ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ކެތްތެރިކަން ބަލިފައަކަށް ހަދައިގެން ދެއަނބިން ހަމަކުރި ފިރިއަކަށް އަނބިމީހާ ވަރުގަދަ ފިލާވަޅެއް ދިން ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 53ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ކެތްތެރިކަން ބަލިފައަކަށް ހަދައިގެން ދެއަނބިން ހަމަކުރި ފިރިއަކަށް އަނބިމީހާ ވަރުގަދަ ފިލާވަޅެއް ދިން ގޮތުގެ ވާހަކަ-

އަޅުގަނޑުމެން ދެމަފިރިންވެސް އައީ ވަޒީފާ އަދާކުރަމުންނެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ގެއަށް އައުދެވެނީ އިރިއޮއްސެން ވަރަށް ކައިރިވާފަހުންނެވެ. ގެއަށް އައުމަށްފަހު ދެމީހުން އެކުގައި ނޫނީ ބޭރަކަށް ނުދަމެވެ. ރޭގަނޑުގެ ވަޤުތުތައް ހޭދަކުރަމުން އައީ އެކުގައެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ގެއަށް އާދެވުން ލަސްވާން ފަށައިފިއެވެ. ގެއަށް އައިސް ފެންވަރައި ކައި ހަދައިގެން ބޭރަށްދާން ފަށައިފިއެވެ. ކުރިން ނުގަންނަ އަގުބޮޑު ސެންޓް ފަދަ ތަކެތި ގަނެގެން ބޭނުންކުރަން ފަށައިފިއެވެ. ބުނަނީ ބޭރަށް ދަނީ "މާކެޓިންގ" މަސައްކަތުގަ ފިހާރަތަކަށް ކަމަށެވެ. 

އެވާހަކަ ޤަބޫލެއް ނުކުރަމެވެ. ނަމަވެސް ދެކޮޅު ހަދައި ޒުވާބެއް ނުކުރަމެވެ. އަޅުގަނޑާއިއެކު ރޭކުރުން މަދުވާން ފެށުމުން ކުރިން ކުރެވުނު ޝައްކުތައް ޔަޤީންކަމަށް ބަދަލުވިއެވެ. އެންމެ ބޮޑު މައްސަލައަކަށްވީ އެއިރު ބަލިވެ އިނދެ ބަނޑަށް 3 މަސް ފުރިފައިވާ ކަމެވެ. 

އަޅުގަނޑު ފިރިމީހާއަކާއި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ލޯތްބާއި އަޅައިލުން އިތުރަށް ބޭނުންވާ ކަމަށް ބުނުން ނޫން ކަމެއް ނުކުރަމެވެ. އަޅުގަނޑުގެ ހުރިހާ އިޙްޞާޞްތަކެއް ދަންނަވަމުން ގެންދިއައީ ﷲ އަށެވެ. ކުރާ ދުޢާތަކުގައެވެ. 

އެއީ ޑޮކްޓަރަށް ދައްކަން އޮތް ރެއެކެވެ. ފިރިމީހާ އާއި ވާހަކަ ދެއްކޭނެ ގޮތަށް ބައްދަލުނުކުރެވޭތީ އެވާހަކަ އޮތީ ނުބުނެވިއެވެ. ފޯނުކޮށްފައި ނުބުނީ އަޅުގަނޑުގެ އެއްވެސް ކަމަކަށް ސަމާލުކަން ނުދޭތީއެވެ. ކޮންމެއަކަސް 9 ޖަހާއިރަށް ދާން އޮތުމުން އެކަނި ގޮސް މަޑުކޮށްގެން އިންދައި ޑޮކްޓަރުގެ ކޮޓރިން މާބަނޑު 7 މަސްވަރަށް ބަނޑުބޮޑު، އަންހެނަކު ނުކުތުމުން ފަހަތުން ނުކުތީ ފިރިމީހާއެވެ. ވަރަށް ލޯބިން އަތުގައި ހިފާލައިގެން ދެމީހުން އަޅުގަނޑުގެ ކުރިމަތިން ދިއައީ ބަލައިވެސް ނުލައެވެ. ބޮޑަށް ހީވަނީ އެތަނުގައި އަޅުގަނޑު އިންކަން ނުއެނގުނީ ކަމަށެވެ. 

ޑޮކްޓަރުގާތުގައި އެނުކުތް ދެމީހުންނާއިބެހޭ ގޮތުން ސުވާލުކުރީމެވެ. ޑޮކްޓަރަށްވެސް އެއީ އަޅުގަނޑުގެ ފިރިމީހާކަން އެނގޭނެތީއެވެ. ޑޮކްޓަރު ކުޑަކޮށް ޙައިރާންވެފައި ކުރީ ސުވާލެކެވެ. "ފިރިމީހާ ދެވަނަ އަންތބަކު ގެންގުޅޭކަން ނުއެނގެނީހެއްޔެވެ؟" 

ކޮންމެއަކަސް އެނބުރި ގެއަށް އައިސް ފިރިމީހާގެ އަތުގައި އޮންނަ އަޅުގަނޑުގެ ކޭޝްކާޑު ވަޤުތުން ބްލޮކްކޮށްލީމެވެ. ފިރިމީހާގެ އެއްޗެތި ފޮށްޓަކަށާއި ކަޅު ކޮތަޅަކަށް އަޅާފައި ގެއިން ނެރެ ބޭރުގައި ބެހެއްޓީމެވެ.  ފާރުގައި ޕޯސްޓަރެއް ހަރުކުރީމެވެ. "ވަގުންނަކަށް މިގެއަކު ޖާގައެއް ނެތް! އަވަހަށް މިކަން ނިންމާލަދީ!" 

އެކަންކަން ކޮށް ނިންމައިލިތަނާ ފިރިމީހާ ގުޅިއެވެ. ކޭޝްކާޑު ބްލޮކްކުރީތީ ރުޅިއައިސްގެންނެވެ. ޖަވާބުނުދީ ނަމްބަރު ބްލޮކްކޮށްލީމެވެ. އިރުކޮޅަކުން ގެއަށް އައެވެ. ގެއަށް ނުވަދެވޭނެކަން އެނގުނީމާ ބެލްޖަހަން ފެށިއެވެ. ތަކުރާރުކޮށް ބެލްޖަހަންފެށުމުން ބެލް ކަނޑައިލީމެވެ. 

އާދައިގެ މަތިން ފަތިސްނަމާދުކޮށް ޛިކުރުކޮށް ނިމިގެން ގަސްމުށިތަކަށް ފެންއަޅަން ނުކުތްއިރު އެތަނުގައި އިށީނދެ އިންތަން ފެނުނީމާ ދޮރުޖަހާފައިވަނީއެވެ. ވާހަކައެއް ނުދައްކަމެވެ. 

ފިރިމީހާ ހީކުރީ އޭނާ އުޅޭނެހައި ގޮތަކަށް އުޅުނުއިރު މަޑުން ހުރީމާ އަޅުގަނޑަކީ އެޅިހާ ބަތަކަށް ރިހަވެގެން އިންނާނެ އަންހެނެއް ކަމަށެވެ. އަޅުގަނޑު ކެތްތެރިވީ ފުދިގެން އިންނާނެތީއެއް ނޫނެވެ. ގިނަ ކައިވެނިތަކެއްކުރަން ބޭނުން ނުވާތީ ފުރަތަމަ ކައިވެނި ސަލާމަތްކުރެވޭނެ މަގެއް އޮތްތޯ ބަލަންވެގެންނެވެ. 

ކޮންމެއަކަސް އަޅުގަނޑު އެކަނި ދިރިއުޅެމުން ގޮސް ވިހަން ގާތްވުމުން ގެންގުޅޭނެ އަންހެނަކު ހޯދީމެވެ. އެއީ މެދުޢުމުރުގެ ތަޤްވާވެރި އަންހެނެކެވެ. އެކަނިވެރިމައެކެވެ. މަންމައެއް ފަދައިން އަޅުގަނޑަށް ހިތްވަރުދީ އެހީތެރިވެދިނެވެ. ވިހައި ގަދަވިއިރުވެސް ވަރިނުކުރާތީ އަމިއްލައަށް ކޯޓަށް ގޮސްގެން ވަރިވީއެވެ. 

ވަރިވެ މާގިނަދުވަހަކު އެކަންޏެއް ނުހުންނަމެވެ. ދެވަނަ ކައިވެނިކޮށްގެން އަލުން ދިރިއުޅުމެއް ފެށީއެވެ. ކައިވެނިކުރިތަނާހެން އެއް ދުވަހަކު ހަވީރު ކުރީގެ ފިރިމީހާ ގެއަށް އައެވެ. ފުރަތަމަ ބުނީ ދަރިފުޅު ދެކަލަން ބޭނުންވެގެން އައީ ކަމަށެވެ. ދަރިފުޅު ގެނެސް ދެއްކުމުން ފާޑަކަށް އިނދެފައި ބުނީ ދެވަނަ އަނބިމީހާ ވަރިވެއްޖެ ކަމަށާއި ދަރިފުޅަށްޓަކައި އަލުން ކައިވެނިކުރަން ބޭނުން ކަމަށެވެ. އަޅުގަނޑު ބުނީ އަޅުގަނޑުގެ ދަރިފުޅު ބަލާނީ އަޅުގަނޑު ކަމަށާއި ދެވަނަ އަނބިމީހާ އާއިއެކު އޭނާގެ ދަރިފުޅު ބަލައިގެން އުޅެން އަލުން އޭނާ އާއި ކައިވެނިކުރުން މާރަނގަޅުވާނެ ކަމަށެވެ. 

އެހެން ބުނުމުން ވަރަށް ދެރަވެފައި ބުންޏެވެ. "އުޅުނުތަނުގެ ކުލި ނުދެއްކިގެން ކޮޓަރިއަކަށް ބަދަލުވާންޖެހުނީމާ އައި ރުޅިން އޭނާ ވަރިވެ އޭނާ ދިރިއުޅުން ލަންކާއަށް ބަދަލުކޮށްފި ކަމަށެވެ. އަދި އޭނާއަށް ޚަރަދުކުރަން ހަދައިގެން 300،000 ރުފިޔާގެ ދަރަންޏެއްވެސް ބޮލުގައި އެޅިފައި އެބައޮތް ކަމަށެވެ." 

އެހިސާބަށް ވާހަކަ ގެންދިއަތަނާ ފިރިމީހާ ބޭރުން އައިސް ގެއަށް ވަދެފައި ފުރަތަމަވެސް ސުވާކުކުރީ "ތިއައައީ ފައިށާ ހިފައިގެންތޯ؟" އެވެ. ޖަވާބު ނުދިނީމާ ބުންޏެވެ. ދަރަނި މުއްދަތު ހަމަވިތާ 2 މަސްވީއެވެ. ކޮންމެ ދުވަހަކު އޮފީހުން ގުޅާއިރަށް ތިއަބުނަނީ މާދަމާ ދައްކާނެ ކަމަށެވެ. މިއީވެސް މީހުން ކަންކަންކުރާ ގޮތް ހެއްޔެވެ؟" 

ފިރިމީހާ ގާތުގައި އެއީ ކޮންގޮތަކަށް ހިނގައިގެން އުޅޭ ކަމެއްތޯ ސުވާލުކުރުމުން ބުނީ ފިހާރައިން ކްރެޑިޓަށް މުދައު ނަގަމުން ގޮސް ދަރާފައި އޮތް ދަރަންޏެއް ކަމަށެވެ. ދަރަންޏަށް ނެގީ ބެޑްރޫމް ސެޓާ ފްރިޖާ ޓީވީއާ އެބާވަތުގެ އެއްޗެތި ކަމަށެވެ. ފރިމީހާ ގާތު އޭނާއަކީ ކާކުކަން އެނގޭތޯ ސުވާލުކުރުމުން ބުނީ އެނގުނީ ހުރިހާ ކަމެއްވެނިމުނު ފަހުން ކަމަށެވެ. އަހަރެމެން ދެމީހުން ކައިވެނިކުރި ފަހުން ކަމަށެވެ. 

ފިރިމީހާ ގާތުގައި ބުނެގެން އޭނާގެ ދަރަނި މާފުކޮށްދިނީމެވެ. އެއީ ދަރިފުޅުގެ ބައްޕަކަމަށް ވީތީއެއް ނޫނެވެ. ދަރަންޏެއް މާފުކުރުމުން ﷲ ދެއްވަވާނެ ޘަވާބަށް އެދިގެންނެވެ. އަދި އޭނާއަށް ފިލާވަޅަކަށްވެ ދެންވެސް އިޞްލާޙްވެގެން ރަނގަޅު ދިރިއުޅުމެއް އުޅޭތޯއެވެ. 

ނަމަވެސް އަޅުގަނޑަށް ދިން އަނިޔާއަކަށް މާފެއް ނުކުރެވުނެވެ. އެހެންވެ ދަރިފުޅު ދުށުމުގެ ނަމުގައި ފިރިމީހާ ގޭގައި ނުއުޅޭ ގަޑިތަކުގައި ނުއަންނަން ބުނީމެވެ. އެހެން ބުނުމުން ގެއިން ނުކުމެގެންދިއަ މީހާ ލޮލަކުން ނުދެކެމެވެ. ދަރިފުޅަށް މިހާރު 6 އަހަރުވީއެވެ. އިތުރު 2 ދަރިންވެސް ލިބި އަޅުގަނޑު އުޅެމުން މިއަންނަނީ އިރާދަފުޅާއެކު ހަމަ އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަނިޔާކުރީމާ ބޮލުގައި ނުކޮށައި ކެތްތެރިވީމާ އެއީ ބަލިފައެއް ކަމަށް އަނިޔާވެރިވާ ފިރިންނަށް އޮތީ ހަމަ މިނެދިން ނާޅިން މިނެދިނުމެވެ. އަނިޔާވެރިންނަށް އާދޭސްކުރުމެއްވެސް ނެތެވެ. އެމީހުންގެ ހިތަކަށް އަސަރެއްވެސް ނުކުރާނެއެވެ. ކެތްތެރިވެ ދުޢާކުރީމާ ﷲ ދެއްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ 

- މުފީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން