ތިރީގައި އެވަނީ ޢަލީ ރަޢީފް، އއ، ތޮއްޑޫ، ދޮން މޫނިމާގެ ކީރިތި ޤުރްއާން ހިތުދަސްކޮށް 1 ވަނަ ދަރަޖައިގައި ޙާފިޡްކަމުގެ ސަނަދު ޙާޞިލްކުރުމުން އިސްލާމިކް މިނިސްޓްރީން ޢާންމުކުރި ލިޔުން އެއިގެ އަޞްލާއި އެއްގޮތަށެވެ.

ޢަލީ ރަޢީފް، އއ، ތޮއްޑޫ، ދޮން މޫނިމާގެ (އޯޓިޒަމްގެ އެންމެ މަތީ ލެވަލް ހުންނަ ކުއްޖެއްކަމަށް ޢާއިލާއިން މައުލޫމާތުދިން).

500 ހާފިޒުންގެ ޕްރޮގްރާމްގައި ޤުރުއާން ހިތު ދަސްކުރަން ފެށި، 9 އަހަރުން ދަސްކޮށް ނިންމައި މި އަހަރު ފެބްރުއަރީ ގައި ވަނީ އެއްވެސް ކުށެއް ނުޖެހި 14 ދުވަހުން، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހާފިޒުން އިމްތިހާނު ކޮމިޓީއަށް ހިތުން ކިޔައިދީ، ފާސްވެ އެއްވަނަ ދަރަޖައިގައި ހާފިޒްކަމުގެ ސަނަދު ހޯދާފަ.

އޭނާއަކީ އާދަޔާ ޚިލާފު ހާފިޒެއް. ދަސްކޮށްފައި އާޔަތްތައް އެކަންޏެއްނޫން. އޭނާ ދަސްކޮށްފައިވަނީ އާޔަތުގެ ނަމްބަރާ ވެސް އެކުގަ. މިފަދަ ކުދިންނަކީ އޮޓިސްޓިކް ކުދިންނޭ ބުނަނީ ކީއްވެބާއެވެ؟

ރަޢީފް ފަރާތުން އެފަދަ އެއްވެސް ޢައިބެއް ފާހަގައެއްނުވޭ. ކީރިތި ޤުރުއާންގެ ސަބަބުން އޭނާގެ ސުލޫކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާކަން ވަނީ ފާހަގަވެފަ. ވަރަށް އަދަބުވެރި އަޚުލާޤު ރަނގަޅުކަން ފާހަގަވި. މިއީ ﷲ ދެއްވާ ނިޢުމަތެވެ. މިއަދު އަޅުގަނޑުވަނީ އޭނާއާއި މައިންބަފައިންނާ ބައްދަލުކޮށް ހިއްވަރު ދީފަ، އޭނާ އެންމެ ބޭނުންވީ ޢުމްރާ ދަތުރެއް،. އިސްލާމިކް މިނިސްޓްރީއިން އިންޝާ ﷲ އޭނާގެ އުންމީދު ޙާޞީލްކޮށްދޭނެ.

ރަޢީފް ޤުރުއާން ދަސްކޮށްފައިވަނީ ވަޒީފާއެއްގައި ވެސް އުޅެމުން..
ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެކަމަށް މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. އިން ޝާ ﷲ. އެކަމަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެތެވެ. އޮތީ ހިތްވަރުކޮށް ގަދައަޅައި މަސައްކަތްކުރުމެވެ.