ޙަބަޝާއަށް ހިޖުރަކުރެއްވުން:
ނަބީކަމުން ހަތަރުވަނަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި އިސްލާމުންނަށް މުޝްރިކުންގެ އަނިޔާވެރިކަންފެށި އިތުރުވަމުން ދިޔައެވެ. އެގޮތުން ހިޖުރައިން ފަސްވަނަ އަހަރުގެ ތެރޭގައި މި އަނިޔާވެރިކަން އޭގެ އިންތިހާއަށް ފޯރަންފަށައިފިއެވެ. ކެތްނުކުރެވޭ ވަރަށް މުޝްރިކުންގެ އަނިޔާވެރިކަން ބޮޑުވެގެން ދިޔައެވެ.
އެދުވަސްވަރުގައި ޙަބަޝާގެ ރަސްކަމުގައި ރެނދަލިކުރައްވައިގެން ހުންނެވީ أَصْحَمَة އޭ ކިޔުނު ރަސްކަލެކެވެ. އެ ރަސްގެފާނަކީ ވަރަށް އަދުލުވެރި ރަސްކަލެކެވެ. އިންޞާފަށް ލޯބިކުރައްވާ ރަސްކަލެކެވެ. މި ރަސްގެފާނުގެ އަދުލުވެރިކަމުގެ ވާހަކަވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ކަންފަތްޕުޅާ ހަމައަށްވެސް ފޯރާފައެވެ. މުޝްރިކުންގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅައިދިޔުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެހައި މުސްލިމުންނަށް ޙަބަޝާއަށް ހިޖުރައަށް ވަޑައިގަތުމަށް އިރްޝާދު ދެއްވިއެވެ.
މުސްލިމުން ޙަބަޝާއަށް އެންމެ ފުރަތަމަ ހިޖުރަކުރީ ނަބީކަމުން ފަސްވަނަ އަހަރުގެ ރަޖަބުމަހުގެ ތެރޭގައެވެ. މި ޖަމާއަތުގައި ހިމެނުނީ ބާރަ ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ.
{އައްރަޙީޤުލްމަޚްތޫމު، ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ، ޞަފްޙާ 99-100}
އިބްނު ސަޢުދު ބަޔާންކުރައްވާ ގޮތުގައި، މުސްލިމުން ޙަބަޝާއަށް ކުރި ފުރަތަމަ ހިޖުރައިގައި عبد الرّحمن بن عوف رضى اللّـه عنــه ބައިވެރިވެވަޑައިގަތެވެ. ހަމައެހެންމެ މުސްލިމުން ދެވަނަ ފަހަރު ޙަބަޝާއަށް ކުރި ހިޖުރައިގައިވެސް عبد الرّحمن بن عوف رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ.
މަދީނާއަށް ހިޖުރަކުރެއްވުން:
މުސްލިމުން މަދީނާއަށް ހިޖުރަކުރެއްވުމުގެ އިލާހީ އަމަރުފުޅު ލިބިވަޑައިގަތުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީބޭކަލުންވެސް ހިޖުރައަށް ވަޑައިގެންނެވިއެވެ. عبد الرّحمن بن عوف رضى اللّـه عنــه ވެސް ޙަބަޝާއިން އެނބުރިވަޑައިގެން އަވަސް ފުރްޞަތެއްގައި މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއެވެ.
މުސްލިމުން މަދީނާއަށް ހިޖުރައަށް ގޮސް ހަމަޖެހުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم މުހާޖިރުންނާއި އަންޞާރުންގެ ދެމެދުގައި ވަރަށް މަތިވެރި އަޚްވަންތަ ގުޅުމެއް ޤާއިމުކޮށްދެއްވިއެވެ. މި އަޚްވަންތަ ގުޅުން ޤާއިމުކޮށްދެއްވިއިރު عبد الرّحمن بن عوف رضى اللّـه عنــه އާ އަޚްކޮށްދެއްވީ سَعْد بن الرَّبيع رضى اللّـه عنــه އެވެ. މި އަޚްވަންތަކަން ޤާއިމުކޮށްދެއްވުމުން سَعْد بن الرَّبيع، عبد الرّحمن بن عوف رضى اللّـه عنــه އަށް ދެންނެވިއެވެ.
[އަޅުގަނޑަކީ އަންޞާރުންގެ ތެރެއިން އެންމެ މުދާވެރި މީހާއެވެ. އަޅުގަނޑުގެ މުދާތައް ދެބަޔަކަށް ބައިކޮށްލާނަމެވެ. އަޅުގަނޑުގެ ދެއަނބިން އެބަ ތިއްބެވެ. އެތަނުން ކަލޭގެފާނު އެންމެ ހިތްޕުޅާވާ ބޭކަލަކަނބަލަކު ވިދާޅުވެދެއްވާށެވެ. އޭރު އެބޭކަނބަލަކު ވަރިކުރާނަމެވެ. ދެން އެކަމަނާގެ ޢިއްދަ ހަމަވުމުން ކަލޭގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގަންނަވާށެވެ.]
މިއަޑުފުޅު އައްސަވައި عبد الرّحمن بن عوف رضى اللّـه عنــه ވިދާޅުވިއެވެ. "މާތްﷲ ކަލޭގެފާނުގެ އަހުލުވެރިންނާއި ކަލޭގެފާނުގެ މުދަލުގައި ބަރަކާތްލައްވާށިއެވެ. އަޅުގަނޑަށް ތިޔަބޭކަލުންގެ ބާޒާރު ދައްކާށެވެ." ދެން سَعْد بن الرَّبيع رضى اللّـه عنــه އެކަލޭގެފާނު ގޮވައިގެން އެބޭކަލުންގެ ބާޒާރުތައް ދައްކަވައިދެއްވިއެވެ. އޭގެފަހުން عبد الرّحمن بن عوف رضى اللّـه عنــه އަމިއްލަފުޅަށް ވިޔަފާރި ކުރައްވައިގެން މުއްސަނދިފުޅުވެވަޑައިގަތެވެ. { ސަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ، އައްރަޙީޤުލްމަޚްތޫމު، ޞަފްޙާ 188}
- ޢަލީ އިޙްޞާން ފިރާޤް