ޢިބްރަތްތެރި ވާހަކަ: މަންމަގެ ކެންސަރުބައްޔަށް ބޭސްކުރާނެ ފައިސާ އަތުގައި ނެތްއިރުވެސް ﷲ އަށް އިތުބާރުކޮށް ޘާބިތުވި އަންހެނަކަށް ލިބުނު ބޮޑު ނިޢުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ޢިބްރަތްތެރި ވާހަކަ: މަންމަގެ ކެންސަރުބައްޔަށް ބޭސްކުރާނެ ފައިސާ އަތުގައި ނެތްއިރުވެސް ﷲ އަށް އިތުބާރުކޮށް ޘާބިތުވި އަންހެނަކަށް ލިބުނު ބޮޑު ނިޢުމަތުގެ ވާހަކަ-

އަޅުގަނޑު މިކިޔައިދެނީ މީގެ 20 އަހަރު ކުރިން ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. ރަނގަޅަށް އަޑުއައްސަވާށެވެ! ސަމާލުކަން ދެއްވައިގެން ވިދާޅުވާށެވެ!  

އަޅުގަނޑުގެ މަންމަ ބަލިވެ ބޭސްކުރާތާ އެތައް ދުވަހެއްވީއިރުވެސް ރަނގަޅު ނުވުމުން އެއިރު އެކައުންޓްގައި ހުރި ހުރިހާ ރުފިޔާކޮޅު ޑޮލަރަށް ހެދުމުންވެސް ލިބުނީ އެންމެ 1200 ޑޮލަރެއެވެ. އެއީ ދެމައިންގެ ޓިކެޓް ނެގުމުން ދެން ހުރިވަރެވެ. 

އިންޑިއާއަށް ގޮސް ޓެސްޓްތައް ހަދަމުން ދަނިކޮށް އެނގުނީ މަންމަގެ ބައްޔަކީ ކެންސަރުކަމާއި ހުރީ 2 ވަނަ ސްޓޭޖްގައިކަމެވެ. ފަރުވާކުރެވިއްޖެނަމަ ގަދަވުމުގެ ފުރުޞަތު އެބައޮތް ކަމެވެ. އެކަމަކު ވަރަށް ގިނަ ޑޮލަރު ބޭނުންވެއެވެ. އެއިރު ބާކީ އަތުގައި ހުރީ އެންމެ 400 ވަރަކަށް ޑޮލަރެވެ. ހަދާނެ ގޮތް ހުސްވިއެވެ. 

ރޮމުން ހޮޓަލަށް ދިއައިމެވެ. އެއީ ވަރަށް ގިނަ ދިވެހިން ތިބޭ ހޮޓަލެކެވެ. އެމީހުން ސުވާލުކުރުމުން ކަންކަން ދިމާވި ގޮތް ކިޔައިދިނީމެވެ. އެއީ އަތުގައި ފައިސާ ހުރި މީޙުން ތިބިކަން އެނގޭތީއެވެ. ފައިށާހުރި މީހުންގެ ތެރެއިން ކޮންމެވެސް މީހެއްގެ ކިބައިން ކޮންމެވެސް އެހީތެރިކަމެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ. 

ކިޔައިދިނުމުން އެހީތެރިކަމެއް ލިބުމުގެ ބަދަލުގައި ކުރިމަތީ އިތުރު ބިރުވެރިކަމެވެ. އަތުގައި ފައިސާހުރި މީހުންވެސް ތިއްބެވެ. ނަމަވެސް އެމީހުންގެ ޝަރުޠު ވަރަށް ނުރައްކަލެވެ. މުސްކުޅިން ބޭނުންވީ 2 އަންތބަށް އިނުމަށެވެ. ޒުވާނުން ބޭނުންވީ ފާޙިޝް ޢަމަލުތައް ކުރުމަށެވެ. ފައިށާއަށް އެވަޤުތު ކިތަންމެ ބޮޑަށް ބޭނުންވެފައި ހުރި ނަމަވެސް އަޅުގަނޑު ނިންމީ އެއިން އެއްވެސް ކަމެއް ނުކުރުމަށެވެ. އެހެންވެ މީހަކު ސުވާލުކުރިނަމަވެސް "އަލްޙަމްދުލިﷲ" އެވެ ބުނުން ނޫން ބަހެއް ނުބުނަމެވެ. 

އަޅުގަނޑު އަބަދުވެސް ނަމާދުކުރަމެވެ. މަންމަ ބަލިވީންސުރެ ކޮންމެ ނަމާދަކަށް ފަހު މަންމައަށްޓަކައި ދުޢާކުރަމެވެ. އަދި ދަމުނަމާދުކުރުމަށްފަހުގައިވެސް ދުޢާކުރަމެވެ. ކޮންމެވެސް މަގެއް ﷲ ދައްކަވައި ދެއްވަޥާނެކަމަށް އަބަދުވެސް ޔަޤީންކުރަމެވެ. 

އެއީ މަންމަގެ ބެލި އެނގުނުތާ 4 ވަނަ ދުވަހުގެ ހެނދުނެވެ. ދެމައިން ސައިބޮއިގެން އައިސް ހޮޓަލަށް ވަންއިރު ރިސެޕްޝަނުގައި ހުރި، ކުރިން ބައްދަލުނުވާ މީހަކު އަޅުގަނޑުމެން ދެމައިންނާއި ވާހަކަދެއްކިއެވެ. ޙާލު އެހިއެވެ. ޙާލު އެހުމުން ކަންކަން މެދުވެރިވެފައިވާ ގޮތް ކިޔައިދިނީމެވެ. އަދި ފަރުވާއަށް ބޭނުންވާ ފައިށާ އަތުގައި ނެތުމުން މާލެޑާން ނިންމާފައިވާކަމަށްވެސް ބުނީމެވެ. 

އޭނާ ސުވާލުކުރީ މާލެ ދިއުމުން ފައިސާ ލިބޭނެތޯއެވެ؟ އަޅުގަނޑު ބުނީ މަންމައަށް ބައްޕަގެ ފަރާޔތުން ވާރުތަވެފައި އޮތް ކުޑަ ބިންކޮޅެއް އޮންނާނެ ކަމަށާއި ވިއްކާލާނީ ކަމަށެވެ. މަންމަ އަށް ފަރުވާ ނުކުރެވިއްޖެނަމަ މަންމައަށް ވާރުތަވެފައިވާ ބިންކޮޅަކުން އަޅުގަނޑަށް ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށެވެ. 

ހުރިހާ ވާހަކަތަކެއް ދައްކައި ނިމުމުން އޭނާ ބުނީ މަންމަގެ ބޭސްފަރުވާ އާއި އޭނާ ޙަވާލުވެއްޖައިން ކަމަށެވެ. އެނބުރި ހޮޓަލަށް ގޮސްފައި މަންމަ ގޮވައިގެން ޑޮކްޓަރަށް ދާނެ މީހަކު ފޮނުވާނެ ކަމަށެވެ. އެހެން ބުނެފައި އެއީ ކާކުކަންވެސް ނުބުނެ ނުކުމެގެން ދިއައީއެވެ. 

ގަޑިއެއްހާއިރުފަހުން ދިވެހިން ވާހަކަ ދައްކާ އިންޑިއާ މީހަކު އަޅުގަނޑުމެން ހޯދަން އައެވެ. ބުނީ މިއައީ ޞާޙަބް ބުނެގެން މަންމަ ޑޮކްޓަރަށް ގެންދަން ކަމަށެވެ. އެހެން ބުނުމުން އޭނާ އާއިއެކު އަޅުގަނޑުމެން ދިއައިމެވެ. 

2 މަސްދުވަހު އިންޑިޢާގައި ތިބީމެވެ. ބޭހަށާއި ތިބުމަށްވެސް ޚަރަދުކުރީ އެ "ޞާޙަބް"އެވެ. އެމީހަކު ފައިށާދެނީ އޭނާގެ އަތަށެވެ. ހުރިހާ ޚަރަދެއް ކުރަނީ އެމީހާއެވެ. ފަރުވާ ނިމި ދެން ބޭނުންކުރަން ޖެހޭ ބޭސް ހިފައިގެން މާލެ އައިތާ 2 ވަނައަށް އޮތް ދުވަހު އެ "ޞާޙަބް" އަޅުގަނޑުމެންގެ ގެއަށް އައެވެ. ކަންތައްތައް ދިއައީ ހިތްހަމަޖެހޭ ގޮތަށްތޯ ސުވާލުކުރުމުން އުފަލުން ރޮވުނެވެ. މާތް ﷲ ނޫން ފަރާތަކަށް ސަޖިދަކުރުން ހުއްދަނަމަ އޭނާގެ ދެފައިމައްޗަށް ސަޖިދަވެސް ކުރެވުނީހެވެ. 

އެހިސާބުންވެސް އޭނާ އަޅުގަނޑުމެން ދޫކޮށެއް ނުލައެވެ. އަޅުގަނޑަށް އޭނާގެ އޮފީހަކުން ރިސިޕްޝަނެއްގެ ވަޒީފާ ހަމަޖައްސައިދީ ރަނގަޅު މުސާރައެއް ދޭންފެށިއެވެ. ވަޒީފާ މަތިކުރަމުން ގޮސް މެނޭޖަރެއްގެ ފެންވަރަށް މަތިކޮށްދިނެވެ. ކައިވެނިކުރާނެ ރަނގަޅު މީހަކުވެސް ހޯދައިދިނެވެ. އަޅުގަނޑުގެ މަންމަ ނިޔާވަންދެންވެސް މަންމައަށް މަންމަ ކިޔައި މަންމަ ޢާއި ބައްދަލުކޮށް ޙާލުބަލައި އެހީތެރިވެދިނެވެ. 

މިއަދު އަޅުގަޏޑު މިއިނީ ޢުމުރުން 50 އަހަރުން މަތިވެފައެވެ. ހަމަ ފުރަތަމަ ކައިވެނިމަތީގައެވެ. ދިރިއުލެނީވެސް ހަމަ ފުދިގެންނެވެ. ކައިވެނީގައި 5 ދަރިންވެސް ވަނީ ލިބިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ކަންކަމަކީ ވަރަށް އަގުހުރި ފިލާވަޅުތަކެކެވެ. މަންމައަށްޓަކައި ޤުރްބާންވުމުގެ ހުރި ފައިދާއެވެ. ފައިސާއަށް ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް ޙައްޤުމަގުގައި ޘާބިތުވުމުން ދުނިޔޭގައިވެސް ލިބޭނެ ފައިދާއެވެ. މަންމަގެ ހެޔޮ ދުޢާއަކީ ދަރިންގެ ދެދުނިޔެ ކާމިޔާބުވުމަށް އޮތް އެންމެ ބާރުގަދަ ވަސީލަތް ކަމެވެ. 

- ރާނިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން