އަޅުގަނދަކީ ޢާންމުކޮށް ޓީވީބަލާ އަނހެނަކީމެއްވެސް ނޫނެވެ. ނަމަވެސް ރޭގަނޑު ކުދިން ނިންދަވާފައި ފިރިމީހާއަށް އިންތިޒާރުކުރަން ހޭލައި އިންނައިރު ބައެއް ރޭރޭ ޓީވީ ބަލަމެވެ. ފިރިމީހާ އޭނާގެ އެކުވެރިންނާއިއެކު ވަޤުތު ހޭދަކޮށްފައި ޢާންމުކޮށް ގެއަށް އަންނާނީ 1 ޖަހާފަހުންނެވެ. އެހެންވެ ގިނަ ރޭރޭ އޮވެވެނީ ނިދާފައެވެ.
ކޮންމެއަކަސް ހޭލައި އިނދެވޭ ރެއަކު ޓީވީ ބަލަން އިންދައި ފިރިމީހާއަށް ގެއަށް އައުދެވިއްޖެނަމަ އަޅުގަނޑު އަބަދުކުރާ ކަމަކީ ޓީވީ ބެލުން ކަމަށް ބުނެ އެއްޗެތި ގޮވާނެއެވެ. އަޅުގަނޑުގެ ސުވާލަކީ މިކަމުގައި ޙައްލަކަށްވާނީ ކޮން ގޮތެއްތޯއެވެ؟ ޙައްލުކުރަން ކުރެވޭނީ ކޮނަކަމެއްތޯއެވެ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރާ ކަންކަމުގައި ފާހަގަކުރެވެނީ ޓީވީ ބެލުމުގެ މައްސަލައެއް ނޫނެވެ. ފާހަގަކުރެވެނީ ފިރިމީހާ އޭނާގެ ވަޤުތުތައް ބޭކާރު ގޮތުގައި ހޭދަކުރާ މައްސަލައެވެ. ވީމާ އެކަން އޭނާއަށް ވިސްނައިދީ އިޞްލާޙްކުރެވޭތޯ މަސައްކަތްކުރާށެވެ! އޭނާ އެގޮތަށް އެކުވެރިންނާއިއެކުގައި ވަޤުތު ހޭދަނުކުރާނަމަ ތިއަ މައްސަލަ ކުރިމަތިވާނެ ކަމަކަށް ނުވިސްނެއެވެ.
ހަމަ އެއާއެކު ގެއަށް އައިނަމަވެސް އަނބިދަރިންނަސް ވަޤުތު ނުދީ ޓީވީ ބަލައި ފޯނާކުޅެން ހަދައިގެން އަނބިން ވަރިކުރެވޭއިރު ނުއެނގޭ ފިރިންވެސް އެބަ އުޅެއެވެ. މިހިރީ ވިސްނައި އިޞްލާޙްކުރަން ޖެހިފައިވާ ކަންކަމެވެ.
ތިރީގައިވާ ވާހަކައަކީ އެފަދަ ފިރިއެއްގެ ވާހަކައެވެ.
އަޅުގަނޑުގެ ފިރިމީހާ މަސައްކަތުން ނިމިގެން ގެއަށް އައިސް ވަންނާނީ މޫނުކުނިކޮށްގެން ހުރެއެވެ، ގެއަށް ވަނުމާއިއެކު އެއްޗެތި ބަދަލުކޮށްގެން އައިސް އިށީންނާނީ ސިޓިންގ ރޫމްގައި ޓީވީ ބަލާށެވެ! ނުވަތަ ފޯނާއި ކުޅޭށެވެ!
އެހިސާބުން ޢާއިލާ އާއި ގުޅުން ކެނޑިގެންދާނެއެވެ. ވާހަކަ ނުދައްކާތަނުގައި ސުވާލެއްކުރި ނަމަވެސް ގިނަ ފަހަރު ދޭނީ ނުވެސް ގުޅޭ ޖަވާބެކެވެ.
މިހެންމިކަންކަންވަމުން އައިސް ކެތްނުކުރެވޭވަރުވުމުން އަޅުގަނޑުވެސް ރުޅިގަދަވާން ފެށިއެވެ. ކައިވެނިކޮށްގެން މިއުޅެނީ ކޮންބޭނުމަކުތޯ ސުވާލު އުފެދެން ފެށިއެވެ. ލިބިފައިވާ ދެ ދަރިން މިފަދަ ބައްޕައެއްގެ ބެލުމުގެދަށުން ތަރުބިއްޔަތުކުރާނެ ގޮތަކާއިމެދު ކަންބޮޑުވާން ފެށިއެވެ.
އެއްދުވަހު އެގޮތަށް ޓީވީ ބަލަން އިންދައި ކައިރިއަށް ގޮސް ސުވާލެއް ކުރީމެވެ. "އަހަރެން މިއީ މިހާރު ކަލޭގެ އަންތބެއް ނޫން ދޯއެވެ؟ މީނީ ވަރިކޮށްފަދޯއެވެ؟" ޖަވާބުގައި ބުނީ "އާނ! ތީނީ ވަރިކޮށްފަ" ކަމަށެވެ.
އެ ހިސާބުން އޭނާގެ ދެ ބޭބެ ގެނެސްފައި ކުރިން ބުނި ބަސް އެމީހުންގެ ހާޒިރުގައި ބުނަން އެދުނީމެވެ. ބޭބެމެން ފެނުމުން ފުންމައިގެން ތެދުވެފައި ކުރިން ބުނެވުނީ ކީކޭތޯ ސުވާލުކުރުމުން އަޅުގަނޑު ކުރި ސުވާލާއި ދިން ޖަވާބު ބުނީމެވެ.
ފިރިމީހާއަށް ހޭވެރިކަމެއްވީ އެހިސާބުންނެވެ. ދެން ޤާޟީއަކާއި މަޝްވަރާކުރުމުން ބުނުއްވީ އެބަސް ބުނެވިފައި އެވަނީ ވަރިކުރުމުގެ ޤަޞްދުގައި ކަމަށްނުވާތީ ކައިވެނި ނުރޫޅޭނެ ކަމަށެވެ. ކައިވެނި ހަމަ ޞައްޙަވާނެ ކަމަށެވެ.
ސީރީޒް ބަލާތީ އާއި ހިލޭ ފިރިހެނުންނަށް ފޯނުކުރާތީ މަޝްހޫރުވެފައި އޮންނާނީ އަބަދުވެސް އަންހެނުންނެވެ. ނަމަވެސް ފިރިހެނުންގެ ޙާލަތު ހުންނަގޮތަކީވެސް މިއީއެވެ.
ކިޔުންތެރިންނޭވެ! ކައިވެންޏަށް މިހާރު 7 އަހަރުފުރުނީއެވެ. މިނޫން ދުވަހެއް ނުދެކެވެ. ރޮއި އާދޭސްކުރުމުން އެއް ދުވަހު ކުޑަކުޑަ ސަމާލުކަމެއް ދީފިނަމަ 7 ދުވަހު ކަންކަންކުރާނީ ހަމަ ކުރިން ކުރާ ގޮތަށެވެ!
ދެ ދަރިންވެސް އެއަންނަނީ ބޮޑުވަމުންނެވެ! މިކަމުގައި ވިސްނަވިސްނައި ގޮތް ހުސްވެއްޖެއެވެ. ކިޔުންތެރިންގެ ކިބައިން އަޅުގަނޑު އެދެނީ މިކަމުގައި ދެން ޢަމަލުކުރާނެ ރަނގަޅު ގޮތެއް ވިދާޅުވެދެއްވުމަށެވެ! އަނބީމީހާ ވަރިކުރެވޭއިރު ނުއެގޭ ފިރިއަކާއި އުޅެންޖެހިފައިމިވާ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭނެ ގޮތެއްގެ ޚިޔާލު ނިކަން ދެއްވަބައްލަވާށެވެ!
އަޅުގަނޑަކީ ރާއްޖެތެރޭގެ އަންހެނަކީމެވެ. ރަށުގައިވެސް އަޅައިލާނެ މީހަކު ނެތް ނިކަމެތި އަންހެނަކީމެވެ. އެކަމުގެ ޖަޒާއަކަށްވާންޖެހޭނީ މިފަދަ ޙާލުގައި އުމުރު ހުސްކުރަން ޖެހުންތޯއެވެ؟
- ޝީނާ/ މިއަދުނޫހުގެ ކިޔުންތެރިއެއް