ޢާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލަން ދާނެ މާގިނަ ތަނެއް ނެތެވެ. ޚާއްޞަކޮށް ފުރަމާލޭގައި އެފަދަ ތަނެއް ނެތެވެ. އޮތް ތަނެއްގައި ވިއްޔާ އޮންނަނީ ބިދޭސީންނެވެ.
މައްސަލައެއް ނެތެވެ. އެމީހުންވެސް އެމީހުންގެ ރައްޓެހިންނާއެކު ވަގުތު ހޭދަކުރަންވެސް ވާނެއެވެ. ކޮންމެއަކަސް އަސްލު މައުޟޫއަށް ދަމާހެއްޔެވެ.
ހަފްތާ ބަންދުގައި ނުވަތަ ލިބޭ މަދު ޗުއްޓީތަކުގައި ހުޅުމާލެއަށް ދިއުމަކީ މިހާރު ގިނަ ދިވެހިންގެ އާދައެކެވެ. ޚާއްޞަކޮށް ހުޅުމާލޭ ސެންޓްރަލް ޕާކަކީ ވަގުތު ހޭދަކޮށްލަން ވަރަށް އެކަށޭނަ މާޙައުލެކެވެ. އެތަނުގެ ބޭނުން ހިފާ ފަރާތްތަކުން އެކަން ޝުކުރުވެރިކަމާއެކު ބަލައިވެސް ގަނެއެވެ.
އެތަނަކީ އެހާގިނަ މީހުން އެއްވެ އުޅޭ ތަނަކަށްވާ އިރު، އަދި ގިނަ ޢަދަދަކަށް ތުއްތުކުދިންނާއި މުސްކުޅިންވެސް ޖަމާވެއެވެ. ނަމަވެސް އެތަން މިހާރު އަންނަނީ ދުންފަތުގެ ދުމުން ޖަރީވަމުންނެވެ. ސިއްޙަތަށް ނުހަނު ގެއްލުންދޭ އެއްޗަކަށްވާ އިރުވެސް އެ ޢަމަލު އަންނަނީ ޢާންމުން ގިނައިންއެއްވެ އުޅޭ ތަންތަނުގައި ޢާންމުވަމުންނެވެ.
ޤާނޫނުގައި އެކަން މަނާކޮށްފައި އޮންނަ އިރުވެސް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.
އަޅުގަނޑުގެ މި ލިޔުމުގެ ބޭނުމަކީ ވަކިބަޔަކު ކުށްވެރިކޮށް އަދަބުތަކެއް ދިނުމެއް ނޫނެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ފަދަ ޢާންމުން އެއްވެއުޅޭ ތަންތަނުގައި ޚާއްޞަކޮށް މީހުން ގިނައިން ޖަމާވާ ދުވަސްތަކުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެ ގޮތެއް ހެދުމެވެ.
ކޮންމެ މީހެއްގާތު ފާރައަށް މީހަކު ނުބެހެއްޓޭނެކަންވެސް އެނގެއެވެ. ނަމަވެސް ކަމާއިބެހޭ ފަރާތްތަކުން މިކަމާ ތަންކޮޅެއް ފުންކޮށް ވިސްނަވާ، ހަފްތާ ބަންދު ދުވަސްތަކާއި ހުޅުމާލޭ ސެންޓްރަލް ޕާކަށް ޢާންމުކޮށް މީހުން އެއްވެ އުޅޭ ވަގުތުތަކުގައި ދުންފަތުގެ ދުމުން އެ ސަރަޙައްދު ސަލާމަތްކޮށްދެއްވާށެވެ.
އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޅަ ދަރިންގެ މުސްތަޤުބަލް ސަލާމަތްކޮށްދެއްވާށެވެ...