ކިޔަވައި ނިމި އޮފީހެއްގައި ވަޒީފާ އަދާކުރަން ފެށުމާއިއެކު 3 ވަނަ ވަޒިފާއެއްގެ ގޮތުން ކުރެވުނު ކަމަކީ އަޅުގަނޑު ދެކެ ލޯބިވާކަމަސް ބުނި މީހަކު ދެކެ ލޯބިވުމެވެ. ލޯބިވެގެން 2 އަހަރު އެކުގައި އުޅުނުއިރުވެސް ކައިވެނިކުރަން ނުއުޅޭތީ ސުވާލުކުރުމުން ދިން ޖަވާބަކީ ރުޅިވުމެވެ.
އެކަން އަޅުގަނޑު ދެކެނީ 3 ވަނަ ވަޒީފާ ގެއްލުން ކަމަށެވެ. ވަޒީފާ ގެއްލުނު ނުވަތަ ވަޒީފާއިން ވަކިކުރި ސަބަބަކަށްވީ އަޅުގަނޑުގެ ފުރަތަމަ ނުވަތަ 1 ވަނަ ވަޒީފާއެވެ. 1 ވަނަ ވަޒީފާ ކަމަށް އަޅުގަނޑު ދެކެނީ ނުކުޅެދުންތެރިކަން ހުންނަ ކޮއްކޮއަކު ބަލަންޖެހޭ ދައްތައަކަށްވުމެވެ.
އެވަޒީފާއަކީ އަޅުގަނޑު އެއްގޮތަކަށްވެސް ދޫކޮށްލާނެ ވަޒީފާއެއް ނޫނެވެ. ސަބަބަކީ ނުލާހިކު ލޯބިން އަޅުގަނޑު ގެންގުޅެ ބޮޑުކޮށް ކިޔަވައިދީ އަދި ދިރިއުޅޭނެ ގެދޮރުވެސް ދީފައި ދުނިޔެއިން ވަކިވި މަންމަ އާއި ބައްޕަ އަޅުގަނޑާއި ޙަވާލުކުރި އެންމެ ބޮޑު ވަޒީފާއަކީ ކޮއްކޮ ބެލުން ކަމުގައިވާތީއެވެ.
ކޮންމެއަކަސް އެހެން ޒުވާނަކު އަޅުގަނޑުދެކެ ލޯބިވާކަމަށް ބުނުމުން އޭނާ އާއި ގުޅުނީމެވެ. ގުޅުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް ކައިވެނިވެސް ކޮށްފިއެވެ. ކައިވެންޏަށްފަހު އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކޮއްކޮގެ ފައަށް ފަރުވާ ކުރުމަށެވެ. 2 އަހަރެއްހައި ދުވަސްތެރޭގައި 3 ޤައުމަކަށް ގެންދިއައެވެ. ޑޮކްޓަރުންނަށް ދައްކައި ފަރުވާއެއް ލިބޭތޯ ކުރި މަސައްކަތުން 3 ވަނަ އަހަރު ކޮއްކޮގެ ނުކުޅެދުންތެރިކަން ފިލައި ހިނގައި އުޅެވުނެވެ.
އެއިރު އަޅުގަނޑުމެންނަށްވަނީ ދަރިއަކުވެސް ލިބިފައެވެ. ދަރިފުޅުގެ ޢުމުރުން 7 އަހަރުގައި ދެމަފިރިން ދަރިފުޅާއި ކޮއްކޮ ގޮވައިގެން ޢީދެއްގައި ރަށަކަށް ދިއައިމެވެ. އެރަށުގައި އުޅުމުގެ ތެރޭގައި ފުރަތަމަ ލޯބިވެރިޔާ އާއި ބައްދަލުވިއެވެ.
ކުޑަކުއްޖަކު ފުރޮޅުލީ ގޮނޑިއަކަށްލައިގެން ކޮއްޕަނިކޮށެވެ. ބައްދަލުވެ ދެކެވުނު ވާހަކައިން އެނގުނީ އޭނާގެ ދަރިފުޅު ކަމާއި އެދަރިފުޅަކީ ނުކުޅެދުންތެރިކަންހުރި ކުއްޖެއްކަމެވެ. އަޅުގަނޑުމެން އޭނާއަށާއި ދަރިފުޅަށް ހެޔޮދުޢާކޮށްފައި ދިއައީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިވާހަކަ މިގެނައީ އޭނާއަށް އެފަދަ ކުއްޖަކު ލިބިގެން އުފާކުރާތީއެއް ނޫނެވެ. ނަމަވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅަކަށްވާތީއެވެ. އޭނާ އަޅުގަނޑާއި ވަކިވި ސަބަބާއި އޭނާއަށް ކަންކަން މެދުވެރިވި ގޮތް އަޅުގަނޑު ދެކެނީ ވަރަށް މުހިންމު އަދި ޢިބްރަތްތެރި ފިލާވަޅެއްގެ ގޮތުގައެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ އެހީތެރިކަމަށް ބޭނުންވެގެން ހުރި ކުއްޖަކަށް ނުވަތަ މީހަކަށް އެހީތެރިވުމުގެ ފުރުޞަތު ލިބިއްޖެނަމަ އެކަމަށް ފަސްނުޖެހި އަވަސްވެގަންނާށެވެ. ﷲ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ.
އެހެން މިބުނަނީ ފިރިމީހާ ބުނި ގޮތުގައި ކޮއްކޮއަށް އޭނާ އެހައި ބޮޑެތި ޚަރަދުތައް ކުރިއިރުވެސް އޭނާއަކަށް ދަތިވެގެން އުޅޭކަށް ނުޖެހެއެވެ. އެއިރު އޭނާގެ ހުރީވެސް އާދައިގެ އެންމެ ފިހާރައެކެވެ. މިހާރު އޭނާގެ އަތުގައި ބޮޑު 2 ފިހާރަ އެބަހުއްޓެވެ. މާޝާﷲ
- ޝަހީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް