ދިރާގު "ނައުއެމްވީ" ގެ ނަމުގައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 54ސ
ދިރާގު "ނައުއެމްވީ" ގެ ނަމުގައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ގޮތަށް "ނައުއެމްވީ" ގެ ނަމުގައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. 

ނަމާދު ގަޑިތަކާއި، މީރު ކާއެއްޗެހީގެ ރެސިޕީތަކާއި، ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތަކާއި، މުހިންމު ކަންތައްތަކަށް ރިމައިންޑަރ ސެޓް ކުރުން ފަދަ ކަންތައްތަކަކީ ފޯނުން ނުވަތަ ޑިޖިޓަލް ޑިވައިސްތަކުގައި ހުންނަ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކު ކޮށް އުޅޭ ކަންތަކެވެ. މި ދުވަސްވަރަކީ ހުރިހާ ކަމެއްހެން ގޭގައި ރައްކާތެރިކަމާއެކު ތިބިގެން ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ކުރަން ޖެހިފައިވާ ދުވަސްވަރަކަށް ވީ ހިނދު، ދިރާގުން ބޭނުންވީ ދިރާގު "ނައުއެމްވީ" އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި، އެއް ތަނަކުން ފަސޭހަކަމާއެކު، މި ހުރިހާ ކަމެއް ކުރެވޭނެ ފަދަ ނިޒާމެއް ފޯރުކޮށްދިނުމަށެވެ. 

މި އެޕް މިހާރު އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. މި އެޕް ބޭނުން ކުރުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާކަށް ނުޖެހެނޭއެނެވެ. 

މި އެޕްގައި ރޯދަ މަހަށް ހާއްސަ ގިނަ ފީޗަރތަކެއް ވެސް ހިމެނެއެވެ. އެގޮތުން "ނައުއެމްވީ" އެޕް މެދުވެރިކޮށް ނަމާދު ގަޑިތަކުގެ ނޮޓިފިކޭޝަން ސެޓް ކޮށް، ރޯދަ ވީއްލަން ތައްޔާރުކުރާނެ ކާއެއްޗެހީގެ ރެސިޕީ ހޯދައި އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗަރތައް ހިމެނެއެވެ. 

މީގެ އިތުރުން ނައު އެޕް މެދުވެރިކޮށް، "ދިރާގު ޕޭ" ގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ. 

ނައުއެމްވީ އެޕްގެ ހާއްސަ ފީޗަރތައް. 

މާލޭގެ އިތުރުން ހުރިހާ ރަށްރަށެއްގެ ނަމާދުގަޑިތައް އަންގައިދީ އަދި ކޮންމެ ނަމާދެއްގެ 5 މިނަޓު ކުރިން ނަމާދު ކުރުމަށް ރިމައިންޑަރ ސެޓް ކުރެވޭނެއެވެ. މީގެ އިތުރުން ނަމާދު ކުރެވޭ މިންވަރުވެސް ޓްރެކް ކުރެވޭނެއެވެ.

ރޯދަ ހިފޭ ވަރު ޓްރެކް ކުރުން

މީރު ކާއެއްޗެހީގެ ރެސިޕީތައް. މީގެ ތެރޭގައި، ދިރާގުން މީގެ ކުރިން ރޯދަ މަހާ ގުޅިގެން ގެނެސްދީފައިވާ "ދިވެހިންގެ ރަހަ" ޝޯވގެ ވީޑިއޯތައްވެސް މި އެޕްގައި ހިމެނޭނެއެވެ.

ޑެލިވަރ ކޮށްދޭ ރެސްޓޯރަންޓް ތަކުގެ މެނޫ އަދި ގުޅޭނެ ނަންބަރުތަކުގެ އިތުރުން ރެސްޓޯރެންޓް ތަކާއި ކެފޭތައް ރޭޓްކޮށް ރިވިއު ކުރެވުން

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. މީގެއިތުރުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޞަދަޤާތް ވެސް ދެއްކޭނެއެވެ.

ފިޓްނަސް ވީޑިއީ ކްލިޕްސް އަދި "ދޯ" ، "ޓޭސްޓްއެމްވީ" އަދި "މޯލްޑިވްސް އިންސައިޑަރ" ފަދަ މަޝްހޫރު އޮންލައިން މަޖައްލާތަކުގެ ބައެއް އާޓިކަލްތައް މިބައިގައި ހިމެނޭނެއެވެ.

ޑޮނޭޝަން، މޫސުން އަދި ދަތުރު ފަތުރާއި އިވެންޓްސް އާ ބެހޭ މައުލޫމާތު ލިބޭ ފީޗަރތައްވެސް މި އެޕްލިކޭޝަންގައި އެކުލެވިގެންވެއެވެ 

ކުރިއަށް އޮތްތަނުގައި އެޕް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުން ބޭނުންވާ ފަދަ ފީޗަރތައް ހިމެނުމުގެ މަސައްކަތް ދިރާގުން ދަނީ ކުރިއަށްގެންދަމުންނެވެ.  

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

މިއަދު އޮންލައިން