ބައެއް މީހުން އެމީހުންނަށް މާގިނަ އަޅުކަން ނުކުރެވެނީސް ޒުވާން ޢުމުރުގައި މަރުވެދަނެތީ ކަންބޮޑުވެއެވެ. ނަމަވެސް އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ކިތަންމެ ޒުވާން ޢުމުރުގައިވެސް އެންމެ މާތް މީހެއްގެ ގޮތުގަ މަރުވެވިދާނެއެވެ!
ހަމައެކަނި ކުރަން އޮތް ކަމަކީ ހެޔޮ ޢަމަލުތައް ކުރަމުން ގެންދިއުމެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ މަރުވި ޢުމުރަކަށް ނޫނެވެ. ދުނިޔޭގައި ހުރި ދުވަހު ތިބާކުރި ހެޔޮ ޢަމަލުތަކަށެވެ. ބާލިޣްވެ ބުއްދިފުރިހަމަވުމަށްފަހު ތިބާ ކުޅަ ޢަމަލުތަކަށެވެ. ވީމާ ކުރެވޭ އަޅުކަމުގެ ޢަދަދަކީ އެއްވެސް މައްސަލައެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް އެދުވަހަކު ކުރަންޖެހޭ ކަންކަން ކުރެވިފައިވާނަމަ އެއޮތީ ކާމިޔާބުކުރެވިފައެވެ.
މިސާލަކަށް މީހަކު 100 އަހަރު ދުނިޔޭގައި ހުރިނަމަ ޢަދަދުގެ ގޮތުން ކުރެވޭ އަޅުކަން ގިނަވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި 15، 20 އަހަރުގައި މަރުވާނަމަ ކުރެޭ އަޅުކަމުގެ ޢަދަދު މަދުވާނެކަންވެސް ދެނެވޮޑިގެންވެއެވެ. ވީމާ އެއީ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫނެވެ.
"ޙުސްނުލްޚާތިމާ" އަކީ ﷲ ތަޢާލާ ރުހިވޮޑިގެންވާ ޙާލު ތިބާ މަރުވުމެވެ. އެއިރުން ތިބާވާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. ކިޔަމަންތެރިކަމާއިއެކު އުޅެމުންދަނިކޮށް ކުއްލިއަކަށް މަރުވިނަމަވެސް ކަންބޮޑުވުމެއް ނެތެވެ. ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލިބޭނެއެވެ. ނަމަވެސް ތައުބާ ނުވެވި ފާފަކުރުންމަތީގައި މަރުވެއްޖެނަމަ ހުރިހާ ކަމެއް ގެއްލިގެން ދިއައީއެވެ.
ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅެއްގެ ގޮތުގައި މަރުވުމަށެވެ. ވަކި އުމުރެއްގައި މަރުވެދާނެތީ ކަންބޮޑުވުމެއް ނެތެވެ.
- މުފްތީ މެންކުގެ ދަރުސަކުން