ޢަލީ އިޙްޞާން ފިރާޤް
އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. މީސްތަކުންނަށް ދަރަނިދީ އުޅުނު މީހަކު އުޅުނެވެ. އޭނާ އޭނާގެ ޚާދިމަށް ބުންޏެވެ. [ދަރަނިވެރިޔާއަކީ، ފަޤީރެއްނަމަ އޭނާއަށް މާފުކުރާށެވެ. އޭރުން ﷲ ތިމަންމެންގެ ފާފަތައް ފުއްސަވާދެއްވާނެއެވެ.] ދެން އޭނާ މަރުވުމުން ﷲ އޭނާގެ ފާފަތައް ފުއްސަވައިދެއްވިއެވެ.
{أخرجه البخاري (٣٤٨٠)، ومسلم (١٥٦٢)، والنسائي (٤٦٩٥)، وأحمد (٨٣٨٧)}
އެނގިގެން މިދަނީ މީހަކަށް ދަތިޙާލުގައި ޖެހުމުން ދަރަންޏަށް އެއްޗެއް ދިންނަވެސް އޭނާއަކީ އޭނާގެ ދަތިޙާލުގެ ސަބަބުން ދަރަނި އަދާކުރެވޭނެފަދަ ނެތް މީހަކު ނަމަ އޭނާގެ ދަރަނި މާފުކުރުމުން ﷲ ތަޢާލާ ދެއްވަވާ މަތިވެރި ނުޢުމަތެވެ. އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެވެ.
މިއީ ތަނަވސްކަން ނެތް މީހުންނަށް އެމީހުންގެ ދަރަނި އަދާނުކުރެވުމުން ކޯޓަށް ގޮސް އޭނާގެ ކިބައިން ދަރަނި އަތުލަން މަސައްކަތްކުރާ ތަނަވަސް މީހުން ވިސްނައިލުން މުޙީންމު ޙަދީޘްފުޅެކެވެ.