ސިއުޒާ
ތިބާގެ ދަރިން ހަމައެކަނި ތިބާގެ ނަސޭޙަތް އަޑުއަހަނީކަމަށް ހީނުކުރާށެވެ. އެހެނަސް އެކުދިން ތިބާގެ ދިރިއުޅުމުގެ ކަންކަން ވެސް ދަސްކުރާނެއެވެ.
ކުޑަ ފިރިހެން ކުއްޖަކު ބޮޑުވަމުން އައީ އެކުއްޖާގެ ބައްޕަ، އެކުއްޖާގެ މަންމައަށް އަބަދު އަޑުގަދަކުރާ މަންޒަރު ފެނުނު ކަމުގައި ވާނަކަ، އެކުއްޖާ ބޮޑުވަމުން އެއައީ ފިރިއަކު އަނބިމީހާއާއި ދޭތެރޭ ކަންތައް ކުރަންވާގޮތަކީ އެއީ ކަމުގައި ވިސްނައިގެންނެވެ.
ކުޑަ އަންހެން ކުއްޖަކު ބޮޑުވަމުން އައީ އެކުއްޖާގެ މަންމަ، އެކުއްޖާގެ ބައްޕައަށް އަބަދު އިޙްތިރާމް ކުޑަކޮށް ޢަމަލު ކުރާ މަންޒަރު ފެންނަމުން ކަމުގައި ވާނަމަ، އެކުއްޖާ ބޮޑުވަމުން އެއައީ އަންބަކު ކަންތައް ކުރަންވާނެ ގޮތަކީ އެއީ ކަމުގައި ވިސްނައިގެންނެވެ.
ކުޑަކުދިންނަށް ދޮގު ހަދާ މަންޒަރު ފެންނަ ކަމުގައިވާނަމަ ދޮގުހަދަން އެކުދިން ދަސް ކުރާނެއެވެ. ކުޑަކުދިންނަށް އެކަކު އަނެކަކު ބޭޒާރުކުރާ މަންޒަރު ފެންނަ ކަމުގައި ވާނަމަ އެކުދިން އެކަންވެސް ދަސް ކުރާނެއެވެ. ހަމައެގޮތަށް އެކުދިންނަށް ކަންކަމުގައި އެހެންމީހުންވެސް ކެއްތެރިވާ މަންޒަރު ފެންނަ ނަމަ އެކުދިންވެސް ކެއްތެރިކަން ދަސް ކުރާނެއެވެ.
ހަޤީގަތަކީ ތިބާގެ ދަރިންނަށް ހަމައެކަނި ވާރުތަކުރަނީ ތިބާގެ ލޮލާއި، ހިނިތުންވުން ފަދަ ކަންކަމެއް ނޫނެވެ. ގިނަ ކުދިން ތިބާގެ އުޅުމާއި، ތިބާ އެކި ކަންކަމާއި މެދު ޢަމަލު ކުރާ ގޮތާއި އަދި ތިބާގެ ބައިވެރިޔާއާއި މެދު ކަންތައް ކުރާ ގޮތްވެސް ވާރުތަ ކުރެއެވެ.
އެހެންކަމުން، ފަހަރެއްގައިވެސް "އަހަރެންގެ ދަރިންނަކީ މިކަންކަން އެނގޭ ވަރަށްވުރެ މާ ކުޑަ ކުދިންނޭ " ނުބުނާށެވެ. ތެދެކެވެ، އެކުދިންނަށް ތިބާގެ ބަސްތައް ނޭންގިދާނެއެވެ. އެހެނަސް ތިބާގެ ޢަމަލު އެކުދިން ބަލައި ގަންނާނެއެވެ. ކޮންމެ ދުވަހަކީ ތިބާގެ ގެއިން އެކުދިން ފިލާވަޅުތަކެއް ދަސްކުރާނެ ދުވަހެކެވެ.
އެހެންކަމުން، ތިބާގެ ފިރިހެން ދަރިފުޅަކީ މާދަމާ ރަނގަޅު ފިރިއެއްގެ ގޮތުގައި ތިބާ ދެކެން ބޭނުންނަމަ، އެކުދިންނަށް މިއަދު އެ ފެންނަ ފިރމީހާއަކީ ކޮންކަހަލަ މީހެއް ކަމާއި މެދު ފަރުވާތެރި ވާށެވެ.
އަދި ތިބާގެ އަންހެން ދަރިފުޅަކީ މާދާމާ ރަނގަޅު އަންބެއްގެ ގޮތުގައި ތިބާ ދެކެން ބޭނުންނަމަ، މިއަދު އެކުދިންނަށް ތި ފެންނަ އަނބިމީހާއަކީ ކޮންކަހަލަ މީހެއް ކަމާއި މެދު ފަރުވާތެރި ވާށެވެ.
ތިބާއަށް އިޙްސާސް ނުކުރެވުނު ކަމުގައި ވީނަމަވެސް ވިސްނާށެވެ، މިއަދުގެ ތިބާގެ ކައިވެނި ފަރުމާކުރަމުން އެ ދަނީ ކުރިއަށް އޮތް ޖީލެވެ.
" ޔާ ﷲ، އަޅަމެންގެ ގެ ތަކަކީ އަޅަމެންގެ ދަރިންނަށް ރަނގަޅު ފިލާވަޅުތަކެއް ދަސްކޮށްދޭ ތަނެއްކަމުގައި ލައްވާންދޭވެ! އާމީން"
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން މިއަދުނޫސް