ރާއްޖޭގެ އެކިތަންތަނުން ހަތިޔާރު ފެންނަނީ – ރައްޔިތުންނަށް ހުރި ބޮޑު ބިރުވެރިކަމެއް

ކިޔުމަށް ހޭދަވާނީ 1މ 56ސ
ރާއްޖޭގެ އެކިތަންތަނުން ހަތިޔާރު ފެންނަނީ – ރައްޔިތުންނަށް ހުރި ބޮޑު ބިރުވެރިކަމެއް
ރާއްޖެއަކީ އަމަން އަމާންކަމާއި ސުލްޙަވެރިކަމުގެ ނަމޫނާ ޤައުމުކެވެ. ދިވެހިންގެ އެއްބައިވަންތަ، އެއްބައެއްވަންތަކަމުގެ ލާމަޘީލު ޤައުމެކެވެ.

އެހެންނަމަވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ހަތިޔާރުކަމަށް ބެލޭވޭ ތަކެތި ފެނުމަކީ މި އަމަންއަމާންކަމަށާއި ސުލްޙަވެރިކަމަށް ބުރޫ އަރާނެ ކަމެއްކަން ޔަޤީނެވެ.

އެންމެފުރަތަމަ ބ. އަތޮޅު ހިބަޅިދޫ ފަޅުތެރެއިން ހަތިޔާރުތަކެއް ފެނުންވެގެންދިޔައީ ޙައިރާންކަން ގެނުވި ކަމަކަށެވެ. އެހާބައިވަރު ހަތިޔާރުތަކެއް އެފަދަ ތަނެއްގައި ހުރުމުންނެވެ. އެހަތިޔާރުތަކަކީ ރާއްޖެ އެތެރެވި ގޮތަކާއި މެދުގައި ނުވަތަ އެތަކެއްޗަކީ ރާއްޖޭގެ ހަތިޔާރު ގުދަނުން ބޭރުވުތަކެތި ނަމަ، އެތަކެތި ބޭރުވި ގޮތަކާއިމެދު އެތައްބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

އެހެން ނަމަވެސް ދިވެހި އަސްކަރިއްޔާއިން ޔަޤީންކަން ދެއްވާފައިވަނީ އެތަކެއްޗަކީ ރާއްޖޭގެ ހަތިޔާރު ގުދަނުން ބޭރުވެފައިވާ ތަކެތި ނޫން ކަމަށެވެ. އެ ގުދަނުން އެއްވެސް ހަތިޔާރެއް މަދުނުވާ ނުވާކަމަށެވެ. އެހެންވީ އިރު، އެއީ ކޮން ގޮތަކުން، ކޮންތަނަކުން ރާއްޖެ އެތެރެވި ހަތިޔާރުތަކެއްތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.

އެކަން އެ އަންނަނީ ކަމާއިބެހޭ ފަރާތްތަކުން ތަޙުޤީޤު ކުރަމުންނެވެ.

އެއަށްފަހު ދެން އިވިގެނއް ދިޔައީ ހިންމަފުށީ ދެގެއެއްގެ ދޮރަށް ވަޒަން އެރިއަޑެވެ. ބެލެވޭގޮތުގައި އެއީ އެރަށާއި ގާތުގައި އޮންނަ ގިރިފުށިން ތަމްރީނުތައް ހަދަމުން ދިއުމުގެ ތެރޭގައި ފަޒާގެތެރެއިން އުދުހިގެން އައި ވަޒަނެވެ. މައްސަލައެއް ނެތެވެ. އެއީވެސް ހަމަ ވެދާނެ ކަމެކެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ދެން އަޑު މިއިވުނީ ވ. ކެޔޮދޫ ބަދަރު ސަރަޙައްދުން ފިސްތޯލައެއްކަމަށް ބެލެވޭ އެއްޗެއް ފެނުނު އަޑެވެ. ބިރުން ހަލާކުވާހާ ވެއެވެ. މުޅި ރާއްޖޭގައި ހަތިޔާރެވެ. އެކިފަހަރު އެކި ދިމާލުން ފެންނަނީއެވެ. ގައިމު އަޅުގަނޑުމެން ރާއްޖެއަކީ ނަސްލީ ހަނގުރާމަކުރާ ޤައުމެއްވެސް ނޫން ވިއްޔާއެވެ. ނޫނީ ޢާންމުން ހަތިޔާރު ހިފައިގެން އުޅުމުގެ ހުއްދަ އޮންނަ ޤައުމެއްވެސް ނޫން ވިއްޔާއެވެ.

ދެން އެހެންވީ އިރު، މިވަނީ ކީއްބާއެވެ. ރާއްޖޭގެ އެކި ސަރަޙައްދުން މިގޮތަށް ހަތިޔާރު ފެންނަމުން ދިއުމަކީ ބިރުވެރިކަމެކެވެ. އަހަރުމެންގެ ޅަ ދަރީންގެ މުސްތަޤުބަލާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ.

މިހާތަނަށް ލިބިހުރި މަޢުލޫމާތުތަކަށް ބުރަވާ އިރު، ރާއްޖޭގެ ހަތިޔާރު ގުދަނުން ހަތިޔާރު މަދެއް ނުވެއެވެ. ރާއްޖެއަށް ހަތިޔާރު އެތެރެކުރާކަމުގެ މަޢުލޫމާތެއްވެސް ނުމެ އިނގޭމެއެވެ. ދެން އެހެންވީ އިރު، މިވާގޮތަކީ ކޮބައިބާވައެވެ!؟
މިއަދު އޮންލައިން