ޙަޤީޤީ ޙާދިސާ: ތަނަވަސްކަން ލިބެންއޮވެމެ ދެމަފިރިއެއްގެ ދެމެދަށް ނުވަން އަންހެން ކުއްޖަކަށް ކިޔެވި، މާޒުވާން، އަޚްލާޤް ރަނގަޅު، ފިރިއަކާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 4މ 29ސ
ޙަޤީޤީ ޙާދިސާ: ތަނަވަސްކަން ލިބެންއޮވެމެ ދެމަފިރިއެއްގެ ދެމެދަށް ނުވަން އަންހެން ކުއްޖަކަށް ކިޔެވި، މާޒުވާން، އަޚްލާޤް ރަނގަޅު، ފިރިއަކާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

ރަށު ސްކޫލުން އެއިރު ޖީސީއަށް ކިޔަވައެއް ނުދެއެވެ. އެންމެ މައްޗަށް އޮންނަނީ ގްރޭޑް 8 އެވެ. އެހެންވެ 8 ނިންމުމުން އަޅުގަނޑަށް ކިޔަވައިދިނުމުގެ މަތިވެރި ނިޔަތުގައި މާލެ ގެނެސް ގެއަކަށް ކިޔަވަން ބޭލިއެވެ. އެމީހުން އަގަކަށް ކަނޑައެޅިވަރުވެސް ދައްކާގޮތަށެވެ. އަދި އެފައިސާގެ އިތުރުން ހަދިޔާގެ ގޮތުގައިވެސް މައިންބަފައިންނަށް ލިބުނު އެއްޗެއް ދެއެވެ.  

އެގޭ ދައްތައަކީ ޒުވާނެކެވެ. ހީވާގޮތުން އެއިރު ދައްތަގެ އުމުރަކަށްވާނީ 30 ވަރަކަށް އަހަރެވެ. ކިޔަވަން ވަގުތުދެއެވެ. އެއްވެސް މަސައްކަތެއް ކުރަން މަޖުބޫރެއްވެސް ނުކުރެއެވެ. ކަމަކަށް ބޭނުންވިނަމަވެސް ވަރަށް މަޑުމަޑުން އަހައިލާނީ އެކަމެއް ކޮށްލައިދެވިދާނެތޯއެވެ. އެހެންވެ އުޅެމުން އައީ ވަރަށް ހިތްހަމަޖެހިގެންނެވެ.  

ބޭބެވެސް ވަރަށް ރަނގަޅެވެ. ދޭތެރެއަކުން އެއްވެސް ކަމެއް ބޭނުންވޭތޯ ސުވާލުވެސް ކުރެއެވެ. ބައެއް ފަހަރު ދައްތައަށް ހެދުން ގަންނައިރު ހެދުންވެސް ގަނެދެއެވެ. ބުނާނީ އެއީ ކޮއްކޮބަލައިދޭތީ ދިން ހަދިޔާއެއް ކަމަށެވެ.  

ކޮއްކޮ ބަލައިދޭތީ ދިން ހަދިޔާ ދިން މަޤްޞަދު ފަޅާއެރީ އޭލެވެލް ނިންމައި ޤައުމީ ޔުނިޔަރސިޓީން ކިޔަވަން ފެށިފަހުންނެވެ. ދައްތައަށް ސިއްރުން އަޅުގަނޑާއި ގާތް ގުޅުން ބާއްވަން މަސައްކަތްފެށުމުންނެވެ. އެއީ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމަކަށް ނުވާތީ ދެވަނަ ބައްޕަގެ މަޤާމުގައި ހުންނަން އެތައް ފަހަރަކު އެދުނީމެވެ. ނަމަވެސް އެއަޑު ބޭބެއަށް ނުއިވުމުން ދެން އެހެން ގޮތެއް ނެތިގެން ދައްތަގާތު ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.  

ބުނީމެވެ. "އަޅުގަނޑުގެ ފަރާތަކުން ނުބައި އެއްވެސް ކަމެއް ނުހިނގާނެއެވެ. ކޯހުގަ ބާކީ މިއޮތް ދުވަސްކޮޅު ނިމުމުން ރަށަށްދާނަމެވެ. ބޭބެއާއި އަޅުގަނޑާއިހުރެ ޒުވާބުނުކޮށް މަޑުކޮށްލައިދޭށެވެ."  

ވަރަށް ވިސްނާފައި ދައްތަ ހެދިގޮތަކީ ދައްތަގެ ގެއަށް އަޅުގަނޑު ބަދަލުކުރުމެވެ. ދައްތަގެ މައިންބަފައިންގެ ގާތަށެވެ. އެގެއިންވެސް އަޅުގަނޑާއިމެދު ކަންކަންކުރީ ހަމަ ވަރަށް ރަނގަޅަށެވެ.  

ދައްތަ ގެނައި ބަދަލު ގެނައީ ކީއްވެގެންކަން އެނގުމުން ބޭބެ ސިއްރުން މަގުމަތިން އަޅުގަނޑާއި ބައްދަލުކުރިއެވެ. އޭނާގެ ތަނަވަސްކަން ދައްކައިގެން އަޅުގަނޑު އަތުލައިގަންނަން މަސައްކަތްކުރިއެވެ. އަޅުގަނޑު ބުނީމެވެ. "ކިތަންމެ ޒުވާން ނަމަވެސް ތިއައީ ހަމަ އަޅުގަނޑުގެ ދެވަނަ ބައްޕައެވެ. ބޭބެއާއި ރުޅީއަކީވެސް، ބޭބެ ކަމުނުދަނީވެސް ނޫނެވެ. އަޅުގަނޑަށްވުރެ ތަންކޮޅެއް ދޮށިވުމުން ލަދުގަންނަނީއެއްވެސް ނޫނެވެ. ނަމަވެސް އެއްވެސް ދެމަފިރިއެއްގެ ދެމެދަށް ވަންނާކަށް ނެތީމެވެ. ޢަމްދުން އަޅުގަނޑުގެ ވިސްނުން ހުރީވެސް މާލޭގައި ދިރިއުޅޭ ގޮތަކަށްވެސް ނޫނެވެ. ކޯސް ނިމުނީމާ ދާން ބޭނުންވަނީ ރަށަށެވެ."  

އަދިވެސް ބުނީމެވެ. "މަގުމަތިން ބައްދަލުނުކުރާށެވެ. ދައްތައަށް އެނގިއްޖެނަމަ ހިތުގައި ޖެހޭނެއެވެ. ދައްތަގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ.  

އެއީ އަޅުގަނޑު ބޭބެގެކިބައިން ސަލާމަތްވާން ހެދި ދޮގެކެވެ. އަޅުގަނޑުގެ ވިސްނުން ހުރީ އަޅުގަނޑުގެ ކިޔެވުން ރާއްޖެއިން ނިންމާލާ ގޮތަކަށް ނޫނެވެ. ކޯސް ނިމުނީމާ ވަޒީފާއަކަށްވަދެ އަމިއްލައަށް ފައިސާ ހޯދައިގެން ރާއްޖެއިން ބޭރުން މަތީތަޢްލީމް ޙާޞިލުކުރާށެވެ.  

ކޮންމެއަކަސް އެއިގެ ފަހުން އަޅުގަނޑަށް އުނދަގޫކުރާކަށް ނުކެރެއެވެ. ކޯސް ނިމުމުން ވަޒީފާއަކަށް ވަނީމެވެ. އެއީ ދެމަފިރިއަކު ހިންގާ ވަރަށް ކުޑަކުޑަ އޮފީހެކެވެ. މަސައްކަތްކުރަނީވެސް 5 ވަރަކަށް މުވައްޒިފުންނެވެ. ނަމަވެސް ބޮޑެތި ޢަދަދުތަކުން ވިޔަފާރިކުރެއެވެ.  

އޮފީހުގެ މެޑަމަށް އަޅުގަނޑުގެ މަސައްކަތް ވަރަށް ކަމުދިއައެވެ. އެހެންވެ އަޅުގަނޑާއި ދޭތެރޭ ވަރަށް ހެޔޮކޮށް ކަންތައް ކުރެއެވެ. އެއްރެއަކު އޮފީހުގައި ސައިބޯން ތިބެފައި ސުވާލުކުރިއެވެ. "ރީމާ ކުރިއަށްދާން ޤަޞްދުކުރަނީ ކޮންދާއިރާއަކުންހެއްޔެވެ؟ އެޗްއާރު އެންޑް މާރކެޓިންގ ދާއިރާ އިޚްތިޔާރުކުރަންވީ ނޫން ހެއްޔެވެ؟"  

އަޅުގަނޑު ބުނީމެވެ. "ކިޔަވަންބޭނުމީވެސް މާރކެޓިންގ އެވެ. ނަމަވެސް ދެން ކިޔަވަން ބޭނުމީ މެލޭސިޔާފަދަ ޤައުމަކުންނެވެ. ފައިސާކޮޅެއް ޖަމާކުރެވޭތޯ އެބަ މަސައްކަތްކުރަމެވެ."  

މެޑަމް ބުންޏެވެ. "ދެން މިކިޔައިދެނީ އަހަރެންގެ ވިސްނުމެވެ. ފިރިމީހާގެ 2 ވަނަ ކޮއްކޮއަށް ރީމާ ވަރަށް ކަމުދެއެވެ. އެތައް ދުވަހަކު އެވާހަކަ ދައްކައިފިއެވެ. އޭނާއާ ކައިވެނިކުރަންވީ ނޫންހެއްޔެވެ؟ ޢޭނާ އުޅެނީ މިއަހަރު ފަހުކޮޅު ކިޔަވަން މެލޭސިޔާއަށްދާށެވެ. ރީމާގެ ކިޔެވުމަށް ކުރަންޖެހޭ ޚަރަދު އަހަރެމެން ކޮށްދޭނަމެވެ. ދެމީހުން އެކުގައި ތިބީމާ އިތުރަށްދާނީ ހަމައެކަނި ކިޔެވުމަށް ހިނގާ ޚަރަދެކެވެ. 

ރީމާމެން ކިޔަވައިގެން އައިސް ހަމަ މިތަނުގަ މަސައްކަތްކުރާނީ ނޫންހެއްޔެވެ؟ މިތަންވާނީ ހަމަ ރިމާމެންގެވެސް މުދަލަށް ނޫންހެއްޔެވެ؟ ފިރިމީހާއަކީ ކޮއްކޮމެންނަށްޓަކާ ޤުރްބާންވާ މީހެކެވެ."  

އެހެން ބުނުމުން ހިލޭ ކިޔަވާނެ ފުރުޞަތު ލިބޭނެތީ އިތުރަކަށް ނުވެސް ވިސްނަމެވެ. "މެޑަމަށް ފެންނަ ގޮތަކަށް ކަންކަން ނިންމަން" ބުނީމެވެ.

ޖެހިގެން އައި މަހު ކައިވެނިކުރެވުނެވެ. ކައިވެނިކުރީމާ ދިރިއުޅެން ގެންދިއައީ މެދަމްމެން އުޅޭގެއަށެވެ. ކައިވެންޏަށް އަހަރުވީއިރު ދެމަފިރިން ތިބީ ކިޔަވަން މެލޭސިޔާގައެވެ. ކިޔަވައިގެން އައިސް މެޑަމް އެދުވަހު ބުނި ފަދައިން ދެމަފިރިންވެސް ވަޒީފާ އަދާކުރަނީ އެތަނުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު ހިއްޞާކޮށްލީ ދެމަފިރިއެއްގެ ދެމެދަށް ނުވަދެ ތެދުވެރިވީމާ، އެހެން މީހަކަށް ދެރައެއް ނުދިނީމާ ލިބޭ އުފާވެރިކަން މާބޮޑުކަމަށް ބުނެލާށެވެ! ހަމަގައިމުވެސް ތަނަވަސްކަމުގެ ދަހިވެތިކަމުގަ ދެމަފިރިއެއްގެ ދެމެދަށް ނުވަނީމާ އަޅުގަނޑަށް ލިބުނު ލިބުނު ފިރިމީހާ މާޒުވާނެވެ! އަކްލާޤްވެސް ވަރަށް ރަނގަޅެވެ. އަޅުގަނޑަށް ވަރަށް ރަނގަޅަށް ކަންތައްތައްވެސް ކުރެއެވެ. އަޅުގަނޑުގެ އަގުވެސް ވަޒަންކުރެއެވެ. އަދި ތަނަވަސްކަންވެސް ކުޑައެއް ނޫނެވެ. ވީމާ ހަމަގައިމުވެސް އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުން އިންތިހާއަށް ބޮޑެވެ.  

- ރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދުނޫހުގައި ލިޔަމުން އަންނަ "ޙަޤީޤީ ޙާދިސާ" ސިލްސިލާގައި މިބާވަތުގެ ވަރަށް ތަފާތު ހާދިސާތަކުގެ ވާހަކަތައް ލިޔަމުން ގެންދާތީ އަޅުގަނޑަށް ދިމާވި ކަންކަން ޙިއްޞާކޮށްލީއެވެ.

މިއަދު އޮންލައިން