މަރުވީމާ ވާނެ ގޮތަކާމެދު ކަންބޮޑުވުމަށްވުރެ ކުރިން މަރުވާންޖެހިދާނެ ޙާލަތަކާމެދު މާބޮޑަށް ކަންބޮޑުވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މަރުވީމާ ވާނެ ގޮތަކާމެދު ކަންބޮޑުވުމަށްވުރެ ކުރިން މަރުވާންޖެހިދާނެ ޙާލަތަކާމެދު މާބޮޑަށް ކަންބޮޑުވާންޖެހޭނެ!

ހެޔޮލަފާ އަޅުންގެ ފުރާނަ ހިއްޕެވުމަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ސުވަރުގޭގެ ފޭރާމާއި ހުވަނދު ހިއްޕަވައިގެންނެވެ. އެމީހެއްގެ ފުރާނަ ހިއްޕެވުމުގެ ކުރިން އެމީހަކަށް ހުރި އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެތެވެ. އެ ނިޢްމަތް ލިބޭނީ ހެޔޮލަފާ މަރަކުން މަރުވުމަށް މަސައްކަތްކުރިމީހަކަށެވެ. ހެޔޮލަފާ މަރަކުން މަރުހިއްޕެވުން އެދިގެން އަބަދުވެސް މަސައްކަތްކުރާ ޖެހޭ ސަބަބަކީ އެއީއެވެ. 

އެހެނަސް ގިނަ ބައަކު ކަންބޮޑުވެގެން އުޅެނީ އެމީހުން މަރުވުމުން އެމީހުންނާއިމެދު މީސްތަކުން ބުނެފާނެ ބަހަކަށެވެ. ޖަނާޒާގެ ކަންކަން ބާއްވާނެ ފެންވަރަކަށެވެ. 

އެކަމަކު ފުރަތަމަވެސް ވިސްނަންވީ މަރުވުމުން ދެން ކަންކަންވެދާނެ ގޮތަކަށެވެ. އަދި އެއިގެ ކުރިން ކަންބޮޑުވާންވީ ތިމާ މަރުވެގެންދާނެ ގޮތަކާއިމެދުގައެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވޭބެ ކަމާއިމެދުގައެވެ. އެހެނީ މަރުވުމަށްފަހު އެމީހެއްގެ ކަންކަން އޮންނާނީ މަރުވި ޙާލަތުގެ މައްޗަށެވެ. މާނައަކީ މަރުވީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައިތޯ ނުވަނަ ނޫންތޯއެވެ. 

ދުނިޔޭގައި ހޭދަކުރަންލިބޭ މަދު ދުވަސްކޮޅު އެކަމަށް ނުވިސްނިއްޖެނަމަ ނުވަތަ ސަމާލުކަން ނުދެވިއްޖެނަމަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވުން އޮންނާނީ ދުރުކަމަކަށްވެފައެވެ. ނުވަތަ ގާތީ އެކަން ނުވުމެވެ. 

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވުމަށް އެދޭމީހާ އެކަމަށް ތައްޔާރުވާންވީ ޢުމުރުން ދުވަސްވުމަކުން ނޫނެވެ. އެންމެ ޒުވާން ޢުމުރުން ފެށިގެންނެވެ. އެހެނީ މަރުވާނީ ކޮން ޢުމުރެއްގައިކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ. އެހެނަސް އެކަން ޤަބޫލުކޮށް ޢަމަލުކުރެވޭ މީހުން މިދަނީ މަދުވަމުންނެވެ. 

ވީމާ އަހުރެންގެ ނަޞީޙަތަކީ ކޮންމެ މުސްލިމަކީވެސް ޢުމުރުގެ ހުރިހާ ދުވަސްތަކެއްގައިވެސް މިބުނި މަގުން ހެޔޮލަފާ މަރަކުން މަރުވުމަށް އެދިގެން މަސައްކަތްކުރާ މީހަކު ކަމުގައިވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން