ކެއުމުގައި ހިމެނުން: 

ދިރާސާތަކުން ދައްކާ ގޮތުގައި ފައިބަރ ގިނައިން އެކުލެވޭ ކާނަ ކެއުމުން ބޮޑުކަމުދާން ފަސޭހަވެގެންދެއެވެ. މޭވާ އާއި ތަރުކާރީގައި ފައިބަރ އެކުލެވެއެވެ. ބޮޑުކަމުދާން އުނދަގޫވާ ބޭފުޅުން ކެއުމުގައި މޭވާއާއި ތަރުކާރީ ގިނައިން އަދި ގަވައިދުން ހިމަނަށް ވާނެއެވެ. 

އިތުރު ބައެއް ކަންތައްތައް:   

ހެނދުނު ނާސްތާގެ ކުރިން އެއް މޭޒުމަތީ ސަމުސާ އޯގަނިކް އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ބޯލާށެވެ. މިއީ ހަޖަމު ކުރާ ނިޒާމަށް ފައިދާ ހުރި ތެލެކެވެ. ޕްރޮބައޮޓިކްސް ނުވަތަ ޕްރޮބައޮޓިކްސް އެކުލެވޭ ކާނާ ކެއުމުގައި ބޭނުންކުރާށެވެ. ގިނަ ބާވަތުގެ ޔޯގަޓްގައި ޕްރޮބައޮޓިކްސް ހިމެނޭނެވެ.

މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތައް ކުރުމާއި އެކުވެސް ބޮޑުކަމުދާން އުނދަގޫވާނަމަ، ލަސްނުކޮށް ޑޮކްޓަރ ދައްކައި ބޮޑުކަމުދާން އުނދަގޫވަނީ އިތުރު ސިއްހީ މައްސަލައެއް އުޅޭތީތޯ ބަލައި ޔަގީން ކުރަން ވާނެއެވެ.

 

- އުންމު ނަވާރު  

މަސްދަރު:

Bhagwati, Dr.S. (2020) 8 effective home remedies for constipation suggested by ayurveda, Dr Vaidya’s. Available at: https://drvaidyas.com/blogs/digestive-care/home-remedies-for-constipation.

Dr. Edward Group, D. (2017) 10 natural remedies for constipation, Dr. Group’s Healthy Living Articles. Available at: https://explore.globalhealing.com/10-natural-remedies-constipation/.

Khan, Dr.A.M. (2023) 12 home remedies for constipation & preventive tips, eMediHealth. Available at: https://www.emedihealth.com/digestive-health/health-conditions/home-remedies-constipation.

 

 

 

 

 

 

 

 

މިއަދު އޮންލައިން