ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަޞީލަތްތަކާ ބެހޭގޮތުން ކުރެވޭ ދިރާސާތައް އިތުރުކޮށް، ދިރާސާވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދިރާސާ ކުރެވޭނެ މަގުފަހިކޮށްދެއްވުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
5 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ކަނޑުގެ ވަޞީލަތްތައް ދިރުވާ، އެއިން މަންފާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަޞީލަތްތަކާ ބެހޭގޮތުން ކުރެވޭ ދިރާސާތައް އިތުރުކޮށް، ދިރާސާވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދިރާސާ ކުރެވޭނެ މަގުފަހިކޮށްދެއްވުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ގަވައިދުތަކާ އެއްގޮތަށް ދިރާސާތައް ކުރިއަށްގެންދިޔުމުން ކަނޑުގެ ވަޞީލަތްތަކުން ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ހަދާ ސްޓްރެޓީޖިކް ޕްލޭންތަކަށް މަންފާ ކުރާނީ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަޞީލަތްތައް ރައްކާތެރިކޮށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީވެސް އޭރުން." ވަޒީރު ވިދާޅުވިއެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ ސިމްޕޯސިއަމްއަށް 63 ދިރާސާ އާއި 35 ޕްރެޒެންޓޭޝަނާއި 28 ޕޯސްޓަރު ހުށަހަޅާފައިވެއެވެ.
ސިމްޕޯސިއަމް އަށް ހުށަހަޅާފައިވާ ދިރާސާތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވާސިޓީތަކުން ކޮށްފައިވާ މަސައްކަތްތަކެއް ހިމެނެ އެވެ. ދިރާސާ ކަރުދާސް އޮންލައިންކޮށް އާންމުންނަށް ފެންނާނެ ގޮތް ހެދުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ސިމްޕޯސިއަމްގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ކަނޑުތަކާއި ދިރުންތަކާ ގުޅޭ މައުލޫމާތު އެއްތަންކޮށް މަޝްވަރާކުރުމެވެ.