ޙަޤީޤީ ޙާދިސާ: ﷲ އަށް ބިރުވެތިވާން އަނބިމީހާ ބުނުމުން އަހަރެންގެ ގޭގަ އުޅޭނީ އަހަރެން ބޭނުން ގޮތަކަށް ކަމަށް ބުނި ތަނަވަސް މީހަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ޙަޤީޤީ ޙާދިސާ: ﷲ އަށް ބިރުވެތިވާން އަނބިމީހާ ބުނުމުން އަހަރެންގެ ގޭގަ އުޅޭނީ އަހަރެން ބޭނުން ގޮތަކަށް ކަމަށް ބުނި ތަނަވަސް މީހަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

ކިޔަވައި ނިމިގެން ވަޒީފާއެއް ހޯދަން މަސައްކަތްކުރަނިކޮށް ވަޒީފާ ލިބުނު އޮފީހުގައި މަސައްކަތްކުރާތާ 2 އަހަރުވެސްވީފަހުން އޮފީހުގެ ބޮސް އަހަރެންގެ ފަހަތުން އަޅައިގެންފިއެވެ. އެކި ގޮތްގޮތުން ދިމާކުރަން ފެށުމުން ބުނީމެވެ. 

"އަހަރެންނަކީ ވަރަށް ނިކަމެތި އަންހެނަކީމެވެ. މުސްކުޅި މަންމައަކާއި ބައްޕައަކު ބަލަންޖެހެއެވެ. އަންހެނަކަށްވެފައި އުމުރަކީ 24 އަހަރުނަމަވެސް އެންމެ ދޮށްޓަށް ހުރީ އަހަރެންކަމަށްވެފައި ހަގަށް ތިބި ކޮއްކޮމެންނަށް އަދި ވަޒީފާ ނުލިބޭތީ ހުރިހާ ޒިންމާތަކެއް މިއުފުލަނީ އެކަންޏެވެ. 

ތިއަހާ ތަނަވަސް މީހުންނަކާ ކުފޫހަމައެއް ނުވާނެއެވެ. ދިރިއުޅެން ބޭނުންވާ ގޮތްވެސް އެއްގޮތެއް ނުވާނެއެވެ. ވީމާ އަހަރެމެންނަކީ ކައިވެނިކޮށްގެން ދިރިއުޅެވޭނެ ބައެއް ނޫނެވެ. ވަރިކޮށްލާ ދުވަހު މާބޮޑަށް ދެރަވާންޖެހޭނެއެވެ. ވީމާ އަހަރެން ނޫން އަނހެނަކު ހޯދާށެވެ!" 

އެހައިވަރަށް ބުނުމުންވެސް ކުރި އުނދަގޫތަކުގެ ސަބަބުން ކައިވެނިކުރީމެވެ. ފިރިމީހާގެ ޙަޤީޤީ ސިފަ އަހަރެންނަށް ދައްކަންފެށީ ކައިިވެނިކޮށް ދަރިއަކު ލިބި ދަރިފުޅަށް 3 އަހަރުވެސްވީފަހުންނެވެ. 

ފުރަތަމަ ކަމަކަށް ފާހަގަކުރެވެން ފެށީ ލާފޭރާމުން ފާޑެއްގެ ހުތްވަހެއް ދުވަން ފެށުމެވެ. އެއީ ކޮންވަހެއްކަން ނުއެނގިގެން އޮޅުންފިލުވަން އެކި ގޮތްގޮތުން ކުރި މަސައްކަތުން އެނގުނީ އެއީ ބަނގުރާ ވަސްކަމެވެ. 

އެވާހަކަ ބުނެފައި ﷲ ގެ ޢަޛާބަށް ބިރުވެތިވާން ބުނުމުން ދެން ކުރަންފެށިކަމަކީ 2، 3 ދުވަސްވަންދެން ގެއަށް ނައިސް އުޅެފައި ގެއަށް އަންނަން ފެށުމެވެ. ޝަކުވާއެއް ކުރާއިރަށް ބުނަނީ ޚަރަދުކުރާނެ ފައިސާ ދީފައި ހުންނާނެ ކަމަށާއި އެހީތެރިވާނެ ނޯކަރުން ލައިދީފައި ތިބޭނެ ކަމަށެވެ. 

ކޮންމެއަކަސް އެދިރިއުޅުމަށް ކެތްނުކުރެވުމުން އެއްރޭ ރޮއި ގިސްލަމުން ވަރަށް އާދޭސްކޮށްފައި ބުނީމެވެ. އުމުރުން މިހާރު 50 އާއި ކައިރިވަނީއެވެ. މަރުވާނެ ވަގުތެއް އެނގެނީއެއް ނޫނެވެ. ތިކުރާ ނުބައި އަމަލުތައްކުރުން ހުއްޓައިލަބަލާށެވެ! ތިއަކަން ކުރާނަމަ ފަހަތުން އެހެން ނުބައި ކަންކަންވެސް ކުރެވޭނެއެވެ. މިހާރު މިއީ ކައިވެންޏެއް ހެއްޔެވެ؟ އަހަރެން އަދިވެސް ކަލޭދެކެ ލޯބިވަމެވެ. އެކަމަކު ނިކަން ބުނެބަލާށެވެ! ކަލޭ އަހަރެންދެކެ ލޯބިވޭ ހެއްޔެވެ؟ ލިބިފައި ހުރި އެންމެ ދަރިފުލު ދެކެ ލޯބިވޭ ހެއްޔެވެ؟ ﷲ އަށް ބިރުވެތިވެ ތައުބާވާން އަދިވެސް ނުވަނީހެއްޔެވެ؟" 

ޖަވާބުގައި ބުނީ މިއީ އޭނާގެ ގެކަމަށާއި އެގޭގައި އުޅޭނީ އޭނާ ބޭނުންވާ ގޮތަކަށް ކަމަށެވެ. އެގޮތާއި ރުހިގެން އިންނަން ބޭނުންނުވާނަމަ ވަރިވެގެން ދިއުމަށެވެ. އެހެން ބުނެފައި ވަރިކޮށްލައިފިއެވެ. ދެން ބުނީ އޭނާ ގެއިން ނުކުމެގެންދަނީ ކަމަށާއި ދަރިފުޅު ބަލަން ގޭގައި އިންނަނަމަ ޚަރަދު ކުރާނެ ކަމަށެވެ. 

އެހެން ބުނެފައި ގެއިން ނުކުމެގެންދިއަ މީހާ ގެއަކަށް ނައުދެއެވެ. ވަރަށް ދެރަވިއެވެ. ނަމަވެސް ނުގުޅައި ކެތްތެރިވީއެވެ. އެއީ ދަރިފުޅު ގޮވައިގެން އިނދެލެވޭނެ ބޯހިޔާވަހިކަމެއް ލިބުނީތީ ޝުކުރުވެރިވުމުގެ ގޮތުންނެވެ. 

މަހެއްހައިދުވަސްފަހުން އެނގުނީ އޭނާ އާއި އެއްގޮތަށް އުޅޭ 2 އަންހެނަކާއިއެކު ރާއްޖެއިން ބޭރަށް ދިއަ ވާހަކައެވެ. އެއިގެ ހަފްތާއެއްހައި ދުވަސްފަހުން އެނގުނީ ސްޓްރޯކެއް ޖެހުނުވާހަކައެވެ. އޮފީހުގެ މުވައްޒިފުން ގޮސް މާލެ ގެނައީ މަހެއްހައި ދުވަސްވީފަހުންނެވެ. އެއިރުވެސް އޮތީ ވާގިނެތިފައެވެ. 

ގެއަށް ގެނައުމުން ދަރިފުޅުގެ ބައްޕަ ކަމަށްވުމުން ވަރަށް ހެޔޮކޮށް ކަންކަންކުރީމެވެ. ފަރުވާކުރަމުންގޮސް ކިރިޔާ ހިނގައިލެވޭވަރުވީވެސް 2 އަހަރުވީފަހުންނެވެ. ވާހަކަ ދައްކައި އުޅެވޭވަރުވުމުން ދަރިފުޅާއިއެކު ސިޓިންގރޫމްގައި ތިބެފައި އަލުން ކައިވެނިކުރާ ވާހަކަ ދެއްކުމުން ބުނީމެވެ. 

"ދަރިފުޅަސްޓަކައި އަދިވެސް ކައިވެނިކޮށްފާނަމެވެ. ނަމަވެސް ގަދަވާއިރަށް ކުރިން އުޅުނު ގޮތަސް އުޅެން ފެށުން ގާތެވެ. ނިކަން ވިސްނައިލަބަލާށެވެ. އަދިވެސް އަބަދުވެސް މިއީ ކަލޭގެ ގެއެވެ. ބޭނުންގޮތަކަށް އެބަ އުޅެވޭހެއްޔެވެ؟ ވީމާ ﷲ ތަނަވަސްކަން ދެއްވެވި ނަމަވެސް އެއްވެސް މީހަކަށް އެމީހަކު އުލެން ބޭނުންވާހައި ގޮތަކަށް ނުއުޅެވޭނެކަން ޤަބޫލުކޮށް ދެންވެސް އިޞްލާޙްވާން ޢަޒުމް ކަނޑައަޅައިބަލާށެވެ. ތައުބާވެ ނަމާދުކުރަން ފަށައިބަލާށެވެ." 

އެހެން ބުނުމުން ވަރަށް ބާރަށް ރުޔެވެ. ތައުބާވިއެވެ. ނަމާދުކޮށް ޢަމަލުތައް އިޞްލާޙްކުރިއެވެ. އަލުން ކައިވެނިވެސް ކުރިއެވެ. އިރާދަކުރެއްވީތީ އެއިގެ ފަހުން ދިރިއުޅެމުން މިއަންނަނީ ހަމަ އުފަލުގައެވެ. މިހާރު މިތިބީ ޢުރުން ދުވަސްވެ މުސްކުޅިވެފައެވެ. 

އަހަރެންގެ ވާހަކަތައް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ މިވާހަކައިން ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ. ކިތަންމެ ގިނަ ފައިސާތަކެއް އަތުގައި ހުރިނަމަވެސް އެއްވެސް މީހަކަށް އެމީހަކު ބޭނުންވާހައި ގޮތަކަށް ނުއުޅެވޭނެއެވެ. ކޮންމެވެސް ހިސާބަކުން ވަގުތުޖެހޭނެއެވެ. ވަގުތު ޖެހުނީމާ ހިއްޕަވާނެއެވެ. 

- ކަތްދަ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން