ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މިހާރު ހުންނަ ސީ ޕްލޭން ޓާމިނަލް އެހެން ރަށަކަށް ބަދަލުކޮށް، މާލެ އާއި ކ.ފުނަދޫ އަދި ކ.ފުނަދޫ އާއި ހުޅުލޭ ދޭތެރޭގައި ބުރިޖެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކ. ފުނަދޫގައި މިހާރު ހުރި ތެޔޮ ރައްކާކުރުމުގެ ޚިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެމަސައްކަތް މުޅިން ނިންމެވުމަށް ރާވާފައިވާކަމުގައެވެ.
އަދި އެއާއެކު އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެވި އެރަށާއި އެއަރޕޯޓާ ދެމެދުގައާއި، އަދި އެރަށާއި މާލެއާ ދެމެދު ބުރިޖުން ގުޅުވާލައި، ފަސޭހަކަމާ އެކީގައި ފަސިންޖަރުން، ކަސްޓަމަރުން، އަދި މުވައްޒަފުންނަށް ދަތުރުކުރެވޭފަދަ ނިޒާމެއް ޤާއިމް ކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަދި އެ ފުނަދޫ އާއި މާލެއާ، ފުނަދޫ އާއި ހުޅެލެއާ، ގުޅުވާލެވިފައިވާ ބުރިޖެއް ގާއިމުކުރެވި އަދި ހުޅުލެއިން، ހުޅުމާލެ، ސީޕްލޭން ޓާމިނަލަށް، ހުޅުލެއިން ސީ ޕްލޭން ޓާމިނަލަށް ވަށާޖެހޭ ގޮތަށް ބުރިޖު އެޅި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ހާއްސަކޮށް މޮނޮރެއިލް ސިސްޓަމެއް ދެންމެގަ ފެނިގެން ދިޔަ ކަހަލަ ގާއިމުކުރެވި ފަސޭހަކަމާއެކީގައި ޕަސަންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރުކުރެވޭފަދަ ނިޒާމެއް ގާއިމްކުރުން"
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.