"އަޅުގަނޑުމެންގެ މަންމައާއި ބައްޕައަށް 9 ދަރިން ލިބުނުއިރު އެއިގެ ތެރެއިން 8 ދަރިންނަކީ އަންހެންދަރިންނެވެ. ހުރީ އެންމެ ފިރިހެން ދަރިއެކެވެ.
8 ކުދިންވެސް އުޅެނީ އަމިއްލަ ދިރިއުޅުމުގައެވެ. ބައެއްކުދިން ފުރަތަމަ ކައިވެނިމަތީގައެވެ. ބައެއް ކުދިން ވަރިވުމަށްފަހު ރުޖޫޢަކޮށްގެންނެވެ. އަނެއްބައިކުދިން ދެވަނަ ފިރިމީހާ އާއިއެކުގައެވެ. އެކަން މެދުވެރިއެވަނީ އެކުއްޖަކަށް ގުޅުވޭ ބައިވެރިއެއްގެ ގޮތުންނެވެ. މިޒާޖާއި އެހެން ކަންކަންވެސް ތަފާތުވުމުންނެވެ.
އެހެންކަމާއިއެކުވެސް އަޅުގަނޑަށް ޔަޤީންކަމާއިއެކު ބުނަންކެރިދާނެއެވެ. އަޅުގަނޑުމެން 8 ބެއިންގެ ތެރޭގައި ކައިވެންޏާއި ނުލާ ގުޅުމެއް ހިންގި ކުއްޖަކު ނުހުންނާނެއެވެ. މިބުނަނީ ކައިވެނީގެ ބޭރުން އެއްވެސް މީހަކާ (ހިލޭ ފިރިހެނަކާ) ހިންގުން ހުއްދަ ނޫން އެއްވެސް ގުޅުމެއް ހިންގި ހަމަ އެއްވެސް ކުއްޖަކު ނުހުންނާނެއެވެ!"
މިއީ ކަމެއްގެ މަޢުލޫމާތު ސާފުކުރަން ރޭ މިއަދުނޫހަށްގުޅި، މިއަދުނޫހަށް އޭނާ އާއި އޭނާގެ ޢާއިލާވެސް ރަނގަޅަށް އެނގޭ ފަރާތަކުން ބުނި ވާހަކައެކެވެ. މިވާހަކަކޮޅުގެ އަގު މިއަދު ރަނަށްވުރެވެސް ބުރަބޮޑުވުމުން ކިޔުންތެރިންނަށް ދަންނަވައިލީއެވެ.
އެކުދިން ތަރުބިއްޔަތުކުރި މަންމައަށާއި ބައްޕައަށް އަދި ސާބިތުކަމުގައި ތިބި އެކުދިންނަށް ﷲ ހެޔޮރަޙްމަތް މިންވަރުކުރައްވަވާށި! އެކުދިންގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާށި! އާމީން