އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އާ ދެމެދު، ޙާފިޒުންނަށް ދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ފެއްތުމަށްޓަކައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އެމްކިޔުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޙާފިޒުކަމުން ތަމްރީނުވެ، ސެޓްފިކެޓު ހާޞިލުކުރާ ދަރިވަރުންނަށް ލިބޭ ސަނަދުގެ ފެންވަރު ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ، ޙާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވާއިރު ރަށްރަށުގައި ތިބި ޤުރުއާން ހިތު ދަސްކޮށް، މުރާޖައާކުރުމަށްފަހު ހަމައެކަނި އިމްތިހާން ހެދުމަށް މާލެ އަންނަ ގޮތަށްވެސް އުޞޫލު ވަނީ ބަދަލުކޮށްފައެވެ. މީގެކުރިން ޤުރުއާން މުރާޖައާކުރުމަށްވެސް އަންނަންޖެހޭނީ މާލެއަށެވެ.
މި ބަދަލުތަކާއެކު ޙާފިޒުކަމުގެ ސަނަދު ޙާސިލްކުރުމަށް ސަރުކާރުން މިވަނީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާދެއްވާފައެވެ. އަދި އެމްކިޔުއޭ ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓަކަށް ހާފިޒްކަމުގެ ސަނަދު ހެދުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރު މިވަނީ ފަށްޓަވާފައެވެ.