ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިރޭ އިފްތިތާހު ކުރި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ކ. ފުނަދޫ އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު، ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މަޝްރޫއުތައް ކުރިއަށްދާނީ މެނިފެސްޓޯގައި ވައުދުވެވަޑައިގެންނެވި ގޮތަށް 20 އަހަރުގެ މާސްޓަ ޕްލޭންއާ އެއްގޮތަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕްލޭނަކީ ގާނޫނީ ބާރުވެރިކަން ލިބިދޭ ޕްލޭނަކަށް ރައްޔިތުންގެ މަޖިލީހުން މެދުވެރިކޮށް ހައްދަވާނެ ކަމަށެވެ.
''އޭގެ ތެރޭގައި އިގްތިސާދީ ކުރިއެރުމުގެ މާސްޓަ ޕްލޭން، އިޖްތިމާއި ޕްލޭން، ތަރައްގީގެ ވަށައި ޖެހޭ ހުރިހާކަމެއް ހިމެނޭ ޕްލޭނެއް. އެއީ ރައްޔިތުން ދާން ބޭނުންވާ މިސްރާބު ކަނޑައަޅާ 20 އަހަރަށް ކަނަޑައަޅާ ޕްލޭނެއް.'' ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް މި ފަސް އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި 10 އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަމާޒަށް ވާސިލުވުމަށް ގިނަ ކަންތައްތަކެއް ހާސިލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހުރިހާ ކަމެއް އެކުއެކީގައި ގެންދެވިއްޖެނަމަ ބޭނުންވާ އަމާޒު ހާސިލުކުރެވޭނެ ކަމަށެވެ.
"އަހަރުގެ ތެރޭގައި މި ޕްލޭންގެ ތެރޭގައި ހިމެނޭ ކޮންމެހެން ފުރަތަމަ ފަށަން ޖެހޭ މަސައްކަތް ފެށޭނެ. ސިޕްލޭން ޓާމިނަލް ބަދަލުކުރުން އެކަން މަގު ފަހިވެގެން ދިޔާމަ ބާރު ސްޕީޑުގައި ފެށިގެންދާނެ،"
ރައީސް ވިދާޅުވީ އެތަން ހިއްކިގެން ދިނުމާއި އެކު ޑޮމެސްޓިކް ޓާމިނަލްގެ ހިދުމަތްތައް ފުޅާކުރެވިގެންދާނެ ކަމަށެވެ. އެ ޖާގާ އަކީ ޒަމާނީ ފަސެންޖާ ޓާމިނަލްއާ، ކާގޯ ފެސިލިޓީއާ ޖެޓް ޓާމިނަލް އެޅޭނެ ވަރުގެ ބޮޑު ޖާގައެއް ކަަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިންހިއްކުމާއި ސިޕްލޭން ޓާމިނަލް ބަދަލުރުމުގެ މަސައްކަތަށް ފަހު އެއާއި ގުޅިފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ ފުނަދޫ ގައި ހުރި އެސްޓީއޯގެ އޮއިލް ސްޓޯރޭޖް އެހެންތަނަކަށް ބަދަލުކުރުން ކަމަށެވެ.
"އެކަމަކީވެސް މި އަހަރު ތެރޭގައި ފެށި ބޮޑު މަސައްކަތެއް ނިންމާއި ގިނަވަގެން 18 މަސް ދުވަހުގެ ތެރޭގައި، އަންނަ އަހަރު ނިމެންވާއިރު 18 މަހާއި 24 މަހާއި ދޭތެރޭ ގައި އަޅުގަނޑުމެން މި އޮއިލްސްޓޯރޭޖް އެހެންތަނަކަށް ރީލޮކޭޓް ކުރުމުގެ މަސައްކަތް ނިންމާލެވޭނެ،"
ރައީސް ވިދާޅުވީ ގުޅީފަޅުގައި އަޅަން ނިންމި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެން ދާނީ ރައްޔިތުންގެ ތަސައްވަރާއި އެއްގޮތަށް ރައްޔިތުން އެންމެ އެދޭ ގޮތަށް ކަމަށް ވިދާޅުވިއެވެ. ތިލަފުށީގައި ހިއްކާ ބިންތަކުގެ ބޭނުންކޮށްގެން ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން އެތަނުން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.