ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާއި އަލްވާދާއު ކީއެވެ. މި މަތިވެރި މައްސަރުގެ އަޅުކަމަށް ފަހު ދެން އަޅުގަނޑުމެން އެންމެ ހާމުސްލިމުން މި ކުރިމަތިލަނީ ފިތުރު ޢީދު ދުވަސްތަކާއެވެ.
މިއީ ރަމަޟާން މަހުގެ އަޅުކަން ފުރިހަމަ ކުރުމާއި ގުޅިގެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުމުގެ ފުރުޞަތެއްގެ ގޮތުގައި އަޅުގަނޑު މެންނަށް އަންނަ ޢީދެކެވެ. އެގޮތުން މި މާތް އަޅުކަމުގެ މައްސަރާއި ގުޅިގެން މާތް ﷲ ވަނީ ފިޠުރު ޢީދު އަޅުގަނޑުމެންނަށްޓަކައި ކަނޑައަޅުއްވައި ދެއްވާފައެވެ.
އެހެން ނަމަވެސް މިފަދަ ޢީދުތަކުގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީގޮތް ގިނަބަޔަކަށް މިއަދުވަނީ އޮޅުމެއްގެ ތެރޭގައެވެ. އެހެން ކަމުން ޢީދާއި ގުޅިގެން މުސްލިމުން އުފާފާޅުކުރުމުގައި ޞަލަފުއް ޞާލިޙުން ޢީދު ފާހަގަ ކޮށް އުޅުނު ގޮތަށް އަޅުގަނޑުމެންވެސް ޢީދުގެ އުފާ ހާސިލް ކުރުމަކީ އެންމެ އެދެވޭ ގޮތް ކަމުގައި ވާނެއެވެ.
އާދެ! ޢީދުގެ ތަހުނިޔާ ކިޔުމަކީ މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން ކުރައްވާފައިވާ ޢަމަލެކެވެ. އެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކާ ބައްދަލު ވުމުން މިފަދައިން ވިދާޅުވެއެވެ. "تَقَبَّلَ اللهُ مِنَّا وَمِنْكَ" މާނައީ: "ތިމަންމެނާ އަދި ތިބާގެ ފަރާތުން (ހެޔޮ ޢަމަލުތައް) މާތް ﷲ ޤަބޫލު ކުރައްވާނދޭވެ!" މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ ޢީދުގެ ބައެއް އަދަބުތަކުގެ މައްޗަށެވެ.
އެކެއް: ފެންވަރާ ރީތި ހެދުމެއްލައިގެން ޢީދު ނަމާދަށް ދިޔުން.
عَن نَافِع: "أَنَّ ابن عُمَر رَضي الله عَنْهُما كَان يَغْتَسِلُ يَوم الفِطْر قَبْلَ أَنْ يَغْدُو إِلى المُصَلّى" - أخرجه مالك في موطئه މާނައީ: "ނާފިޢުގެ އަރިހުން ރިވާވެގެންވެއެވެ. ޢިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހު ފިޠުރު ޢީދު ދުވަހު ޢީދު ނަމާދަށް ވަޑައިގަތުމުގެ ކުރީގައި ނާނޭފުޅުފިއްލަވައެވެ. (އެބަހީ: ހިނައިވަޑައިގަނެއެވެ.)" އަދި އިބްނުލް ޤައްޔިމު ރަޙިމަހުއް ﷲ އެކަލޭގެފާނު މަޝްހޫރު ސީރަތު ފޮތް "ޒާދުލް މަޢާދު" ގައި ވިދާޅުވެފައިވެއެވެ. "އިބްނު ޢުމަރު ރަޙިމަހުއް ﷲ އަކީ ސުންނަތަށް ތަބާވުމަށް ގަދައަޅާ މަސައްކަތްކުރައްވާ ބޭކަލެކެވެ. އެކަލޭގެފާނު ފިޠުރު ޢީދު ދުވަހު ޢީދު ނަމާދަށް ވަޑައިގަތުމުގެ ކުރީގާ ނާނޭފުޅުފިއްލަވައެވެ."
އިބްނު ޙަޖަރު ރަޙިމަހުއް ﷲ ފަތްޙުލް ބާރީގައި ވިދާޅުވެފައިވެއެވެ. "އިބްނު އަބިއްދުންޔާ އާއި އަދި އަލްބައިހަޤީ، ޞައްޙަ ސަނަދުން ރިވާކުރައްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ޢީދު ދުވަހުގައި، އެކަލޭގެފާނުގެ އަތްޕުޅުގައި އޮންނަ އެންމެ ރިވެތި ހެދުން ތުރުކުރައްވައެވެ."
މާތް ﷲ ރުއްސުންލެވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވާ މިދެ އަޘަރުންވެސް ދަލީލުކުރަނީ ޢީދު ދުވަހު ފެންވަރައި ރީތި ހެދުންލާ ހެދުމަކީ މުސްތަޙައްބު ކަމެއް ކަމުގައެވެ.
ދޭއް: ޢީދު ނަމާދަށް ދިޔުމުގެ ކުރީގައި ކަދުރު އޮށެއް ކެއުން.
އަނަސް ރަޟިޔައް ﷲ ޢަންހު ވިދާޅުވެފައިވެއެވެ. "كَان رَسُول اللهِ لاَ يَغْدُو يَوم الفِطْرِ حَتّى يَأْكُل تَمْرَاتٍ ، ويَأْكُلْهُنّ وِتْراً" މާނައީ: "ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ފިޠުރު ޢީދު ދުވަހުގައި ޢީދު ނަމާދަށް ވަޑައިގަތުމުގެ ކުރީގައި ކަދު ފަރިއްކުޅުވައެވެ. އެކަލޭގެފާނު ކަދުރު ފަރިއްކުޅުއްވަނީ އޮނަހިރި ޢަދަދަކުންނެވެ." އެބަހީ: ތިން އޮށް ކަދުރު ނުވަތަ ފަސްއޮށް ކަދުރު މިފަދައިން އޮނަހިރި ޢަދަދަކަށް ކަދުރު ފަރިއްކުޅުވުމަށްފަހުގައި މެނުވީ ޢީދު ނަމާދަށް އެކަލޭގެފާނު ވަޑައިނުގަންނަވައެވެ.
ތިނެއް: ތަކްބީރު ކިޔުން
ޝައްވާލުމަހުގެ ހަނދު ފެނުނީއްސުރެ، ނުވަތަ ރަމަޟާންމަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުނީއްސުރެ ޢީދު ނަމާދު ނިމެންދެން ތަކްބީރު ކިޔުން ސުންނަތްވެގެން ވެއެވެ. އަދި ވަކީން ޚާއްޞަކޮށް ޢީދު ނަމާދަށް ދާމަގުމަތީގައި ފިރިހެނުން އަޑުހަރުކޮށް ތަކްބީރު ކިޔުން ސުންނަތް ވެގެންވެއެވެ. އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. أَنّ رَسُولُ اللهِ كَان يُكَبّرُ يَوم الفِطْرِ مِن حَيْثُ يَخْرُجُ مِن بَيْتِه حَتّى يَأتِي المُصَّلَى" މާނައީ: "ޢީދު ނަމާދަށް މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ނިކުމެވަޑިއިގެންނެވީއްސުރެ ނަމާދު ކުރާ މުޞައްލަ އާއި ހަމައަށް ވަޑައިގެންނެވެންދެން ތަކްބީރު ވިދާޅުވެއެވެ."
ޖަމާޢަތުގައި އެކެއްގެ އަޑުދަށުން އެހެންމީހުން ނަގާކިޔާ އުޞޫލުން ތަކްބީރު ކިޔުމަކީ ބިދްޢައެކެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް އާއި މާތްވެގެންވާ ޞަޙާބީން އެފަދައިން ޢަމަލު ކުރައްވާފައެއް ނުވެއެވެ. ސުންނަތްވެގެންވަނީ ކޮންމެ މީހަކުވެސް ވަކީން، އަޑުހަރުކޮށް ތަކްބީރު ކިޔުމެވެ.
ހަތަރެއް: ޢީދު ނަމާދަށް ދިޔުމުގައި ހިނގާފައި ދިޔުމާއި، މިސްކިތަށް ދާ މަގާއި އެނބުރި އަންނަ މަގު ތަފާތު ކުރުން
ޢީދު ނަމާދަށް ހިނގާފައި ދިޔުން ސުންނަތްވެގެންވެއެވެ. ޢަލީ ރަޟިޔައް ﷲ ޢަންހު ވިދާޅުވެފައިވެއެވެ. "مِن السُّنةِ أَنْ يَخْرُج إِلى العِيدِ مَاشِياً" - أخرجه الترمذي "ހިނގާފައި ޢީދު ނަމާދު ކުރާ މުޞައްލަ އަށް ދިޔުން ސުންނަތްވެގެންވެއެވެ."
ހަމައެފަދައިން މިސްކިތަށް ދިޔަ މަގު ނޫން އެހެން މަގަކުން އެނބުރިއައުންވެސް ސުންނަތްވެގެންވެއެވެ. ޖާބިރު ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "كَان النَّبي صلى الله عليه وسلم إِذَا كَان يَومُ عِيدٍ خَالَفَ الطَّرِيق - أخرجه البخاري .މާނައީ: "ޢީދު ދުވަހުގައި އެކަލޭގެފާނު ނަމާދަށް ވަޑައިގަންނަވާ މަގު ތަފާތު ކުރައްވައެވެ."
ފަހެއް: މުޞައްލައިގައި ނުވަތަ ހުސްބިމަކަށް ނުކުމެ ޢީދު ނަމާދު ކުރުން
ޢީދު ނަމާދު ކުރުން ސުންނަތްވެގެންވަނީ ހުސް މައިދާނަކަށް ނުކުމެ އެތާނގައެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޢީދު ނަމާދު ކުރައްވާފައިވަނީ މުޞައްލައިގައެވެ. މުޞައްލައަކީ މިސްކިތް ފިޔަވައި ނަމާދު ކުރާތަންތަނަށް ޢަރަބި ބަހުގައި ކިޔާ ނަމެކެވެ. އަބޫ ސަޢީދުލް ޚުދްރީ ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "كَان النَّبي صَلىّ اللهُ عَليهِ وَسَلّم يَخْرُجُ يَوْمُ الفِطْرِ وَالأَضْحَى إِلى المُصَلىّ فَأَوَّلُ شَيءٍ يَبْدَأُ بِه الصَّلاَة" - متفق عليه މާނައީ: "މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހިވަސައްލަމް ފިޠުރު ޢީދުގަޔާއި އަޟްޙާ ޢީދުގައި މުޞައްލަ އަށް ނިކުމެވަޑައިގަންނަވައެވެ. އަދި އެންމެ ފުރަތަމަ އެކަލޭގެފާނު ކުރައްވާކަމަކީ ޢީދު ނަމާދު ކުރެއްވުމެވެ."
އަލްޙާފިޠު އިބްނު ޙަޖަރު ރަޙިމަހުއް ﷲ ވިދާޅުވެފައިވެއެވެ. "އެކަލޭގެފާނު ޢީދު ނަމާދު ކުރެއްވުމަށް ނުކުމެވަޑައިގެންނެވި ތަނަކީ އެންމެން ދަންނަ ތަނެކެވެ. އެ ހިސާބަކީ މަސްޖިދުއް ނަބަވީގެ ދޮރުކޮޅާއި އެ ހުސްބިމާ ދެމެދުގާ ގާތް ގަނޑަކަށް އެއްހާސް ޒިރާޢުގެ ދުރުމިންހުންނަ މައިދާނެކެވެ."
އުއްމު ޢަޠިއްޔާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "أُمِرْنا أَنْ نَخْرُجَ، فنُخْرِجُ الحُيَّض وَالعَواتِقُ وَذَوَاتُ الخُدُورِ. فَأمَّا الحُيَّض فَيَشْهَدْنَ جَمَاعَة المُسْلِمِين وَدَعْوَتَهُم، وَيَعْتَزِلْنَ مُصَلاَهُم " - أخرجه البخاري ومسلم މާނައި: "ތިމަންމެނަށް ޢީދު ނަމާދަށް ދިޔުމަށް މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހިވަސައްލަމް އަމުރު ކުރައްވައެވެ. އަދި ތިމަންމެންގެ ތެރެއިން ޙައިޟުވެރީންނާއި، ޒުވާން އަންހެންކުދީންވެސް ޢީދަށް ދިޔުމަށް އަމުރު ކުރައްވައެވެ. އޭގެތެރެއިން ޙައިޟުވެރީން ނަމާދުކުރާ ތަނާ ދުރުގައި ތިބެ، އެ މުޞައްލައިގައި ކުރެވޭ ދުޢާތަކާއި ހެޔޮ ބަސްތައް އަޑުއެހުމަށް އެއްކައިރީގައި ތިބެއެވެ."
ހައެއް: ޢީދު ނަމާދު ކުރާގޮތް
ޢީދު ނަމާދުގައިވަނީ ދެ ރަކުޢަތެވެ. ފުރަތަމަ ރަކްޢަތުގައި ތަކްބީރަތުލް އިޙްރާމްގެ އިތުރުން ހަތް ފަހަރު ތަކްބީރު ކިޔުމާއި، ދެވަނަ ރަކްޢަތުގައި އެރަކްޢަތުގެ ތަކްބީރުގެ އިތުރުން ފަސް ތަކްބީރު ކިޔުން ސުންނަތްވެގެން ވެއެވެ. ޢާއިޝާ ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "أَنّ رَسُولَ اللهِ صَلّى اللهُ عَليهِ وَسَلّم كَانَ يُكَبِّرُ فِي الفِطْرِ وَالأَضْحَى فِي الأُولَى سَبْع تَكْبِيرَاتٍ، وَفِي الثَّانِيَةِ خمَساً" - سنن أبي داود މާނައީ: "ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ފިޠުރު ޢީދާއި އަޟްޙާ ޢީދުގައި ފުރަތަމަ ރަކްޢަތުގައި ހަތް ތަކްބީރު އަދި ދެވަނަ ރަކްޢަތުގައި ފަސްތަކްބީރު ވިދާޅުވެއެވެ."
ޢީދު ނަމާދަކީ ބަންގި ދިނުމެއް އަދި ޤަމަތް ދިނުމެއްވެސްނެތި ކުރެވޭ ދެރަކުޢަތެވެ. އިބްނު ޢައްބާސް ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "أَنّ رَسُولَ اللهِ صَلّى اللهُ عَليهِ وَسَلّم صلّى العِيد بِلا أَذَانٍ وَلاَ إِقَامَةٍ" - سنن أبي داود މާނައީ: "ރަސޫލުއް ﷲ ގެފާނު ޢީދު ނަމާދު ކުރެއްވީ ބަންގިދިނުމެއް އަދި ޤަމަތް ދިނުމެއްވެސް ނެތިއެވެ."
ޢީދު ނަމާދުގައި ޚުޠުބާ ކިޔުން ސުންނަތްވެގެންވަނީ ނަމާދަށް ފަހުގައެވެ. އިބްނު ޢައްބާސް ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. "شَهِدتُ صَلاةَ الفِطْرِ مَع نَبِي اللهِ وَأَبِي بَكْرٍ وَعُمَرُ وَعَثمَان، فَكُلُّهُم يُصَلّيهَا قَبْلَ الخُطْبَة" - أخرجه مسلم މާނައީ: "މާތް ﷲ ގެ ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް އާއި އަބޫ ބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނުގެ ޚިލާފަތުގައި އެ އެންމެ ބޭކަލުންނާއެކުގައި ތިމަންކަލޭގެފާނު ފިޠުރު ޢީދުނަމާދު ކުރެއްވީމެވެ. އެ އެންމެ ބޭކަލުން ޚުޠުބާ ދެއްވުމުގެ ކުރީގައި ފިޠުރު ޢީދު ނަމާދު ކުރައްވައެވެ."
ޢީދަކީ މުސްލިމުން އުފާފާޅުކޮށް ތަހުނިޔާ ބަދަލު ކުރުމުގެ ދުވަހަށްވީހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީކުރައްވާފައިވާ އެއްވެސް ޢަމަލަކަށް އަރައި ނުގަތުމަށާއި، ޝަރުޢީގޮތުން ޙަރާމްކަމެއް އުފާ ފާޅުކުރުމުގެ ތެރޭގައިވެސް ނުކުރުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.