މިއަހަރުގެ މިނިވަންދުވަސް ތަފާތު! މާގިނަ ކުޅިވަރުތަކެއް ނެތަސް ހިތަށް ލިބޭ ހިތްހަމަޖެހުން ބޮޑުތަނުން ބޮޑު! ރައީސް ޑރ. މުޢިއްޒަށް ޚާއްޞަ ޝަރަފެއް އަރުވަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 4ސ
މިއަހަރުގެ މިނިވަންދުވަސް ތަފާތު! މާގިނަ ކުޅިވަރުތަކެއް ނެތަސް ހިތަށް ލިބޭ ހިތްހަމަޖެހުން ބޮޑުތަނުން ބޮޑު! ރައީސް ޑރ. މުޢިއްޒަށް ޚާއްޞަ ޝަރަފެއް އަރުވަންޖެހޭ!

މިނިވަނަދުވަހުގެ ވާހަކަ ދެކެވޭ އަޑުއިވުމުން ގިނަ ބައެއްގެ ހިތަށް ވަންނަނީ ޤައުމުގެ މިނިވަންކަމެއް ނޫނެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރާއި އެއިގެފަހުން ދިވެހި ސިފައިން ހޯދައިދިން މިނިވަންކަމެއްވެސް ނޫނެވެ.  

ހިތަށްވަންނާނީ ކުޅިވަރުކުޅުމާއި ނާޗަރަންގީގެ މަޖަލެވެ. އެހެންވެ ޤައުމުގެ ޙަޤީޤީ މިނިވަންކަމާއިމެދު ވިސްނައިލަނީވެސް މަދުބައެކެވެ.

އެއްވެސް ޝައްކެއް ނެތެވެ. ދިވެހީންގެ މިނިވަންކަން ގެއްލިގެންދިއަ ޙާދިސާތަކަށްފަހު ދިވެހިންގެ މަސައްކަތްތަކުން މިނިވަންކަން އަނބުރައި މިވަނީ ހޯދައިފައެވެ. އެކަމުގެ ހިތްހަމަޖެހުމުގައި ތިއްބައި 2018 ވަނަ އަހަރު ވެގެންދިއައީ އަނެއްކާވެސް ކަޅު 5 އަހަރު ފެށުނު އަހަރަށެވެ. ވެރިކަން ބަދަލުވުމާއިއެކު ފެންނަންފެށީ ޤައުމުގެ މިނިވަންކަމާއި ދިވެހިންގެ ދީން ރާއްޖެ ދޫކޮށް ދިއުމަށް ދަތުރުހަދަންފެށިތަނެވެ.  2023 އައިއިރު ވަނީ ގާދޫކޮލުން ނުކުމެ ބޭރަށް މިސްރާބުޖަހައިފައެވެ.

އިޤްޠިޞޯދީ އަޅުވެތިކަމުގެ ތެރެއިން ޤައުމުގެ މިނިވަންކަން ގެއްލިގެންދިއަމިންވަރު އެނގޭނީ އެ 5 އަހަރު ރާއްޖޭގައި ކަންކަން ހިނގައިދިއަގޮތް، ހިނގި ކަންކަމުގެ ފުރިހަމަ ދިރާސާއެއް ކުރެވުނީމައެވެ. ދެން އޮތީ ދީނީ ބައެވެ. އިސްލާމް ދީނުގެ ކަންކަމެވެ. މިއީވެސް ފުރިހަމަ ދިރާސާއެއް ކުރަންޖެހޭ ކަމެކެވެ.

ކޮންމެއަކަސް 2023 ވަނަ އަހަރުވެގެންދިއައީ ޚާއްޞަ އަހަރަކަށެވެ! ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލްގެ ދިފާޢުގައި ދިވެހިން ކަށިހިތްވަރު ނެރެ މޭތައް ދިއްކޮށްލުން ވެގެންދިއައީ ޙާލަތު ބަދަލުކޮށްލެވުނު ސަބަބަށެވެ. ގާދޫކޮލުން ނުކުމެގެން ރާއްޖެ ދޫކޮށް ދިއުމަށް ދަތުރުކުރަމުން ދިއަ ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ދިވެހިންގެ ފަޚުރުކަމުގައިވާ އިސްލާމް ދީން އަނބުރާ ރާއްޖެ ގެނެސްދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރު 2023ގައި ކުރައްވަން ފެށްޓެވި މަސައްކަތްޕުޅުތަކުގެ ސަބަބުން މިއަދު މިވަނީ އަލުން މިނިވަންކަމުގެ ނޭވާ ލެވެން ފެށިފައެވެ. އިން ޝާ ﷲ

އެކަމަށްޓަކައި އެމަނިކުފާނަށް ޚާއްޞަ ޝަރަފެއް އަރުވަން ޖެހެއެވެ. އެހެންވެ ތިރީގައި މި ބަޔާންކޮށްލަނީ އެމަނިކުފާނުގެ އެވާހަކަފުޅަށްޓަކައި އަދި އެވާހަކަފުޅަށްފަހު އެވާހަކަފުޅަށް ޢަމަލުކުރައްވަމުން ގެންދަވާތީ ދިވެހިން ޝުކުރުވެރިވުން ޙައްޤު ވާހަކަފުޅުން އެންމެ މުހިންމު އެއްބައެވެ.

ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން؛

މި ވާހަކަކޮޅު ނިންމާލައިފައި މި ފިޔަވަޅުމަތިން އަޅުގަނޑު ދުރަށް ޖެހިލުމުގެ ކުރިން، ތިޔަ އެންމެ ބޭފުޅުން، އެހެރަ ލޮބުވެތި ފަޚުރުވެރި ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުން އެދެން! މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުޚާޠަބު ކުރޭ. އެއީ، މިނިވަންކަމުގެ ދިދަ. އެކަން ދައްކައިދިނުމަށްޓަކައި، ފިންޏާއި ހޫނާއި، އަތްވާއި ވާރޭގައި، ރެޔާއިދުވާލު އެ ދިދަ ވިހުރޭ. އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ. އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ޤައުމު ޙަޤީޤީ ދިވެހި ޤައުމަކަށް ވަނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން.

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!

މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ!

މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަޚުލާޤު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ!

މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ!

ޝައްކެއްނެތް، އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޝުޢޫރަކަށް ވާންވީ؛

ކޮން ފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ
       ހަންހާރަވެތި ދިވެހީންގެ މީ، ގިންތީ ތެރޭ ހިމެނުއްވުމީ.

އޯގާވަންތަ ﷲ މި ފަޚުރުވެރި ދިވެހިރާއްޖެއަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! އަޅުގަނޑުމެން މިއަދު މި ފެށި ޤައުމީ ދަތުރަކީ އަމާން، ކާމިޔާބު ދަތުރެއް ކަމުގައި ލައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން! 

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

(ރައީސް ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރު 2023 ގައި ޤައުމާއި މުޚާޠަބްކުރައްވައި ދެއްކެވި ވާހަކަފުޅުން)  

 

 

 

 

މިއަދު އޮންލައިން