ބައިވެރިޔާއަށް ކުށެއް ކުރެވުމުން މާފުކުރުމަކީ ކުރަން އެންމެ ރަނގަޅު ކަންތަކެވެ. ނަމަވެސް ގިނަގިނައިން އެއް ބާވަތެއްގެ ކުށަކަށް މާފުކުރަން ޖެހުމުންވެސް މާފުކުރަނީ އަނެކާއަށް ގޮތް ހުސްވެގެން ކަމަށް ހީވެސް ނުކުރާށެވެ!
ނަފްސާނީ ޢިލްމްވެރިން ބަޔާންކުރާ ގޮތުގައި އިމެއް ނެތި މާފުކުރާ މީހާ އެލިބިގަންނަނީ އޭނާގެ ހިތަށް ދެވޭނެ އެންމެ ބޮޑުއަނިޔާއެވެ. ސަބަބަކީ އޭނާ މާފުކުރިޔަސް ހިތް އެކަމަށް ނުރުހޭނެ ކަމެވެ. ކަންބޮޑުވެ ހިތް ތެޅިފޮޅޭނެތީއެވެ. އަދި މިޙާލަތު ލިބިގަންނަނީ ހިތް ހެޔޮ ރަނގަޅު މީހުންނެވެ. އެހެނީ ގިނަގިނައިން މާފުކުރުމަކީ ވަރަށް ރަނގަޅު ހިތެއް ލިބިފައިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.
ނަމަވެސް މިކަން ގިނަ ބައަކު ދެކެނީ މުޅިން ތަފާތު ގޮތަކަށެވެ. ވިސްނެނެނީ އަނެކާއަކީ ގޮތްހުސްވެފައި ހުރި މީހެއް ކަމަށެވެ. ބުނަންހެއްޔެވެ؟ އެއީ އެއްވެސް ޙާލެއްގައި ގޮތް ހުސްވެގެން ކުރާ ކަމެއް ނޫނެވެ. ދެމީހުން ވަކިވުމުން ދިރިއުޅުމަށް ލިބޭނެ ބޮޑު ދެރައަށް ވިސްނައި އަނެކާއަށް އެކަން ވިސްނޭތޯ ، ވިސްނިގެން ކަންކަން އިޞްލާޙްކުރޭތޯ ކުރާކަމެކެވެ.
އަނެކާއަށްވެސް ގޮތް ހުންނާނެއެވެ. ހޯދަން އުޅުމުން ގޮތް ފެންނަންވެސް ފެންނާނެއެވެ. އެއީ އަނިޔާ ލިބެމުން ހިތްތަކަށް ﷲ ތަޢާލާ ރަޙުމްކުރައްވަވާނެތީއެވެ. އެޙާލަތުން އޭނާ ސަލާމަތްކުރައްވަވާނެތީއެވެ. ވީމާ އޭނާ ހަށިފޮޅައިލާ ދުވަސް އަންނާނެއެވެ. އެއިރުން އެކަމަށް ކުރަންޖެހޭނެ ހިތާމައާއި ލިބޭނެ ދެރަ މާބޮޑުވާނެއެވެ.
ވީމާ ދެމަފިރިންވެސް މިކަމަށް ވިސްނަންވާނެއެވެ. ގިނަގިނައިން މާފަށް އެދެންޖެހޭނެ ކަންކަން ނުކުރާށެވެ! ކުސްތަކުރާރުނުކުރާށެވެ. އަދި އަނެކާ އޭނާގެ ހަށިފޮޅައިލާ ދުވަހު އޭނާ ކުށްވެރިނުކުރާށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
--މިއަދުނޫސް