ބައެއް އަނބިން އެމީހުންގެ ފިރިންނަށް ބަލިޙާލުގައި އުޅެންޖެހުމުން ވަރަށް ރަނގަޅަށް ވެސް ކަންތައްތައް ކުރެއެވެ. އަނެއް ބައަކު ކަންކަން ކުރަނީ ވަރަށް ގޯސްކޮށެވެ. އަޅުގަނޑުގެ ބޮޑުބޭބެއަކީ ތަނަވަސް މީހެކެވެ. މިއަދު އޮތީ ވަރަށް ބަލިޙާލުގައެވެ. އޭނާގެ އަނބިމީހާ ކަންކަންކުރަނީ އިންސާނުން ކަންކަން ކުރަންވާނެ ގޮތަކަށް ނޫނެވެ.
ކުރިމަތީގައި ހިލޭ ފިރިހެނުން ގެންގުޅެއެވެ. އަވަހަށް މަރުވޭތޯ ދުޢާކުރެއެވެ. އަނގައިން ނުބުނެވުނަސް އެކަންކަން ބޮޑުބޭބެއަށް އެނގެއެވެ. މިޙާލަތުގައި އެއަންހެންމީހާއަށް ވިސްނައިދޭން ކުރެވިދާނެ ކަމަކީ ކޮބައިތޯ؟
ތިއައީ ވަރަށް ދެރަކަމެކެވެ. އަނަަހެން މީހާ އެނަގައިލަނީ އޭނާގެ އާޚިރަތެވެ. ވީމާ އޭނާއަށްޓަކައި ހެޔޮދުޢާކުރާށެވެ! އަދި ދީނީ ޢިލްމުވެރިން މެދުވެރިކޮށް ނަޞޭޙަތްދޭން މަސައްކަތްކުރާށެވެ! އާޚިރަތް ދުވަހާއިމެދު ބިރުވެތިކުރުވޭތޯ މަސައްކަތްކުރާށެވެ!
ތިރީގައިވާހަކައަކީ އެފަދަ އަންހެނުންނަށް ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާނެއެވެ! އިން ޝާ ﷲ
ފަރުހަންއަކީ ބިލިއަނަރެކެވެ. އަގުބޮޑު ގެއަކަކާއި ވިޔަފާރި ކުންފުންޏަކާއި އެހެންވެސް އެތައްބައިވަރު އެސެޓެއްގެވެރިއެކެވެ. ފަރުހަންގެ އުފާވެރި ދިރިއުޅުން ބިލާހަކަށް ބަދަލުވީ އޭނާއަށް އާދައާ ޚިލާފް ބައްޔެއް ޖެހުމުންނެވެ.
ބަލިޖެހުނުކަން އެނގުމާއިއެކު ކައިވެނިކޮށްގެން 10 އަހަރު އެކުގައި އުޅުނު އަނބިމީހާ އޭނާ ދޫކޮށްލިއެވެ. އެހީތެރިވެ އަޅައިލުން ހުއްޓައިލިއެވެ. ގެއިން ބޭރުގައި އުޅުން ގިނަކޮށް މުޅިން އެހެން ދުނިޔެއެއްގައި އުޅެން ފެށިއެވެ.
ނަތީޖާއަކަށްވީ ފަރުހަންއަށް އެހީތެރިވެދޭނެ ނަރުހަކު ހޯދަންޖެހުމެވެ. އެކަމަށް ހޯދި އައިމިނަވީ ވަރަށް ރަނގަޅު އަންހެނަކަށެވެ. އޭނާ ފަރުހަންގެ ކަންކަން ބެލެހެއްޓީ އަނބިފިރިކަމާއި ލޯބީގެ ގުޅުން ފިޔަވައި ފިރިއަކަށް ކޮށްދޭންޖެހޭނެ ހުރިހާ ޚިދުމަތްތަކެއް ކޮށްދީގެންނެވެ. ނަތީޖާއެއްގެ ގޮތުން ފަރުހަންގެ ހިތުގައި އައިމިނައަށް ކުލުނު އުފެދުނެވެ. ބުނެވެއެވެ. "އައިމިނާ! އައިމިނަ އުފަލުން ހޭނެ ދުވަހެއް އަންނާނެ!"
ފަރުހަންގެ ހާލުބޮޑުވެ އެނދުން ނުތެދުވެވޭވަރުވުމުން އަނބިމީހާގެ ކަމަކަށް ހެދީ ހިލޭ ފިރިހެނުން ގެއަށް ގެނެސް އެހެން ކޮޓަރިތަކުގައި ގެންގުޅެން ފެށުމެވެ. އެކަންކުރާކަން ފަރުހަންއަށް އެނގެއެވެ. ނަމަވެސް އެނގޭކަމަކަށްވެސް ނުހަދައެވެ. ސުވާލެއްވެސް ނުކުރެއެވެ.
ފަރުހަން ދުނިޔެއާއި ވަކިވި ދުވަހަކީ އައިމިނަގެ ވަޒީފާގެ އެންމެ ފަހު ދުވަހެވެ. ގެއިން ނުކުންނަން ފޮށި ބަންދުކުރަމުން ދަނިކޮށް އައިސް ގެއަށް ވަނީ ފަރުހަންގެ ޤާނޫނީ ވަކީލެވެ. ފަރުހަންގެ ވަޞިއްޔަތް ކިޔައިދިނުމަށެވެ.
"މިއީ އަހުރެންގެ ފައިސާ އާއި ގެދޮރާއި މުދަލާއިމެދު އަހުރެންކުރާ ވަޞިއްޔަތެވެ. އެގެއެއްގައި އަހަރެން ދިރިއުޅެ ދުނިޔެ ދޫކުރި ގެ އަހަރެންގެ އަނބިމީހާއަށް ދީފީމެވެ. ދެންހުރި ހުރިހައި ގެތަކާއި ވިޔްފާރި ކުންފުންޏާއި އެކައުންޓްގައި ހުރި 4.7 ބިލިއަން ޑޮލަރަކީ އަހަރެންނަށް ޚިދުމަތްކުރި ނަރުސް އައިމިނަގެ މިލްކެކެވެ. މިގެ އައިމިނައަށް ނުދިނީ މިގޭގައި އަހަރެންގެ އަނބިމީހާ ކޮށްފައިވާ ނަޖިސް ޢަމަލުތަކުގެ ސަބަބުން މިގެއަކީ ޝައިޠޯނުންގެ ކިއްލާއަކަށްހަދާފައިވާތީއެވެ!
އައިމިނައަށް ބުނެލަން އޮތީ އަހަރެން "އައިމިނާ! އައިމިނަ އުފަލުން ހޭނެ ދުވަހެއް އަންނާނެ!" ކަމަށް ކުރަމުން އައި ވައުދެވެ. ތިއަ ގޮތަށް އިންސާނީ ޚިދުމަތުގައި ދެމިހުންނާށެވެ! ﷲ ތަޢާލާ ތިބާއަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ. ހެޔޮލަފާ މީހަކާ ކައިވެނިކޮށްގެން އަހަރެންގެ އެންމެ ބޮޑުގޭގައި ދިރިއުޅޭށެވެ! އެގެއަކީ ދިރިއުޅޭގެ ކަމަށް ހަދާށެވެ! ﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ!
އަނބިމީހާއަށް ބުނާނެ އެއްވެސް އެއްޗެއް ނެތެވެ! ނަމަވެސް ދެންވެސް ތައުބާވެ ހެޔޮ ޢަމަލުކޮށް ސުވަރުގެ ވަދެވޭތޯ މަސައްކަތްކުރަން ވަޞިއްޔަތް ކުރަމެވެ."
ވަޞިއްޔަތް ކިޔައި ނިންމުމަށްފަހު ދެމީހުންނަށް ކޮޕީ ދިނުމުން އަނބިމީހާ ހުރީ ރޯށެވެ! އައިމިނަ ﷲ ތަޢާލާއަށް ޝުކުރުވެރިވެ ޙަމްދުކުރަމުން އޭނާގެ ފޮށި ހިފައިގެން ގެއިން ނުކުމެގެންދިއައީއެވެ.
(މިއީ އަނބިންނަށްވެސް ފިރިންނަށްވެސް ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ ހާދިސާއެކެވެ. އަދި ބަލިމީހުންނަށް ޚިދުމަތްކުރާ މީހުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެ ވާހަކައެކެވެ.)