ރޭއަޅުކަމުގެ ގޮތުގައި ކުރާ ތަރާވީޙް ނަމާދާއި ދަމުނަމާދާއި ވިތުރީގައި ދުޢާކުރުމުގެ މަޤާމްތަކަށް ބަލައިފިނަމަ އައްތަޙިއްޔާތުގައާއި ކޮންމެ ރަކްއަތެއްގެ ވެސް ސަޖިދައިގައި ދުޢާ ކުރެވޭނެއެވެ. ދެން ވިތުރީގެ ފަހު ރަކްޢަތުގެ ޤުނޫތުގައި ދުޢާކުރެވޭނެއެވެ.
ﷲ ތައާލާ އެކަލާނގެ އަޅުތަކުންނާއި އެންމެ ބޮޑަށް ކުއްތަންވެގެންވަނީ ސަޖިދައިގައި އޮންނަ ވަގުތުގައެވެ. ވީމާ ސަޖިދައިގައި އޮވެ އެމީހަކު ބޭނުން ދުޢާއެއް ކުރަމުން ގެންދާށެވެ! ގިނަގިނައިން ދުޢާކޮށް ބޭނުންވާ ކަންކަމަށް އެދި ދަންނަވަމުން ގެންދާށެވެ!
މީގެ އިތުރުން ނަމާދު ނިމި ސަލާމް ދެވުމާއިއެކު ދުޢާކުރަން ފަށާށެވެ! އެ ނަމާދެއްގެ ފަހުގައި ކިޔަން ހުންނަ ދުޢާ ކިޔުމާއިއެކު އެމީހަކު ހިތް އެދޭހައި ކަންކަމުގެ ވާހަކައިން އެދި ދަންނަވާށާވެ! ދުޢާކުރަން ފެށުމުގެ ކުރިން ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔަވަން ހަނދުމަނެތިކޮށްނުލާށެވެ!
އެނޫން މަޤާމްތަކުގައި ކިޔަންވާނީ ނަމާދުގައި ކިޔާންހުރި ތަކެއްޗެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން