އާދެ! މާތްﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވަނީ ތެދުވެރިބައަކަށް ވުމަށެވެ. ކީރިތި ޤުރުޢާންގައި މާތްﷲ އަންގަވާފައިވަނީ "ތެދު ބުނާ މީހުންނާއެކު ތިއަބައިމީހުންވާށޭ. އޭ އީމާންވީ މިސްތަކުންނޭވެ!" އެހެންވީމާ ތެދުވެރިކަމަކީ އެއީ އިންސާނާގެ ހުރި ރިވެހި އަޚްލާޤްގެ ތެރެއިން އެންމެ މަތިވެރި އެއް އަޚްލާޤެވެ.
ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަވެސް ތުއްޕުޅުއިރު އެކަލޭގެފާނު ޒުވާން އުމުރުފުޅުގައި ޤައުމުގައި މަޝްހޫރުވެވަޑައިގެންފައިވަނީ ތެދުވެރި އަމާނާތްތެރިޔާގެ ގޮތުގައެވެ.
ތެދުވެރިކަމަކީ އެއީ މުސްލިމް އިންސާނާގެ ހުރިހާ ކަމެއް ޒީނަތްތެރިކޮށްދޭ މާތް ސިފައެކެވެ. އެހެންވީމާ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވަނީ "ތިއަބައިމީހުން ތެދު ބުނާށެވެ. ތެދުވެރި ބައަކަށްވާށެވެ. ތެދު ބުނާށެވެ."
އަމިއްލަ ނަފްސުގެ މައްޗަށް ކަމުގައިވިޔަސް ތެދު ބުނަންޖެހޭނެއެވެ. ދޮގު ހެކި ދީގެންނުވާނެ. ތެދުވެރިވާންޖެހޭނެ ތެދު ބުނަންޖެހޭނެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މިހަދީޘްގައި މިބަޔާންކުރައްވަނީ " ތިޔަބައިމީހުން ތެދުވެރިވާށެ. ތެދު ބުނާށޭ. ތެދު ބުނުމަކީ އެއީ ހެޔޮކަމަށް މަގުފަހިކޮށްދޭ ކަމެކޭ. ތެދު ބުނުމަކީ ހެޔޮކަންކަމަށް މަގުފަހިކޮށްދޭ ކަމެކޭ. ހެޔޮކަމަށް މަގުފަހިވެގެން ދިއުމަކީ ސުވަރުގެއަށް މަގުފަހިކޮށްދޭ ކަމެކޭ. މީހަކު ތެދު ބުނެ ތެދު ބުނުމަށް މަސައްކަތްކުރުމަށް ދެމިހުރެއްޖެނަމަ ﷲގެ ހަޟްރަތުގައި އެމީހަކު ލިޔެވިގެންދާނީ ސިއްދީގެއްގެ ގޮތުގައެވެ. ތެދުވެރިމީހެއްގެ ގޮތުގައެވެ.. "އަދި ދޮގުހެދުމުން ތިޔަބައިމީހުން އެއްކިބާވާށެވެ. ދޮގުހެދުމަކީ އެއީ ނުބައިކަންތައްތަކަށް ފާޖިރު ފާސިޤް ކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ. އަދި އެނުބައި ކަންތައްތައް އެއީ ނަރަކައަށް މަގުފަހިކޮށްދޭ ކަމެކެވެ."
"ދޮގުހެދުމުގައި މީހާ ދެމި ހުރެއްޖެނަމަ ދޮގު ހެދުމަށް މަސައްކަތްކުރާ ނަމަ ﷲގެ ހަޒްރަތުގައި އެމީހަކު ވެގެންދާނީ ދޮގުވެރިއެއްގެ ސިފައިގައެވެ.
"އެހެންވީމާ މިހަދީޘްގައި މިވަނީ ނިކަން ބައްލަވާ! ތެދު ބުނުން އެއީ ހެޔޮކަމަށް މަގުފަހިކޮށްދޭ ކަމެކޭ. ހެޔޮކަމަކީ ސުވަރުގެއަށް މަގުފަހިކޮށްދޭ ކަމެކޭ. އޭނާ ތެދުބުނުމުގައި ދެމިހުރެއްޖެނަމަ ތެދު ބުނާނަމަ ﷲގެ ހަޟްރަތުގައި އޭނާ ލިޔެވޭނީ ސިއްދީގެއްގެ ގޮތުގައޭ. އަދި ދޮގުބުނުމާ ދުރުވާށޭ، އެއީ ނުބައި ކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެކޭ ދޮގު ހެދުމަކީ އެއީ. އެދޮގުހެދުން ނުބައިކަންތައްތަކަށް މަގުފަހިކޮށްދޭއިރުގައި ނުބައިކަންތައްތައް އެއީ ނަރަކައަށް މަގުފަހިކޮށްދޭ ކަމެކެވެ. އަދި ﷲ ހަޟްރަތުގައި އެމީހަކު ލިޔެވިގެންދާނީ ދޮރުހަދާ މީހެއްގެގޮތުގައޭ."
އެހެންވީމާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތެދު ބުނަން އެބަޖެހެއެވެ. ﷲ އާއިމެދުގައި ތެދުވެރިވުމާއި އަމިއްލަ ނަފްސާއިމެދު ތެދުވެރިވުމާއި ތެދު ބުނުމާއި ތިމާގެ ދުލުން އެހެން މީހުން ސަލާމަތްކުރުމާއި އަބުރާ ނުބެހުމާއި މިހުރިހާކަމެއް މިއީ ތެދުވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ!
އަޅުގަނޑުމެން ރަމަޟާން މަހު މިސިފަތަކުން ޒީނަތްތެރިވާން އެބަޖެހެއެވެ. މިސިފަތަކުން އަޅުގަނޑުމެން ޒީނަތްތެރިވެއްޖެނަމަ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސުވަރުގެއަށް ދެވޭނެމަގެއްކަމާމެދުގައި ޝައްކެއްނެތެވެ. އިން ޝާ ﷲ.
މާތްﷲ އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއްކަމުގައި ލައްވާށި! ހަމްދުލިﷲ ރައްބިލްއާލަމީން. ވައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ
- މިއަދުނޫހަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވާފައިވާ ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: