އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު (އޭއޭއޭއެޗް) އެވޯޑު މިނިސްޓްރީ އޮފް ހެލްތަށް ލިބިއްޖެއެވެ. މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދިޔަ އެ ޖަމިއްޔާގެ 14 ވަނަ ކޮންފަރެންސްގެ ތެރެއިންނެވެ.
މި ޝަރަފުވެރި އެވޯޑު ސިއްހަތާ ބެހޭ ވުޒާރާއަށް ލިބިފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ރާއްޖޭގެ އޮފީހާ ގުޅިގެން، އެ ވުޒާރާގެ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ޓީމުން ކުރި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެވޯޑަކީ ރާއްޖޭގައި އަސާސީ ސިއްހީ ޚިދުމަތްތައް ނުވަތަ ޕްރައިމަރީ ހެލްތު ކެއާ އިތުރަށް ހަރުދަނާކޮށް، އެންމެންނަށް ޝާމިލުވާ ގޮތަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް (ޔުނިވާސަލް ހެލްތު ކަވަރޭޖް) ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި އެވޯޑާއެކު ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމަކާއި ތައުރީފެއް ވަނީ ލިބިފައެވެ.