ވިލާ ކޮލެޖުގެ ސެޓްފިކެޓް 4 އިން ކްރިއޭޓިވް އާރޓްސް އެންޑް ޑިޒައިން ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރުން ބައިވެރިވެގެން ސްޕެކްޓްރަމް 2022 ގެ ނަމުގައި އާރޓް އެންޑް ޑިޒައިން އެގްޒިބިޝަނެއް ބާއްވައިފިއެވެ.
ކޮލެޖުގެ ދަރިވަރުންނާއި އެކުދީންގެ ބެލެނިވެރިންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވުނު މި އެގްޒިބިޝަން ބާއްވާފައިވަނީ މިއަދު ހަވީރު ވިލާ ކޮލެޖުގެ ހޯލުގައެވެ.
ވިލާ ކޮލެޖުން ބުނެފައިވަނީ މި އިވެންޓުގައި ދަރިވަރުން ޕްރޮގްރާމް ފުރިހަމަ ކުރަމުންދިޔަ އިރު ކޮށްފައިވާ އެކިއެކި މަސައްކަތްތަކާއި މީގެ އިތުރުން މި އިވެންޓަށް ޚާއްސަކޮށް ދަރިވަރުން ތައްޔާރުކޮށްފައިވާ މޫވީ ޓްރެއިލަރ ތަކާއި ޕޯސްޓަރތައްވެސް ވަނީ ދައްކާލާފައިކަމަށެވެ. ހަމައެއާއެކު، ދަރިވަރުންގެ މަސައްކަތްތައް ދައްކުވައިދޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޚާއްސަ ފޮތް ވެސް ވަނީ މި ޙަފްލާގައި ނެރެފައެވެ.
މި ފޮތް ނެރެދެއްވީ، މި ޙަފްލާގެ ޝަރަފުވެރި މެހުމާނު، ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރެވެ.
މިއީ މިފަދަގޮތަކަށް ބޭއްވުނު ދެވަނަ ޙަފްލާއެވެ. މި ޙަފްލާ ގެ މައިގަނޑު މަޤްސަދަކީ ވިލާ ކޮލެޖުގައި ކްރިއޭޓިސް އާރޓްސް ކިޔަވަމުންދާ ދަރިވަރުންގެ ހުނަރު ދައްކުވައިދީ، އެ ކުދީންގެ އެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް ހިއްވަރު ދިނުމެވެ. ވިލާ ކޮލެޖުން މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ބެޗެއްގެ ދަރިވަރުންނަށްވެސް މި ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.