ސިޙްރަކީ އެއަށް ޙަޤީޤަތެއް ލިބިގެންވާ އެއްޗެއްކަމަށް ނުވާނަމަ އަދި އެކަލޭގެފާނަށް ސިޙްރު ޖެހިވަޑައި ނުގަންނަވާނަމަ ﷲގެ حضرة ން استِعاذة ކުރެއްވުމަކަށް سورة الفلق ގައި الله تعالى އަމުރެއް ނުކުރެއްވީހެވެ. އެސޫރަތުގައި "وَمِنْ شَرِّالنَّفَّاثَاتِ فِى الْعًقد " (އަދި ގޮއްތަކަށް ފުމެހަދާ نَفَّاثات ގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ހަޟްރަތުން މިއަޅާ ވާގިއެދެމެވެ.) މިފަދައިންވެއެވެ. އެއާޔަތުގައިވާ "نَفَّاثات" އަކީ މުފައްސިރުން ވިދާޅުވާ ގޮތުގައި ގޮށްތަކަށްފުމެ ސިޙްރުހަދާ ސިޙްރުވެރި އަންހެނުންނެވެ.
ޙަޤީޤަތަކީ މިއީކަމުގައިވިއަސް ސިޙްރަކީ އެކަލޭގެފާނަށް ޖެހިވަޑައިގަތް އެއްޗެއްނޫންކަމަށް ވިދާޅުވާބޭކަލުންވެސް އުޅުއްވައެވެ. އެބޭކަލުންގެ އެއްދަލީލަކީ " وَاللَّهُ يَعْصِمُكَ مِنَ النَّاسِ" – المائدة 67 (ﷲ މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރިކޮށް ދެއްވާނެއެވެ.)
މިދަލީލާމެދު ދެޖަވާބެއް ވެއެވެ. އެއްޖަވާބަކީ އެކަލާނގެ އެކަލޭގެފާނު ރައްކާތެރި ކުރައްވާނެކަމަށް އަންގަވާފައި އެވަނީ ޤަތުލުވެވަޑައިގަތުމުންނާއި ހައްޔަރުވެ ވަޑައިގަތުމުންނާއި ޖުމްލަގޮތެއްގައި ހަލާކުވެވަޑައިގަތުމުންނެވެ. އެކިއެކި عَارِضِى ކަންތައްތަކަކުންނޫނެވެ. ފަހެ އެއީ ޖުމްލަގޮތެއްގައިވާ ޢިޞްމަތްތެރިކަމާ تعارض ވާކަމެއްނޫނެވެ. އަނެއްޖަވާބަކީ " وَاللهً يَعُصِمُكَ مِنَ النَّاس" މިއާޔަތް ބާއްވައިލެއްވުނީ މަދީނާގައި އެންމެފަހުކޮޅު ބާވައިލެއްވުނު އާޔަތްތަކުގެ ތެރޭގައެވެ. އެކަލޭގެފާނަށް ސިޙްރުގެ އުދަގޫ ޖެހިވަޑައިގަތީ އޭގެ ކުރީންނެވެ.
ސިޙްރުގެ ޙަޤީޤަތެއް ނެތްކަމަށް ވިދާޅުވާ ބޭކަލުންގެ އަނެއްދަލީލަކީ الله تعالى وحى ކުރައްވާފައިވާ "وَلاَ يُفُلِحُ السَّاحِرُ حَيْثُ أَتَى " طه 69 ސިޙްރުވެރިއާ ކޮންމެއެއްޗެއް ގެނައި ކަމުގައިވިއަސް އޭނާއަކަށް ފަލާޙެއް ނުލިބޭނެއެވެ.) މިބަސްފުޅެވެ. މީގެ މުރާދަކި ސިޙްރުވެރިއާއަކަށް އެއްވެސް ގޮތެއްގައި ސަޢާދަތެއް ނުލިބޭނެއެވެ. އަދި އޭނާ މޮޅެއްނުމެވާނެމެއެވެ. ވީމާ، "لاَ يُفُلِحُ " ގެ މާނައަކީ ސިޙްރު ނުހެދޭނެ ވާހަކައެއް ނޫނެވެ. އަދި ސިޙްރަށް ޙަޤީޤަތެއް ނެތް ވާހަކައެއްވެސް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އޭގެ މާނައަކި އޭނާ ސިޙްރު ހަދައިފިނަމަ އޭނާއަކަށް ކާމިޔާބެއް ނުލިބޭނެއެވެ. އަދި އޭނާވީ އެއްވެސް ތަނެއްގައި އޭނާއަކަށް އަމާންކަމެއް ނުލިބޭނެއެވެ. ފަހެ އެއީ އޭނާއަށް ފަލާޙް ލިބިގެން ނުވުމެވެ.
ފަހެ މިއީ މުސްލިމުންގެ ޖުމްހޫރު ބުރަވާ ގޮތެވެ. ތަފްސީރު ޢިލްމު ވެރީންނާއި حديث ޢިލްމުވެރީންނާއި ފިޤްހުވެރި މުޙައްޤިޤުން ވެސްމެއެވެ. ފަހެ ހަމަކަށަވަރުންވެސް رسول الله صلّى اللهُ عَليه وسلّم އަށް ސިހްރުޖެހިވަޑައިގަތެވެ. އޭގެ އަސަރު ފޯރިކަމުގައިވަނީ އެކަލޭގެފާނުން ހަށިކޮޅަށެވެ. ބުއްދިފުޅަކަށް އޭގެ އަސަރެއް ނުފޯރައެވެ. ވުމާއެކު އެއީ އެކަލޭގެފާނުގެ ނުބުއްވަތާއި ރިސާލަތުގެ މަޤާމަށް ޠަޢުނުކުރެވޭނެ ކަމެއްނޫނެވެ. އަދި އެކަމަށް އުނިކަމެއް ލިބޭނެ ކަމެއްވެސް ނުމެނޫންމެއެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)